ބޭރު ކުޅިވަރު

ރައީސް ހުއްޓައި ޔޫއޭފާގެ ތާއީދު ޖެނެރަލް ސެކްރެޓަރީ އަށް

އަންނަ ފެބްރުއަރީ މަހު ބާއްވާ ފީފާގެ އިންތިހާބަށް ޔޫއޭފާގެ ރައީސް މިޝޭލް ޕްލެޓީނީ އާއި ޖެނެރަލް ސެކްރެޓަރީ ޖިއާނީ އިންފަންޓީނޯ ވާދަކުރައްވަން ނިންމެވުމުން ތާއިދު ކުރައްވާ އިންފަންޓީނޯ އަށް ކަމަށް ޔޫއޭފާއިން ނިންމައިފި އެވެ.

ޔޫރަޕުގެ ފުޓްބޯޅަ ޖަމިއްޔާއިން މި ގޮތަށް ނިންމީ ކޮރަޕްޝަނުގެ ތުހުމަތުގައި ޕްލެޓީނީ ފުޓްބޯޅައިގެ ހަރަކާތްތަކުން 90 ދުވަހަށް ސަސްޕެންޑްކޮށްފައި ހުރުމުންނެވެ.

ޔޫއޭފާއިން ނެރުނު ކުރު ބަޔާނުގައި ވަނީ އިންފަންޓީނޯ ފުޓްބޯޅައިގެ އެންމެ ބާރުގަދަ މަގާމަށް ގެނައުމަށް އެޖަމާއަތުގެ ހިފެހެއްޓުމެއްނެތް ތާއީދު ލިބޭނެ ކަމަށެވެ.

"އަހަރުމެން ގަބޫލުކުރަން ގިއާނީ އިންފަންޓީނޯގެ ކިބައިގައި ފީފާ ގޮވައިގެން ކުރިއަށް ދެވެނޭ ކަމުގެ ހުރިހާ ކޮލިޓީ އެއް ހުރި ކަމަށް. އަހަރުމެންގެ ހިފެހެއްޓުމެއްނެތް ތާއީދު އޭނާ އަށް އޮންނާނެ އަދި އެހެން ގައުމުތަކުގެ ތާއީދު ހޯދަން ވެސް މި ޖަމާއަތުން މަސައްކަތް ކުރާނެ،" ޔޫއޭފާއިން ބުނެފައިވެ އެވެ.

އިންފަންޓީނޯ ބުނީ އެންމެ ފަހު ވަގުތު ފީފާގެ ރައީސްކަމަށް އޭނާ ކުރިމަތިލެއްވީ ވަރަށް ގިނަބައެއްގެ ތާއީދާއެކު ކަމަށެވެ. އަދި ފުޓްބޯޅަ އެހެން ހަރުފަތަކަށް ގެންގޮސްދޭނެ އޭނާ މަސައްކަތްކުރާނެ ކަމަށެވެ.