(އެޕިސޯޑް 15)
ލިއުޝާގެ ހިތް އިތުރަށް ބާރަށް ތެޅެން ފެށިއެވެ. އެމީހުން ބުނާނެ އެއްޗެއް ނޭނގުމުންނެވެ. އަދި ޖުމުލަ ފުރިހަމަ ނުކޮށް އެމީހުންގެ ވާހަކަ މެދުކަނޑައިލުމުން، ލިއުޝާ ޖެހިލުންވެ އެމީހުންނަށް ނަޒަރު ހިންގައިލިއެވެ.
"ކިހިނެއް ހެކި ބަސް ދިނީ؟" ތެޅިތެޅި އޮތް ހިތަކާ އެކު، ލިއުޝާ އަހައިލިއެވެ.
"ބަލަ ހާދަ ބިރުން މަންޖޭ! ތި ހަމަ ޖެހިބަލަ! ހައިޝަމްގެ ކުށެއް ނެތޭ. އެފަހަރު ޒީނާ އެންމެންގެ ތެރޭގަ ބުނީ ހައިޝަމް އުޅުނީ ޒީނާ ރޭޕްކޮށްލާށޭ. އެކަމު ކޯޓުގަ އޮތީ ރޭޕްކޮށްލީ ކަމަށް ބުނެފަ. އަހަރެމެން ނުދެކެން އެވަރުގެ ކަމެއް ހިނގި ތަނެއް. އަހަރެމެން ނުދެކެން ހައިޝަމް އަތުން ކަޓަރެއް ވެސް. ކަޓަރު ވެސް ފެނުނީ ޒީނާގެ އަތުން. އެހެންވީމަ އަހަރެމެން ހައިޝަމާ ދެކޮޅަށް ހެކިބަސް ދޭންވީ ސަބަބެއް އެބައޮތްތަ؟" އެތަނުން މީހަކު އެހެން ބުނެލީ ލިއުޝާއަށް ބަލަހައްޓައިގެން ހުރެގެންނެވެ. ލިއުޝާގެ ތުންފަތުން ދުވެލީ އުފާވެރި ހިނިތުންވުމެކެވެ.
"ވަރަށް ބޮޑަށް ޝުކުރިއްޔާ.." ލިއުޝާ އުފަލުން ބަލައިލީ އެތަނުގައި ތިބި އެންމެންގެ މޫނަށެވެ.
"ކީއްވެ ޝުކުރު އަދާކުރަންވީ؟ އަހަރެމެން މި އަދާ ކުރީ ތެދުވެރި ކަމާއެކު އަހަރެމެންގެ ޒިންމާ.." އެމީހަކު ހީނލަމުން ބުނެލިއެވެ. ލިއުޝާ އަނެއްކާ ވެސް އެ އެެންމެންނަށް ބަލައިލަމުން ހިނިތުންވުމެއް ހަދިޔާ ކުރީ އުފަލުން ހިތް ރޮމުންދާ ހާލުގައެވެ.
***
"މާދަމާ ޝަރީއަތް އެބައޮތް.. އަހަރެން މަސައްކަތް ކޮށްފިން ޤާޒީ އަތު ޖެހޭތޯ ވެސް.. އެކަމެއް ނުވި.. ގުޅޭ ގޮތެއް ވެސް ނުވޭ. އެކަމު ޒީނާ ވާނެ ކޮންމެ ގޮތަކަށް ވެސް މިކަން ވިން ކުރަން.. އެހެން ނޫނީ އަހަރެން ވަރަށް ކަޑަ ވާނެ.." މިފްޒާލް ވާހަކަދައްކަމުން ދިޔައީ ޒީނާގެ ކޮޓަރީގައި ހުރެގެންނެވެ.
"އަހަރެން ވަކި ކިހިނެއް ހަދާނީ؟ އަހަރެން ވެސް މި ކުރަނީ މަސައްކަތް ދޯ؟ މިފްޒާލް ތި ހިތަށް އަރާހާ ފަސޭހަ ކަންކަމެއް ނޫނޭ އެއީ.. މިފްޒާލް ހީކުރީތަ މިފްޒާލްގެ ބާރު ދަށަށް އަހަރެން ގެނުވުނީމަ، މުޅި ރާއްޖެ ވެސް މިފްޒާލްގެ ބާރު ދަށަށް އަންނާނޭ.. އަހަރެން މިދަނީ ޑިއުޓީއަށް ދާން.." ޒީނާ އެހެން ބުނެ، އޭނާގެ އަތް ދަބަސް ނެގިއެވެ.
