ކްރިމިނަލް ދައުވާއެއް އުފުލީ ސިޔާސީ ގޮތުން ގޮޅިއަކަށް ފައްތާލުަމަށް ކަމަށް އިދިކޮޅުގެ ދެ ސިޔާސީ ޕާޓީ އާއި އިދިކޮޅު ކޯލިޝަން ހިންގުން ވަގުތީ ގޮތުން ހަވާލުވެ ހުންނެވި އަބްދުއް ރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.
އިދިކޮޅުގެ އިންޓެރިމް ލީޑަރު މިހެން ވިދާޅުވީ އޭނާގެ މައްޗަށް އުފުލާފައިވާ ހަޑިހުތުރު އެއްޗެހި ކިޔުމާއި ހަޑިހުތުރު ބަސް ބޭނުން ކުރުމު ދައުވާގެ ޝަރީއަތަށް ފަހު ނޫސްވެރިންނާ ބައްދަލުކޮށް މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.
ހެނދުނު ކްރިމިނަލް ކޯޓުގައި އޮތް ޝަރީއަތުގެ އަޑު އެހުން ނިންމާލުމަށް ފަހު ނޫސްވެރިންނާ ކުރިމަތިލައްވާ އޭނާ ވިދާޅުވީ މިހާރުގެ ސަރުކާރު އޮތީ ނޭވާ ހޮޅިއަށްއެޅިފައި ކަމަށާއި އޭނާގެ މައްޗަށް ކުރާ ދައުވާއަކީ އޭގެ ފޯކަސް އަނބުރާލުމަށް ސަރުކާރުން ކުރާ ކަންކަމުގެ ތެރޭގައި ހިމެނޭ ދައުވާއެއްް ކަމަށެވެ.
އަދުރޭ ވިދާޅުވީ އޭނާގެ މައްޗަށް ފެށި ޝަރީއަތަކީ އަހަރެއްހާ ދުވަސް ކުރިން ކުރި ދައުވާއެއް ނަމަވެސް އޭގެ ލިޔެކިޔުންތައް ލިބުނީ މިއަދު ކޯޓަށް ވަޑައިގަތުމުން ކަމަށެވެ.
:އެއިން ވެސް މިއީ ސިޔާސީ ދައުވާއެއްކަން ހާމަވެގެން ދޭ،" އަދުރޭ ވިދާޅުވި އެވެ.
މިއަދު ބޭއްވި ފުރަތަމަަ އަޑުއެހުމުގައި ދައުލަތުން ދައުވާ އިއްވި އެވެ. ނަމަވެސް އަދުރޭގެ ފަރާތުން މިއަދު ދައުވާއަށް ޖަވާބުދާރީވެ ވަޑައިގެންފައެއް ނުވެއެވެ. އޭނާގެ ވަކީލު އަދި ދަނބިދަރިފުޅު އަހުމަދު ހިޝާމް ވަޖީހު ވިދާޅުވީ، މައްސަލައިގެ ލިޔެކިޔުންތައް ލިބުނީ މިއަދު ކޯޓަށް ވަޑައިގަތުމުން ކަމަށާއި، ޖަވާބު ދާރީ ވާން އިތުރު ވަގުތު ބޭނުންވާ ކަމަށެވެ.
އެހެންކަމުން ޝަރީއަތުން މިއަދު ވަނީ އެ ފުރުސަތު ދީފަ އެވެ.
އަދުރޭގެ މައްޗަށް އުފުލާފައިވާ މި ދައުވާ އަކީ ނޮވެމްބަރު 28، 2019 ގައި ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ހުކުމް ކުރި ދުވަހު ކްރިމިނަލް ކޯޓު ކުރިމަތީގައި އޮތް މުޒާހަރާގެ ތެރެއިން ލައުޑްސްޕީކަރު ބޭނުން ކޮށް ގާޒީންނަށް ނިސްބަތްވާ ގޮތަށް ހަޑިހުތުރު ބަހުން މުހާތަބުކުރުމުން އުފުލާފައިވާ ދައުވާ އެކެވެ.