ދުނިޔެ

ރަޝިއާ އިދިކޮޅު ލީޑަރުގެ ކޮއްކޮ ގޭބަންދުކުރަން ކޯޓުން އަމުރުކޮށްފި

ރަޝިއާގެ އިދިކޮޅު ލީޑާރު އެލެކްސީ ނަވާލްނީގެ ކޮއްކޮ، އޮލެގް ނަވާލްނީ ގޭބަންދު ކުރަން ކޯޓުން އަމުރުކޮށްފި އެވެ. އޭނާ ގޭގައި ބަންދުކުރަން ކޯޓުން އެންގީ ކޮވިޑް ގަވާއިދުތަކާ ހިލާފުވެ މަދަނީ ބަސް ނޭހުމަށް ގޮވާލައި މަގުތަކަށް މީހުން އެއްކޮށް މުޒާހަރާ ކުރުމާ ގުޅިގެންނެވެ. ކޯޓުން ނިންމާފައި ވަނީ މާޗް 23 ގެ ނިޔަލަށް އޭނާ ބަންދުގައި ބެހެއްޓުމަށެވެ.

އެލެކްސީ ނަވާލަނީ ވެސް މިވަގުތު ހުންނެވީ 30 ދުވަހަށް ޖަލުގައި ބަންދު ކޮށްފަ އެވެ. އޭނާ ހައްޔަރު ކޮށްފައި ވަނީ ފަރުވާއަށް ފަހު ޖަރުމަނުން އެނބުރި ރަޝިއާއަށް ވަޑައިގެންނެވި ތަނުން އެއާޕޯޓުންނެވެ.

ނަވާލްނީ ހައްޔަރު ކުރުމާ ގުޅިގެން އޭނާ ދޫކޮށްލުމަށް ގޮވާލައި މޮސްކޯ މަގުތަކަށް މީހުން ނުކުމެ ވަނީ ޕޮލިސް ސަފުތައް ފޫއަޅުވާލާފަ އެވެ. ދުނިޔެއަށް ފެތުރިފައި އޮތް ކޮވިޑް ހާލަތަށް ނުފެތޭ ގޮތަށް ގައިދުރު ކަމެއް ނެތި އެއްވެ ނޫޅުމަށް ފުލުން ދިން ނަސޭހަތް ގަބޫލު ނުކުރުމުގެ ސަބަބުން 4،000 އަށް ވުރެ ގިނަ މީހުން ވަނީ ހައްޔަރު ކޮށްފަ އެވެ. އޭގެ ގެތެއިން ގިނަ މީހުން ދޫކޮށްލި ނަމަވެސް، މަސްލަހަތު ގެއްލުވާލުމުގައި އިސްކޮށް އުޅުނު މީހުން ތިބީ ހިފަހައްޓާފަ އެވެ.

އޮލެގް ނަވާލްނީއާ އޭނާއާއެކު މުޒާހަރާ ރާވައި ނަގާކީ އެންމެން ވެސް ވަނީ މުއްދަތު ކަނޑައަޅައި ގޭ ބަންދުކޮށްފަ އެވެ. މިމީހުން ގޭ ބަންދުކުރަން ކޯޓުން ނިންމި އަނެއް ސަބަބަކީ ދޫކޮށްލައި ނަމަ މަގުތަކަށް މީހުން އެއްކުރާނެ ކަމަށް އޮތް ބިރެވެ. މުޒާހަރާ ރާވާ ހިންގާ ގުރޫޕްތަކުން ވެސް މިކަލަހަ އިޝާރާތެއް ކޮށްފަ އެވެ.

ރަޝިއާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވާލްނީ ޖަލުގައި ބެހެއްޓުމަކީ ޕުޓިން ސަރުކާރަށް ފަސޭހަ ކަމަކަށް ނުވާނެ އެވެ. އޭނާ ދޫކޮށްލަން އެދި އެމެރިކާ އަދި ޔޫރަޕުން ވެސް ވަނީ ގޮވާލާފަ އެވެ. ރަޝިއާ ގޮތް ދޫ ނުކޮށްފި ނަމަ އިތުރު ދަތިކުރުންތަކެއް ވެސް ތަޖުރިބާ ކުރަން ޖެހުމަކީ ގާތްކަމެކެވެ.

ރަޝިއާ ފުލުހުން ވަނީ މިދާކަށް ދުވަހު އެލެކްސީ ނަވާލްނީގެ އޮފީހާއި އެޕާޓްމަންޓް އަދި އަނބިކަނބަލުން އުޅުއްވާ އެޕާޓްމަންޓް ވެސް ރެއިޑް ކޮށްފަ އެވެ.