"އޭ. މަޑުކުރޭ! ކޮންތާކަށް ދާން؟ ކޮން ޑިއުޓީއެއް.." މިފްޒާލް އެއްލި އަތް ގޮސް ޖެހުނީ ޒީނާގެ އަތުގައި އޮތް ދަބަހުގައެވެ. ޒީނާ ވަގުތުން ހުއްޓުނެވެ.
"އަހަރެެންގެ ވަޒީފާ ގެއްލުނީ.. އެ ވެެސް ތި މީހުންނާ ހެދި.. ދެން ޒީނާ ކޮން ވަޒީފާ އަކަށް ދާކަށް.. ފުރަތަމަ މިކަން ނިންމައިދީ.. އެޔަށްފަހު އެހެން ކަމެއް.." މިފްޒާލްގެ އަޑުގައި ވަނީ ބޯހަރު ކަމާއި، ނުލަފާ ކަމެވެ.
"ހެޔޮނުވާނެ މިފްޒާލް.. މިހާރު ވެސް އަހަރެެންގެ އެޓެންޑެންސް ވަރަށް ދަށް.. އަހަރެން ބޭނުން ވަޒީފާ ރަނގަޅަށް އަދާ ކުރަން.." ޒީނާ އިސްޖެހުނެވެ.
"ހެހެ. ވަޒީފާ ރަނގަޅަށް އަދާ ކުރާށޭ! ހެހެ." މިފްޒާލް ހެމުން ދިޔައެވެ.
"ބަލަ ވަޒީފާ އަދާ ކުރެވޭނެތަ ޒީނާގެ ބަރަހަނާ ފޮޓޯތައް ލީކުވީމަ.. ހައްހައްހާ.." މިފްޒާލް އެހެން ބުނުމާއި އެކު، ޒީނާ އޭނާގެ އަތުގައި އޮތް އަތް ދަބަސް ކޮޓަރީގެ ތަށިމުށިގަނޑު މައްޗަށް ހޫރައިލަމުން ގޮސް އެނދުމަތީގައި އިށީންނެވެ. އަދި މޫނުމަތީގައި އަތް އަޅައި ރޯން ފެށިއެވެ. އޭނާގެ މަޖުބޫރީ ޙަޔާތް ހިތަށް އަރާފައެވެ. އަމިއްލަ އިޚުތިޔާރުގައި އެއްކަމެއް ކުރުމުގެ ބާރެއް ވެސް މިހާރަކު ޒީނާއަކަށް ނެތެވެ. ނުލަފާ ހިނިތުންވުމެއް ދީގެން މިފްޒާލް ހުރީ ޒީނާއަށް ބަލާށެވެ.
***
ހަވީރުގެ ހިތްގައިމު ވަގުތެވެ. މިފްރާހު އިނީ އޭނާގެ ގޭގައި ހަވީރުގެ ސަޔަށް އިންސާފު ކުރާށެވެ.
"ވަރަށް މީރު މައު ހަދާ ހެދިކާ." ހެދިކާ ތަށިން ގުޅައެއް އަނގަޔަށް ލަމުން މިފްރާހު ބުނެލިއެވެ. ހައުލާގެ އަޅާލުމާއި، ހިތްވަރުން މިފްރާހު މި ކުޑަ ދުވަސްކޮޅުގެ ތެރޭގައި ވަރަށް ބޮޑަށް ބަދަލުވެއްޖެއެވެ. މިފްރާހު ޤަބޫލު ކުރާ މައުރީންގެ އަޑާއި، މައުރީން ކައްކާ އެއްޗެހިން ލާ މީރު ރަހައިން އަބަދުވެސް މިފްރާހުގެ ހިތުގައި ހައުލާގެ ދިރުން ވެއެވެ.
"އަހަރެންގެ ހައުލާ ވެސް ހަދާނީ މިހާ މީރުކޮށް.. އަހަރެން ވަރަށް މިސްވޭ ހައުލާ ދެކެ.." މިފްރާހު އެހެން ބުނުމާއި އެކު، ހައުލާ ބަލައިލީ މިފްރާހަށެވެ.
