މިދިޔަ ހަފުތާގައި ޓީސީގެ ކޯޗް ކަމުން އިސްތިއުފާ ދިން ޝާޒްލީ މުހައްމަދު (ޝާޒް) ކުލަބު އީގަލްސްގެ ކޯޗް ކަމަށް ހަމަޖައްސައިފި އެވެ.
ޓީސީގެ ކޯޗް ކަމުން ޝާޒް އިސްތިއުފާ ދިނީ މިދިޔަ ހަފުތާގައި، ދަ ގުރާންޑޭ އާ ދެކޮޅަށް ކުޅެން އޮތް މެޗު ކުރީމަތީ އޮއްވަ އެވެ. މެޗުގެ ކުރިން ބޭއްވި ޓީސީގެ ޕްރީ މެޗު ޕްރެސްއަށްވެސް ޝާޒް ހާޒިރުވި އެވެ. ޓީސީގެ ކޯޗަކަށް މިހާރު ވަނީ، މިސީޒަންގައި މާޒިޔާއަށް ކޯޗް ކޮށްދިން މުހައްމަދު ނިޒާމް ހަމަޖައްސާފަ އެވެ. އެއީ ޓީސީގެ ކޯޗްކަން އޭނާ ކުރާ ދެ ވަނަ ފަހަރެވެ.
އީގަލްސްގެ ކޯޗްގެ މަގާމު ހުސްވީ، ލީގްގެ ފުރަތަމަ ބުރު ނިމެން ކައިރިވެފައި ވަނިކޮށް، މުހައްމަދު ޝިޔާޒު (މޯހަން) މަގާމުން އިސްތިއުފާ ދިނުމުންނެވެ. މިހާރު އޭނާ އަކީ ސުޕަ ޔުނައިޓެޑް ސްޕޯޓްސްގެ ކޯޗެވެ. އޭގެ ކުރިން ސަސްގެ ކޯޗު ކަމުގައި ހުރި އަހްމަދު ނާޝިދު (ނާދު)، އަމިއްލައަށް އިސްތިއުފާ ނުދޭނެ ކަމަށް ބުނުމަށް ފަހުން މަގާމުން ވަކިވީ ކޮންޓްރެކްޓް އުވާލުމަށް ކުލަބާއެކު އެއްބަސް ވެގެންނެވެ.
އީގަލްސް ވެގެންދާނީ، ޝާޒް ކޯޗެއްގެ ގޮތުގަައި މަސައްކަތް ކުރާނެ ފުރަތަމަ ޑިވިޝަންގެ ހަތަރު ވަނަ ކުލަބަށެވެ. މީގެ ކުރިން އޭނާ ވަނީ، ބީޖީ ސްޕޯޓްސް، އަދި ކުރިން އޭނާ ކުޅުނު ވިކްޓަރީގެ ކޯޗްކަން ކޮށްފަ އެވެ. އެހެންނަމަވެސް އޮފިޝަލް އެއްވެސް މެޗެއްގައި ވިކްޓަރީއަށް އިރުޝާދު ދޭކަށް އޭނާއަށް ފުރުސަތެއް ނުލިބުނެވެ. އެއީ 2017 ވަނަ އަހަރު ސީޒަން ފެށުމުގެ ކުރިން އެ ޓީމުގެ ކޯޗް ކަމުން އޭނާ ދުރު ކުރުމުންނެވެ. މޯހަން އިސްތިއުފާަ ދިން ފަހުން ކުޅުނު ދެ މެޗުގައި އީގަލްސްއަށް އިރުޝާދު ދިނީ އެސިސްޓެންޓް ކޯޗް އަހްމަދު ނިމާދު (ނިމާ) އެވެ.
އަންޑާ 19 ގައުމީ ޓީމުގެ ކުރީގެ ކޯޗް ޝާޒް ވަނީ ނޭޕާލްގައި 2019 ވަނަ އަހަރު ބޭއްވި 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގެ ބްރޯންޒް މެޑަލް ރާއްޖެއަށް ހޯދައިދީފަ އެވެ. ބައިނަލްއަގްވާމީ ފެޑްރޭޝަން ތަކުގެ އެންމެ މަތީ ކޯޗިން ފާސް "ޕްރޯ ލައިސެންސް" އެންމެ ފުރަތަމަ ހާސިލު ކުރި ދިވެއްސަކީވެސް ޝާޒް އެވެ. އަދި އޭއެފްސީ ބީ ލައިސެންސް ކޯޗިން ޕްރޮގްރާމްގައި ކިޔަވައި ދިނުމުގެ ފުރުސަތު ހޯދި ފުރަތަމަ ދިވެއްސަކީވެސް އޭނާ އެވެ.