ދުނިޔެ

އިޒްރޭލު އެމްބަސީ ކައިރިގައި ގޮވުމެއް: އިންޑިއާ

ނިއު ދިއްލިގައި ހުންނަ އިޒްރޭލު އެމްބަސީއާ މާ ދުރު ނޫން ހިސާބެއްގައި ބޮމެއް ގޮއްވާލާފައި އެވެ. ފުލުހުން ބުނީ ގޮއްވާލީ އިމްޕްރޮވައިސްޑް އެކްސްޕްލޯޝަން ޑިވައިސް (އައިއީޑީ) އެއް ކަމަށެވެ. އަދި ދެތިން ކާރަކަށް ގެއްލުންވި ކަމަށެވެ.

އިޒްރޭލް ޓީވީން ބުނީ އައިއީޑީ ގޮއްވާލާފައި ވަނީ އެމްބަސީއާ ގާތްގަނޑަކަށް 164 ފޫޓު ދުރުގައި ކަމަށެވެ.

"އެއީ ވަރަށް އާދައިގެ އައިއީޑީއެއް" ދިއްލީ ފުލުހުން ނެރުނު ބަޔާނެއްގައި ބުނެ އެވެ. "އަބްދުލް ކަލާމް މަގަކީ ރައްކާތެރި ފިޔަވަޅުއަޅާފައި އޮންނަ މަގެއް ނަމަވެސް އައިއީޑީއެއް ގޮއްވާލާފައިފި"

ދިއްލީ ފުލުހުން ބުނާ ގޮތުން މީހަކަށް ގެއްލުމުއް ނުވެ އެވެ. އެހެން ނަމަވެސް ދެތިން ކާރެއްގެ ބިއްލޫރިތައް ތަަޅައިގެން ވަނީ ގޮސްފަ އެވެ.

ދިއްލީ ފުލުހުން ބުނީ މިއީ ކިހިނެއް ހިނގައިގެން އުޅޭ ކަމެއްކަން އަދި ސާފުނުވާ ކަމަށާއި ހޯދި ހޯދުމުން ހީވަނީ ކޮންމެވެސް މީހަކު ޖެއްސުމަށް، ބިރުގަންނަވަން ކުރި ކަމެއް ކަމަށެވެ.

ދިއްލީ ޗީފް މިނިސްޓަރު އަރުވިންދް ކެޖްރިވާލް ވިދާޅުވީ ދިއްލީގައި ހަމަނުޖެހުން އުފައްދަން ކުރާ ކޮންމެ ކަމަކަށް އާދައިގެ ގޮތެއްގައި ދޫކޮށްނުލައްވާނެ ކަމަށެވެ.

މި ހާދިސާއާ ބެހޭ ގޮތުން އިޒްރޭލުން ރަސްމީކޮށް އަދި އެއްޗެއް ނުބުނެ އެވެ. އެހެން ނަމަވެސް އޮފިޝަލަކު ވިދާޅުވީ ދެގައުމުގެ ސަލާމަތީ ބާރުތަކުން ހާދިސާ ތަހުގީގުކުރަމުން އަންނަ ކަމަށެވެ. އިންޑިއާއިން ބުނީ އިޒްރޭލް އެމްބަސީއާ ޑިޕްލޮމެޓުން ރައްކާތެރިކުރުމަށް އިންޑިއާއާށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށެވެ.