ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މިދިޔަ އަހަރުގެ ފަހު ކްއާޓަރުގައި 326.4 މިލިއަން ރުފިޔާގެ ގެއްލުމަކާ ކުރިމަތިވެއްޖެ އެވެ.
ކޮވިޑް-19 އާ ގުޅިގެން މިދިޔަ އަހަރުގެ މާޗް މަހުން ފެށިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށް އިގްތިސޯދު ބޮޑު ތަނުން ދަށަށް ދިޔަ އަހަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން، މިދިޔަ އަހަރުގެ ފަހު ކުއާޓުގައި ބީއެމްއެލް އަށް ވަނީ ބޮޑު ގެއްލުމެއްވެފަ އެވެ.
މި ކުއާޓަރުގައި އެ ބޭންކް އަށް 326.4 މިލިއަން ރުފިޔާގެ ގެއްލުމެއް ވެފައިވެ އެވެ. މި ކުއާޓަރުގައި އެ ބޭންކް އަށް އާމްދަނީގެ ގޮތުގައި ލިބުނީ 728.5 މިލިއަން ރުފިޔާ އެވެ.
ބީއެމްއެލްގެ މާލީ ހިސާބު ތަކަށް މުޅި އަހަރު ދުވަހަށް ބަލާއިރު ސާފު ފައިދާގެ ގޮތުގައި ލިބުނީ 326.4 މިލިއަން ރުފިޔާ އެވެ. މިއީ 2019 ވަނަ އަހަރުގެ މުޅި އަހަރު ސާފު ފައިދާގެ ގޮތުގައި ލިބުނު 961 މިލިއަން ރުފިޔާއާ އަޅާ ބަލާއިރު 60 ޕަސެންޓަށްވުރެ ބޮޑު ދަށްވުމެކެވެ.
ބީއެމްއެލްގެ މާލީ ރިޕޯޓް ދަށްކާ ގޮތުން މިދިޔަ އަހަރު އެ ކުންފުންޏަށް ޖުމްލަ އާމްދަނީގެ ގޮތުގައި ލިބުނީ 2.5 ބިލިއަން ރުފިޔާ އެވެ. ނަމަވެސް ކުރީ އަހަރު 2.6 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.
ބީއެމްއެލްގެ ސާފު ފައިދާ މިދިޔަ އަހަރު ދަށްވި ނަމަވެސް ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ގިނަ މަސައްކަތް ތަކެއް ކޮށްފައިވެ އެވެ. އެގޮތުން "އަހަރެންގެ ބޭންކް ކޮމިއުނިޓީ ޕްރޮޖެކްޓު" ގެ ދަށުން ރަށްރަށަށް އެހީތައް މިހާރު ވެސް ދެމުންދާއިރު، ކޮވިޑް-19 ގެ ހާލަތާ ގުޅިގެން ގިނަ އަދަދެއްގެ ލޯނު ތަކެއް ވަނީ ޕްރައިވެޓް ސެކްޓާއަށް ފަސްކޮށްދީފަ އެވެ. އަދި މި ހާލަތުން އަރައިގަތުމަށްޓަކައި އެންމެ ބޮޑެތި ވިޔަފާރިތަކަށް މިހާރުވެސް ދަނީ ލޯނު ދޫކޮށްފައިވެ އެވެ. އެގޮތުން މިހާތަނަށް 585.9 މިލިއަން ރުފިޔާ ލޯނުގެ ގޮތުގައި ދޫކޮށްފައިވެ އެވެ.