ލައިފްސްޓައިލް

ޑޮކްޓަރަކު ވެކްސިން ޖެހުމުން އަންހެނުން ރުޅިގަދަވެއްޖެ

އެންމެ ފުޅާ ދާއިރާގައި ވެކްސިން ދިނުމުގެ ޕްރޮގްރާމެއް މިހާރު ހިންގާ ގައުމަކީ އިންޑިޔާ އެވެ. އެ ގައުމުގައި މި ބޮޑު ކެމްޕެއިން ފެށިތާ ހަފުތާއެއް ވީއިރު ދެ މިލިއަން ހެލްތު ކެއް ވޯކާޒް އަށް ވެކްސިން ޖަހާފައި ވެއެވެ.

މިހާ ބާރަށް ވެކްސިން ދިނުމުގެ ޕްރޮގްރާމް ކުރިއަށް ދަނިކޮށް ދިއްލީގައި މަސައްކަތް ކުރާ ޑޮކްޓަރަކަށް ވަރަށް ތަފާތު މައްސަލައެއް ކުރިމަތިވެއްޖެ އެވެ. އަންހެނުން ގަޔަށް ވެކްސިން ނުޖަހައި ފުރަތަމަ ޑޮކްޓަރު ގަޔަށް ވެކްސިން ޖަހައިގެންނެވެ. މިކަމާ ޑޮކްޓަރުގެ އަންހެނުން ރުޅިގަދަވެގެން ހަޅޭއްލަވަނިކޮށް ނަގާފައިވާ ވީޑީއޯއެއް ސޯޝަލް މީޑިއާގައި ވައިރަލްވެފައި ވެއެވެ.

ޑރ. ކޭ.ކޭ. އަގަރްވާލް އަކީ ޕަދްމާ ޝްރީ އެވޯޑު ލިބިފައިވާ ވަރަށް މަޝްހޫރު ކާޑިއޮލޮޖިސްޓެކެވެ. އަންހެނުން ގުޅައިގެން ހަޅޭއްލެވިއިރު ޑރ. އަގަރްވާލް ވަނީ ރެކޯޑް ކޮށްފަ އެވެ.

ވެކްސިން ޖެހީތޯ ޑރ. އަގަރްވާލްގެ އަންހެނުން އޭނާއަށް ފޯނުކޮށްގެން ސުވާލުކުރާ އަޑު މި ވީޑިއޯގައި އިވެ އެވެ. ޑޮކްޓަރު އާނއެކޭ ވެކްސިން ޖަހައިފީމޭ ބުނުމުން ވެކްސިން ޖަހަން އޭނާ ނުގެންދިޔައީ ކީއްވެތޯ އަންހެންމީހާ ސުވާލު ކުރެ އެވެ.

އޭނާ މިއަދު ވެކްސިން ޖެހިޔަސް ހޯމަ ދުވަހުން އަންހެނުންގެ ގަޔަށް ވެސް ވެކްސިން ޖަހައިދޭނެކަމަށް ޑރ. އަގަރްވާލް އޭނާގެ އަންހެނުންނަށް ބުނެދޭން މަސައްކަތްކުރާ އަޑު ދެން މި ވީޑީއޯގައި އިވެ އެވެ.

ކާރުގައި އިނދެ ވާހަކަ ދައްކަމުން ޑރ. އަގަރްވާލް އޭނާ އަންހެނުން ކައިރީ އިތުރަށް ބުނަނީ އޭނާ ވެކްސިން ޖަހާތަނަށް ދިޔައީ އެކަން އޮތް ގޮތަށް އޮޅުންފިލުވަން ކަމަށެވެ. އަދި އެމީހުން އޭނާ ކައިރީ ވެކްސިން ޖަހަންވީ ނޫންހޭ ބުނީމަ އޭނާ ފުރުސަތުގެ ބޭނުން ހިފައިގެން ވެކްސިން ޖެހީ ކަމަށެވެ. އަދި އަންހެނުން ގަޔަށް ވެކްސިން ޖެހޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށް ވެސް ޑރ. އަގަރްވާލް އޭނާ އަންހެނުން ކައިރީ ބުނެ އެވެ.
ނަމަވެސް އޭނާ އަންހެނުން ޑރ. އަގަރްވާލް ދައްކާ ވާހަކައެއް އަޑެއް ނާހަ އެވެ. "ކަލޭ ދިޔައިރު ތިމަންނާ ނުގެންދިޔައީ ކީއްވެހޭ؟" އަދި "ދޮގު ނުހަދާށޭ" ކިޔައިގެން ރުޅިގަދަކުރާ އަޑު ދެން އިވެ އެވެ.

