ދުނިޔެ

ޔޫއޭއީއިން އިންވެސްޓަރުނަށާއި ފަންނުވެރިނަށް ރަށްވެހިކަންދެނީ

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އުފަން ނޫން މީހުންނަށް ރަށްވެހިކަންދިނުމަށް ގާނޫނަށް ބަދަލު ގެނެސްފައިވާ ކަމަށް ދުބާއީގެ ވެރިޔާ ޝެއިޚް މުޙައްމަދު ބިން ރާޝިދު އަލް މަޚްތޫމް ވިދާޅުވެ ޓްވީޓް ކުރައްވައިފި އެވެ.

ޝެއިހް މުހައްމަދު ވިދާޅުވީ ޔޫއޭއީ ރަށްވެހިކަން ދިނުމަށް ހަމަޖައްސާފައި ވަނީ އިންވެސްޓަރުންނަށާއި ފަންނުވެރިން އަދި ޕްރޮފެޝަނަލުންނަށް ކަމަށެވެ. އޭގެ ތެރޭގައި ސައިންސްވެރިން، ޑޮކްޓަރުން، އިންޖިނޭރުން، އާޓިސްޓުން އަދި ލިޔުންތެރިނާ އެމީހުންގެ އާއިލާތައް ހިމެނޭ ކަމަށެވެ.

ޔޫއޭއީއިން ރަށްވެރިކަން ދިނުމުގައި ޝަރުތުކޮށްފައި ވަނީ ވަކި ހާއްސަ ފަންނަކުން ކުރިހޯދާފައި ވުމެވެ. އެމީހަކީ ޔޫއޭއީގެ ތަރައްގީއަށް ހިއްސާ ކުރެވޭ ފެންވަރުގެ މީހަކަށް ވުމެވެ. އިންވެސްޓަރުންނަކީ ޕްރޮޖެކްޓްތަކަށް ފައިސާ ހޭދަކުރެވޭ ވަރުގެ މީހުންނެވެ. ސައިންސްވެރިނާ ޑޮކްޓަރުން އެމީހުންގެ ދާއިރާއިން ޔޫއޭއީއަށް ހިދުމަތްކޮށް ގައުމު ގެންދަން ވެރިން ކަނޑައަޅާފައިވާ އަމާޒަށް ގެންދިއުމުގައި އެހީތެރިވެ ދިނުމެވެ.

ދުބާއީގެ ވެރިޔާ ޝެއިޚް މުޙައްމަދު ބިން ރާޝިދު އަލް މަޚްތޫމް ކުރެއްވި ޓްވީޓް

ސެއިހް މުހައްމަދު ވިދާޅުވީ ޝަރުތު ފުރިހަމަވާ މީހުން ހޮވާނީ ކެބިނެޓާއި ކޯޓްތައް އަދި އެގްޒެކެޓިވް ކައުންސިލްތައް ބައިވެރިވެ މަޝްވަރާ ކޮށްގެން ކަމަށެވެ. ޔޫއޭއީގެ ރަށްވެހިކަން ލިބޭ ކޮންމެ މީހަކަށް ވެސް އެމީހެއްގެ އަމިއްލަ ގައުމަކަށް ނިސްބަތް ކުރެވޭ ޕާސްޕޯޓް ގެންގުޅެވޭނެ ކަމަށް ވެސް ދުބާއީގެ ވެރިޔާ ވިދާޅުވި އެވެ.

ގައުމުން ބޭރު މީހުނަން ރަށްވެރިކަން ދިނުމަކީ ގައުމުތަކުން ކޮށްއުޅޭ ކަމެކެވެ. މައިގަނޑު އަމާޒަކީ ގައުމު ތަރައްގީ ކުރުމުގައި އެމީހުންގެ ހުނަރާއި، އާރާއިބާރުގެ ބޭނުން ހިފުމެވެ. އެމެރިކާ އަދި ޔޫރަޕްގެ ބައެއް ގައުމުތައް ހިންދެމިލައި ތަރައްގީވުމުގައި އެހެން ގައުމުތަކުގެ މީހުންގެ ހިއްސާ ވަރަށް ބޮޑެވެ.