"މައު ކަހަލަ ދީންވެރި، މާތް އަންހެނަކު މިގޮތަށް ހިލޭ ފިރިހެނެއްގެ އިޙްސާސްތައް އުފުލަން ހުންނަން އަހަރެންގެ ހިތް ނުވެސް ރުހޭ.." މިފްރާހު އިސްދަށަށް ޖަހައިގެން ހުރެ ބުނެލިއެވެ.
"ތިހެން ނުބުނޭ.. އަހަރެން ކުރާ ކަމެއް މިކުރަނީ ހެޔޮ ހިތަކާ އެކު.. އަހަރެންނަށް އިޙްސާސްވޭ ލޯބިވާ މީހާ ވަކިވީމަ ލިބޭނެ ދެރައާ ހިތާމަ.." ހައުލާ އެހެން ބުނި އިރު އޭނާގެ އަޑުގައި ވަނީ ރިހުމެވެ. މިފްރާާހު ހިތާމަ ކުރާ ވަރަށް ހައުލާ ވެސް ދިޔައީ ފަރުދާގެ ނިވަލުގައި ހުރެ ހިތާމަ ކުރަމުންނެވެ. ހައުލާ ވެސް މިފްރާހު ދެކެ ވަރަށް ލޯބިވެއެވެ.
***
ލޯޔަރާއި ވާހަކަދައްކާލުމަށްފަހު، ލިއުޝާ ފޯނު ބޭއްވީ ހިތްހަމަ ޖެހިގެންނެވެ. ލިއުޝާގެ ހިތުގައި އުއްމީދުތައް ވަރަށް ބޮޑަށް ވަނީ އާލާ ވެފައެވެ. ލިއުޝާ އުފަލުން ހިނގާފައި ގޮސް ވަނީ އޭނާގެ ކޮޓަރިއަށެވެ. އެއާއި އެކު ލިއުޝާގެ ފޯނު ރިންގުވާން ފެށިއެވެ. ގުޅަމުން ދިޔައީ ޒަޔާނެވެ. ލިއުޝާ ފޯނު ނަގައި ޒަޔާނާ ވާހަކަދެއްކިއެވެ. ޒަޔާންގެ ހާލު ބަލައި، މި ދުވަސްކޮޅު ވަރަށް ބިޒީ ކަމަށް ލިއުޝާ ބުންޏެވެ. އަދި ވަގުތެއް ލިބުމުން ޒަޔާން ގާތަށް ދާނެ ކަމަށް ބުނެ، ލިއުޝާ ފޯނު ބޭއްވިއެވެ.
***
"ހާދަ ބިޒީކޮށް ތިއުޅެނީ؟" ޝިޔާދު ބަލައިލީ އޭނާގެ ލޯބިވެރިޔާ އަޒްކާ އަށެވެ. އަޒްކާ ތައްޔާރު ވަމުން ދިޔައީ ލިއުޝާގެ ކޭސް ވިން ކުރާށެވެ. އެކަމުގެ ތައްޔާރީތައް ވުމަށެވެ.
"އާނ! މާދަމާ ކޯޓު ކޭހެއް އެބައިން. އެހެންވެ ރެޑީ ވަނީ އެޔަށް.. ޝިޔާދު ކޮން އިރަކުން ގެއަށް ދަނީ؟" ލެޕްޓޮޕުން ޓައިޕް ކުރަމުން އަޒްކާ އަހައިލިއެވެ.
"ދެން ދާންވީ އިރުކޮޅަކުން.." ޝިޔާދު ވަރަށް ލޯބިން އަޒްކާގެ އިސްތަށިގަނޑު ރީތިކޮށްލިއެވެ. އަޒްކާ ބަލަމުން ގެންދަނީ ލިއުޝާއާ ގުޅުން ހުރި މައްސަލަ އެއް ކަމެއް ޝިޔާދަކަށް ނޭނގެއެވެ. ޝިޔާދަކީ އެއްވެސް އިރެއްގައި އަޒްކާ ބަލާ ކޭސްތަކާ ގުޅުން ހުންނަ މީހުންގެ ވަނަވަރު ބަލަން ޝައުޤު ހުންނަ ފަރާތެއް ވެސް ނޫނެވެ. އެހެންކަމުން އެކަންކަން ބަލާކަށް ޝިޔާދު ބޭނުމެއް ނުވެއެވެ.