އޭރު ޑޮކްޓަރު އަގަރްވާލް އިނީ ފޭސްބުކުން ލައިވް ކޮށްގެން ކެމެރާ ޖައްސައިގެން ކަމުން ހުރިހާ ވާހަކަތަކެއް އެފްބީން ގިނަ ބަޔަކަށް ފެނި ވީޑިއޯ ވައިރަލް ވީއެވެ.

ނަމަވެސް ލައިވް ކޮށްގެން އިން ވާހަކަ ޑރ. އަގަރްވާލް އޭނާގެ އަންހެނުން ކައިރީ ބުނީ މާ ފަހުންނެވެ.
މި ވީޑީއޯއަށް ކޮމެންޓު ކުރި ތަރުން ޝުކްލާ ކިޔާ މީހަކު ބުނި ގޮތުގައި އަންހެނުން ގަޔަށް ވެކްސިން ނުޖަހައި ޑރ. އަގަރްވާލް ފުރަތަމަ ވެކްސިން ޖެހީމަ ވާނީ މި ކަހަލަ ގޮތެކެވެ. އަދި ލައިވްކުރާ ގަޑިއެއްގައި އަންހެނުން ގުޅިޔަސް ފޯނު ނުނެގުމަށް އެމީހާ ވަނީ ޑރ. އަގަރްވާލް އަށް ހަނދާން ކޮށްދީފަ އެވެ.

ޑރ. އަގަރްވާލް ފޭސްބުކްގައި ލައިވް ކުރަން ފެށީ ވެކްސިން ޖަހަމުންނެވެ. އޭނާ ވެކްސިން ޖަހައިގެން ކާރަށް އަރަން ދަނިކޮށް އަންހެނުން ގުޅީމަ ވެސް ލައިވް ކަނޑާނުލާ ބެހެއްޓުނީމަ އަންހެނުން ރުޅިގަނޑު ބޭލުވި އަޑުވެސް އެންމެންނަށް އިވުނީ އެވެ.

ފްރޮންޓްލައިން ވޯކާޒްގެ ތެރެއިން ގިނަ ބަޔަކު ވެކްސިން ޖެހުމުގެ ކުރިން އެމީހުން ޖަހަން ބޭނުންވާ ވެކްސިނެއް ޚިޔާރުކުރުމުގެ ފުރުސަތު ދިނުމަށް އެދެ އެވެ. ސަބަބަކީ އިންޑިޔާގައި ކޯވެކްސިންގެ ފޭސް 3 ޓްރަޔަލް ވެސް ކުރިޔަށް ދާތީ އެވެ.

މިހާތަނަށް އިންޑިޔާގައި ފްރޮންޓްލައިން ވޯކަރުންގެ ގޮތުގައި މަސައްކަތްކުރި ހަތަރު މީހަކު ވެކްސިން ޖެހިތާ މާ ގިނަ އިރެއް ނުވެ މަރުވުމުގެ ސަބަބުން ގިނަބަޔަކު ވަނީ ވެކްސިން ޖަހަންބިރުގަނެފަ އެވެ.

ނަމަވެސް އިންޑިޔާ ސަރުކާރުން ބުނަނީ މީގެން އެއްވެސް މީހަކު މަރުވެފައިވަނީ ވެކްސިންގެ ސަބަބުން ނޫން ކަމަށެވެ.

ވެކްސިން ޖެހުމުގެ ޕްރޮގްރާމްގެ ފޭސް 1 ޖުލައިމަހު ނިމޭއިރު އެއް ކްރޯޑު ހެލްތު ކެއާ ވޯކާޒް އާއި ދެ ކްރޯޑު ފްރޮންޓްލައިން ވޯކާޒް އަށް ވެކްސިން ޖަހާނެ އެވެ.