ހަބަރު

އޭޓީއެމް ނެތް ރަށްރަށަށް 100 ކޭޝް އެޖެންޓުން ހޯދަނީ

އޭޓީއެމްގެ ނެތް ރަށްރަށަށް ބީއެމްއެލް އިން އިތުރު 100 ކޭޝް އެޖެންޓުން ހަމަޖައްސަން ނިންމައިފި އެވެ.

ބީއެމްއެލް އިން ބުނީ އެ ބޭންކުގެ ބްރާންޗެއް ނުވަތަ އޭޓީއެމްއެއް ނެތް ރަށްރަށުގައި ދޭ، ކޭޝް އެޖެންޓުން މެދުވެރިކޮށް ކަސްޓަމަރުންނަށް އެކައުންޓުން ފައިސާ ނެގުމުގެ އިތުރުން އެކައުންޓަށް ފައިސާ ޖަމާކުރުމާއި ކްރެޑިޓް ކާޑާއި ލޯނަށް ފައިސާ ދެއްކުމުގެ ހިދުމަތް ވެސް ލިބޭނެ ކަމަށެވެ.

ބޭންކުން އެއްވެސް ފީ އެއް ނުނަގައި ދޭ މި ހިދުމަތް ހޯދި މީހުން މިދިޔަ އަހަރު 41 ޑިޕޮސިޓް ކޭޝް އެޖެންޓުން މެދުވެރިކޮށް 180 މިލިއަން ރުފިޔާ ޖަމާކޮށްފައިވެ އެވެ.

ބީއެމްއެލްގެ 200 އަށް ވުރެ ގިނަ ކޭޝް އެޖެންޓުން މެދުވެރިކޮށް މިހާރު ވެސް އަންނަނީ މި ހިދުމަތް ދެމުންނެވެ. ބީއެމްއެލް އިން މި ހިދުމަތް ތައާރަފުކޮށްފައިވަނީ 2014 ވަނަ އަހަރު އެވެ.

ކޭޝް އެޖެންޓުން މެދުވެރިކޮށް ދުވާލަކު ނެގެނީ 2000 ރުފިޔާ އެވެ. ދުވާލަކު ޖަމާކުރެވެނީ 10،000 ރުފިޔާ އެވެ.