"ހެލޯ.. ހުރިހާ ކަމެއް ވެސް ދަނީ ރަނގަޅަށް.." ކުއްލިއަކަށް އަޒްކާގެ ފޯނަށް އައި މެސެޖު ކިޔައިލަމުން، ޝިޔާދު ބަލައިލީ އެމީހާގެ ނަމަށެވެ.
"މައުރީން.. އެއީ ކާކު؟" ފޯނަށް ކަޅިއެއް ހިންގަމުން، ޝިޔާދު ބަލައިލީ އަޒްކާގެ މޫނަށެވެ. އަޒްކާ ވަގުތު ކޮޅަކު ބަސް ހުއްޓުނެވެ. މައުރީން ފޮނުވާފަ އިން މެސެޖަކީ ކޮބައިކަން ނޭނގޭތީއެވެ.
"ކިހިނެއްވީ؟" އަޒްކާގެ ރާގު ބަދަލު ވިއެވެ.
"ބޭބީ.. ކަމެއް ގޯސްވީތަ؟ ހާދަ ހާސްތިވީ؟ ދެންމެ އެ ނަމްބަރުން މެސެޖެއް އައީމަ. ހުރިހާ ކަމެއް ވެސް ދަނީ ރަނގަޅަށޯ.." ޝިޔާދު ހިފައިލީ އަޒްކާގެ އަތުގައެވެ. އެވަގުތު އަޒްކާގެ ބޮލުގެ ތެރެއަށް ވަނީ ހައުލާ ދެއްކި ވާހަކަތަކެވެ.
"އާނ.. އެއީ އަހަރެނެގް ފްރެންޑެއް، އަލަށް ވަޒީފާއަށް ގޮސްގެން.." އަޒްކާ އަވަސްކޮށް ބުނެލިއެވެ. ޝިޔާދު ތުންފަތުގެ އެއްމިޔަކަނުން ހީނލަމުން ސޯފާއިން ތެދުވިއެވެ.
"މިދަނީ އިނގޭ. ލަވް ޔޫ." އަޒްކާގެ ކޮލަށް ބޮސް ދިނުމަށްފަހު، ޝިޔާދު އެގެއިން ނުކުންނަން ހިނގައިގަތެވެ.
***
މުޅިން އައު ދުވަހަކަށް އިރު އުދަރެހުން މަރުޙަބާ ކިޔައިފިއެވެ. ލިއުޝާ ވަރަށް ރީތިވެގެން ތައްޔާރު ވެލީ ކޯޓަށް ދިޔުމަށެވެ. ދުވަސްކޮޅަކަށްފަހު، ހައިޝަމަށް ފެންނަ އިރު ރީތިކޮށް ހުންނަން ލިއުޝާ ބޭނުންވީއެވެ. ޓެކްސީއަށް އަރައި ލިއުޝާ މިސްރާބު ޖެހީ ކޯޓަށް ދިޔުމަށެވެ.
ޓެކްސީގައި އިން އިރުވެސް، ލިއުޝާ އިނީ ނުހަނު އުފާވެފައެވެ. ހައިޝަމް މިނިވަންވެ އަނެއްކާ ވެސް ލިއުޝާގެ ގާތަށް ހައިޝަމަށް އާދެވޭނެތީއެވެ.
***
ގަޑިން 10 ޖެހި އިރަށް ޝަރީއަތް ފަށައިފިއެވެ. ކޯޓުން ބޭރުގައި ލިއުޝާ އިނީ ޝަރީޢަތް ނިމެންދެންނެވެ. ޝަރީއަތުގެ މަޖިލިސް ތެރޭގައި ވަނީ ހައިޝަމް އާއި އަޒްކާ އަދިި މައްސަލަ ހުށައެޅި ޒީނާއެވެ. ލިއުޝާ އިންތިޒާރު ކުރަމުން ދިޔައީ އެ އެންމެން ބޭރަށް ނުކުންނާނެ އިރަކަށެވެ.
