ހައުސިން ޑިވްލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އަށް މުޅި އަހަރު ފައިދާގެ ގޮތުގައި ލިބިފައިވަނީ 91 މިލިއަން ރުފިޔާ އެވެ.
ރާއްޖޭގެ ހައުސިން ބާޒާރަށް ލޯނާއި ފައިނޭންސިން ފެސިލިޓީ ދޫކުރާ ކުންފުނީގެ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން މުޅި އަހަރު އެ ކުންފުންޏަށް ފައިދާގެ ގޮތުގައި ލިބިފައިވަނީ 91 މިލިއަން ރުފިޔާ އެވެ. ނަމަވެސް 2019 ވަނަ އަހަރު ނިމުނުއިރު އެ ކުންފުންޏަށް ފައިދާގެ ގޮތުގައި 106 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.
ކޮވިޑް-19 ގެ ސަބަބުން އިމާރާތް ކުރުމުގެ ދާއިރާއަށް ލޮޅުން އެރި މިދިޔަ އަހަރު އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 194 މިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރު ވެސް އާމްދަނީގެ ގޮތުގައި ލިބުނީ ހަމަ 194 މިލިއަން ރުފިޔާ އެވެ.
އެޗްޑީއެފްސީ އަށް މިދިޔަ ފަހު ކުއާޓަރުގައި 47 މިލިއަން ރުފިޔާ ހޯދިއިރު، ފައިދާގެ ގޮތުގައި ލިބުނީ 21 މިލިއަން ރުފިޔާ އެވެ. ނަމަވެސް 2019 ވަނަ އަހަރުގެ ފަހު ކުއާޓަރުގައި އާމްދަނީއަށް 50 މިލިއަން ރުފިޔާ ހޯދައި ސާފު ފައިދާ 35 މިލިއަން ރުފިޔާއަށް އިތުރުވި އެވެ.
އެ ކުންފުންޏަށް މިދިޔަ ކުއާޓަރުގައި ހިއްސާއަކަށް ޖެހިފައިވަނީ 13.63ރ. އެވެ. އަދި މުޅި އަހަރަށް ބަލާނަމަ މި އަދަދު އުޅެނީ 57.33ރ. ގަ އެވެ.
އެޗްޑީއެފްސީއަކީ ދެ ބިލިއަން ރުފިޔާގެ ލޯނު އެސެޓް ހުރި ކުންފުންޏެވެ. އެ ކުންފުނިން ވަނީ ކޮވިޑް-19 ގެ ސަބަބުން އެ ކުންފުނީގެ ކަސްޓަމަރުނަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ލުއި ދިނުމުގެ ގޮތުން ލޯނުތައް ހަ މަސް ދުވަހަށް ފަސްކޮށް ދިނެވެ.
އެޗްޑީއެފްސީއަކީ ސަރުކާރުގެ 49 ޕަސެންޓް ހިއްސާ އާއި އޭޝިއަން ޑިވްލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ އިސްލާމިކް ފައިނޭންސް ކޯޕަރޭޝަންގެ 18 ޕަސެންޓް ހިއްސާ އަދި އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (އައިއެފްސީ) ގެ 18 ޕަސެންޓް ހިއްސާގެ އިތުރުން އެޗްޑީއެފްސީ އިންޑިއާގެ 15 ޕަސެންޓް އަދި ރައްޔިތުންގެ 10 ޕަސެންޓް ހިއްސާވާ ކުންފުންޏެކެވެ.