ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

މިދިޔަ މަހު ރާއްޖެ އަށް 92،103 ޓޫރިސްޓުން

މި އަހަރުގެ ފުރަތަމަ މަހު ރާއްޖެއަށް 92،103 ޓޫރިސްޓުން އަތުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން ޓޫރިޒަމްގެ އެންމެ ޕީކް އެއް މަސް ކަމަށްވާ މިދިޔަ މަހު ރާއްޖެއަށް 92،103 ޓޫރިސްޓުން އައިސްފައިވެ އެވެ. ނަމަވެސް މި އަދަދަކީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އައި 173،874 ޓޫރިސްޓުންނާ އަޅާ ބަލާއިރު 47 ޕަސެންޓުގެ ދަށް ނިސްބަތެކެވެ.

މިދިޔަ މަހަށް ބަލާއިރު އެވްރެޖު ގޮތެއްގައި ރާއްޖެއަށް އައިސްފައި ވަނީ 2،971 ޓޫރިސްޓުންނެވެ. އަދި މިދިޔަ މަހު ޓޫރިސްޓުން އެވްރެޖު ގޮތެއްގައި މަޑުކޮށްފައިވަނީ 9.2 ދުވަހު އެވެ. އެންމެ ގިނައިން ޓޫރިސްޓުން އައިސްފައިވަނީ ރަޝިއާ އިންނެވެ. އެ ގައުމުން 20،973 މީހުންނެވެ. އެ ގައުމުން ރާއްޖޭގެ ޓޫރިޒަމްގެ 22 ޕަސެންޓް ހިއްސާ ކޮށްފައިވެ އެވެ. އަދި ދެވަނަ އަށް އެންމެ ގިނައިން ޓޫރިސްޓުން އައިސްފައިވަނީ އިންޑިއާ އިންނެވެ. އެ ގައުމުން 19،135 މީހުން އައިސްފައިވެ އެވެ.

މި އަހަރުގެ ޖެނުއަރީ މަހު އެންމެ ގިނައިން ޓޫރިސްޓުން އައި ދުވަހަކީ އިއްޔެ އެވެ. އިއްޔެ ރާއްޖެ އަށް 4،218 ޓޫރިސްޓުން އައިސްފައިވެ އެވެ. އަދި ދެވަނަ އަށް އެންމެ ގިނައިން މީހުން އައިސްފައިވަނީ އާ އަހަރު ފާހަގަ ކުރުމަށް މިދިޔަ މަހުގެ ތިން ވަނަ ދުވަހު އެވެ. އެ ދުވަހު 4،196 މީހުން އައިސްފައިވެ އެވެ.

މިދިޔަ އަހަރު ރާއްޖެއަށް 555،494 ޓޫރިސްޓުން ޒިޔާރަތް ކުރި އެވެ. ސަރުކާރު އަމާޒަކީ މި އަހަރު އެއް މިލިއަން ޓޫރިސްޓުން ގެނައުމެވެ.