ގޮނޑީގައި އިން ލިއުޝާއަށް ކުއްލިއަކަށް ކޮޅަށް ތެދުވެވުނީ ޝަރީޢަތް ހިންގަމުން ދިޔަ ތަނުގެ ދޮރު ހުޅުވުމުންނެވެ. އެންމެ ފުރަތަމަ ވެސް ބޭރަށް ނުކުތީ ހައިޝަމެވެ. ލިއުޝާ ފެނުމާއި އެކު، ހައިޝަމަށް ކުރުވީ ބުނެދޭން ނޭނގޭ ފަދަ އިޙްސާސްތަކެކެވެ. ހައިޝަމް ވަރަށް ބާރަށް ދުއްވައިގަތީ ލިއުޝާއާ ދިމާއަށެވެ. ލިއުޝާގެ ފައިތިލަ ވެސް މަޑުން ހުންނާކަށް ހަމަހިލާ ނޭދުނެވެ. ލިއުޝާ ވެސް ކުރިއަށް ދުއްވައިގަތެވެ. އަދި ވަރަށް ބާރަށް ގޮސް އެދެމީހުންގެ ހަށިގަނޑު ގުޅި، ދެމީހުން އޮޅުލައިގަތެވެ.
"ކޮންގްރާޓްސް.. ހައިޝަމް އެ ހުރީ މިނިވަން ވެފަ.." އަޒްކާ ހީނލަމުން ބުނެލިއެވެ. ލިއުޝާ ވަރަށް އުފަލުން ހައިޝަމްގެ އަތުގައި ބާރަށް ހިފައިގެން މަގުމައްޗަށް ނުކުތެވެ. ކޯޓާއި ތަންކޮޅެއް ދުރުގައި، ގޯޅިއެއްގެ ކަންމަތީގައި ހުރި މިފްޒާލްގެ ލޮލުގައި އެހުރިހާ މަންޒަރެއް ދިޔައީ ރިކޯޑު ކުރެވެމުންނެވެ. ބަލަން އުނދަގޫ މަންޒަރަކަސް، ހައިޝަމް މިނިވަންވީކަން މިފްޒާލަށް ޔަޤީންވިއެވެ. ދަތްކުނޑި ވިކައިގެން ހުރި މިފްޒާލަށް އެންމެ ހައިރާންވީ ކޯޓުގެ ތެރެއިން އޭނާގެ އެންމެ ގާތް ރަޙުމަތްތެރިޔާގެ ލޯބިވެރިޔާ ފެނުމުންނެވެ. އެވެެސް ލިއުޝާއާ އެކުގައެވެ. މިފްޒާލް އެރުޅި މަތީގައި ގުޅީ ޝިޔާދަށެވެ.
"އޭ ކޮބާ ކައެގެ ބިޓު؟" މިފްޒާލް ހަރުކޮށް އަހައިލިއެވެ.
"ކޯޓު ކޭސެއްގަ އުޅޭ ވާހަކަ ބުނި. ކިހިނެއްވީ ބްރޯ؟" ޝިޔާދު ވާހަކަދެއްކީ މަޑުންނެވެ.
"ކަލޭވާ ރަނގަޅު. އަހަރެން ގާތު ނުވެސް ބުނޭ، ކަލޭގެ ބިޓު އެ އަހަރެން ކޯޓަށް ލި މައްސަލަ އަހަރެންނާ ދެކޮޅަށް އެ ވިން ކުރީ.." މިފްޒާލް އެހެން ބުނުމުން ޝިޔާދަށް ލިބުނީ ހައިރާން ކަމެކެވެ.
"އޭނ؟ އަހަރެންނަށް ތިިކަން ނޭނގެ. އަޒްކާ ބެލީ ލިއުޝާގެ ހަޒްބެންޑުގެ މައްސަލަތަ؟" ޝިޔާދު ހައިރާންވެ ހުރެ އަހައިލިއެވެ.
"އާނ. މުޅި ޕްލޭން ފުލޮޕް.." މިފްޒާލް ރުޅިއައެވެ.
"ޕްލޭނޭ؟ ބަލަ އެއީ ރޭވުމެއްތަ؟" ޝިޔާދު އެހެން އަހައިލުމުން، މިފްޒާލް ފޯނު ކަނޑައިލީ އައި ރުޅީގައެވެ. އަދި މިފްޒާލް ގުޅީ ޒީނާ އަށެވެ.
