ޓީސީ

ނިޒާމް އެނބުރި ޓީސީއަށް

ޓީސީ ސްޕޯޓްސް ކުލަބުގެ ކޯޗް ކަމަށް، މުހައްމަދު ނިޒާމް ހަމަޖައްސައިފި އެވެ.

ޓީސީގެ މަގާމު ހުސްވީ، އެ ޓީމުގެ ކޯޗް ކަމުގައި ހުރި، ޝާޒްލީ މުހައްމަަދު (ޝާޒް) މަގާމުން އިސްތިއުފާ ދިނުމުންނެވެ. ޝާޒްގެ އިސްތިއުފާ އާ ގުޅިގެން އޭނާ ބުނީ، މަގާމުން އިސްތިއުފާ ދޭން ނިންމީ އޭނާ އަމިއްލައަށް ކަމަށެވެ.

ޓީސީ އަށް 2018 ވަނަ އަހަރު ދިވެހި ޕްރިމިއާ ލީިގްގެ ކޯޗް ކޮށްދިން ނިޒާމް، އެނބުރި އެ ޓީމަށް އައީ ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ. އެ މުއްދަތުގައި އޭނާ ވަނީ، 16 އަހަރުން ދަށުގެ ގައުމީ ޓީމާއި، ބަންގުލަދޭޝްގެ ސައިފް ސްޕޯޓިން އާއި މާޒިޔާއަށް ކޯޗް ކޮށްދީފަ އެވެ. މާޒިޔާގެ ކޯޗް ކަމުން ނިޒާމް އިސްތިއުފާ ދިނީ މިދިޔަ މަހު އެވެ.

ޓީސީގެ ކޯޗް ކަމުގައި ނިޒާމް ކުރިން ހޭދަ ކުރި ހަތަރު އަހަރަކީ، ފާހަގަ ކުރެވޭ އަހަރު ތަކެކެވެ. ޓީސީ ގޮވައިގެން 2015 އަހަރު ފުރަތަމަ ޑިވިޝަންގައި ވާދަ ކުރަން ފަށައި، 2018 ވަނަ އަހަރާ ހަމައަށް ދެ މުބާރާތެއް ފިޔަވައި އެހެން ހުރިހާ މުބާރާތެއްގެ ގަދަ ދޭއްގައި ހިމެނުނެވެ. ކުޅުދުއްފުއްޓާއި އައްޑޫގައި 2015 ވަނަ އަހަރު ބޭއްވި ޕްރެޒިޑެންޓް ކަޕާއި 2017 ވަނަ އަހަރު މާލޭ ލީގް ފިޔަވައި އެހެން ހުރިހާ މުބާރާތެއްގެ ގަދަ ދޭއްގެ ތެރޭގައ ޓީސީ ވާދަ ކުރި އެވެ. ރާއްޖޭގެ ޗެމްޕިއަނަކަށް ޓީސީ ހަދައި ދިނެވެ. ކޮމްޕްޓިޝަން ފޯމެޓަށް ބޭއްވި ބޭރުގެ މުބާރާތެއް ކާމިޔާބު ކުރި ފުރަތަމަ ދިވެހި ކުލަބުގެ ޝަރަފު ޓީސީއަށް ހޯދައިދިނެވެ.

ޓީސީ، މި ސީޒަންގައި ކޯޗް ބަދަލު ކުރި ފަސް ވަނަ ޓީމެވެ. އެންމެ ފުރަތަމަ ކޯޗް ބަދަލު ކުރީ މާޒިޔާއިންނެވެ. އެއަށް ފަހު އީގަލްސް އާއި ޔުނައިޓެޑް ވިކްޓަރީ އަދި ސުޕަ ޔުނައިޓެޑް ސްޕޯޓްސް އިން ވެސް ކޯޗުން ބަދަލު ކުރި އެވެ.