"ކަލޭ ކަންތަކޭ މީ. ކަލޭއަށް ކަމެއް ރަނގަޅަށް ކުރަން ނޭނގެނީ.. ދެން އޮތީ ފަހު ހަނގުރާމަ.." މިފްޒާލް އެހެން ބުނީ ވަރަށް ރުޅި އައިސްގެން ހުރެގެންނެވެ.
"އަހަރެން މިދަނީ ތިގެއަށް.." މިފްޒާލް އެހެން ބުނެ ފޯނު ކަނޑައިލިއެވެ.
***
"އަހަރެން ވަރަށް ލޯބިވޭ.. ވަރަށް މިސްވި.." ލިއުޝާ ނިކަން ބާރަށް ހައިޝަމްގެ ގައިގައި ބައްދައިގަތެވެ. ދެން ދުވަހަކު ވެސް ދޫ ނުކުރާނަމޭ ބުނާ ފަދަ ގޮތަކަށެވެ.
"އަހަރެން މާ ލޯބިވޭ.. މާ ބޮޑަށް ހަނދާންވޭ.." ހައިޝަމް އަދި އެޔަށްވުރެ ބާރަށް ލިއުޝާގެ ގައިގައި ބައްދައިގަތެވެ. އެއާއި އެކު ލިއުޝާގެ ހިތާއި ސިކުނޑިއަށް އުނދަގޫ ވާން ފެށިއެވެ. އޭނާގެ ޙަޔާތަށް އެޅުނު ކަޅު އިނދިރިއެއްގެ ސަބަބުން، އޭނާގެ ހަށިގަނޑުން އެހެން މީހަކު ހޯދި އުފާވެރިކަން ޙިއްޞާ ކުރަން ލިއުޝާ ވަރަށް ބޭނުންވިއެވެ. ނަމަވެސް އެހިތްވަރެއް ނުލިބުނެވެ. ހައިޝަމްގެ މޭގެ ތެރެއަށް ލިއުޝާ އޭނާގެ ބޯލަމުން ދެލޯ މަރައިލީ ހުރިހާ ވޭނަކުން ސަލާމަތް ވެވޭތޯއެވެ.
***
"އަހަރެންނަށް ލިއުއެއް ނުލިބުނު.. އެހެން މީހަކަށް ވެސް ނުލިބޭނެ ލިއުއެއް.." ކޮޓަރީގެ ދެކޮޅަށް މިފްޒާލް ހަރުކޮށް ހިނގަމުން ދިޔައިރު، ކޮޓަރީގެ މެދުގައި ޖެހި ބުދެއްހެން ޒީނާ ހުއްޓި ލައިގެން ހުރިއެވެ.
"އަހަރެންގެ ނޭވާ ހިނގާހާ ހިނދަކު ލިއުޝާއަށް ލާހިކެއް ނޫން އުފާވެރި ދިރިއުޅުމެއް ލިބޭކަށް.. އަހަރެން ބޭނުމީ ލިއުއަށް ދެރަ ދޭން މިހާރު. އަނިޔާ ދޭން. އަހަރެން މިވަރަށް ލޯބި ވާއިރު އޭނައަށް އެކަން ނޭނގުނު. އެހެންވީމަ އޭނައަށް ލޯބި އެއީ ކޯއްޗެއްކަން ދައްކަން އެބަޖެހޭ.." މިފްޒާލް ރުޅި އައިސްގެން ވަނީ ހަމައިން ނެއްޓިފައެވެ. މިފްޒާލް ގޮސް ހުއްޓުނީ ޒީނާގެ ކުރިމަތީގައެވެ. އެވަގުތު މިފްޒާލްގެ ގައި ތުރުތުރު އަޅަމުން ދިޔައީ އޭނާގެ ނަފުސު ފަތަހަކޮށްފައިވާ ރުޅީގައެވެ.
"ދެން ހަދާނީ ސިހުރު.." މިފްޒާލް އެހެން ބުނުމާއި އެކު، ޒީނާއަށް ބިރުން ފަހަތަށް ޖެހެވުނެވެ. (ނުނިމޭ)