ކެއާ ސޮސައިޓީން ހިންގަމުންދާ ކެއާ ޑިވެލޮޕްމަންޓް ސެންޓަރު (ސީޑީސީ) ގެ ދަރިވަރެއްގެ އެއް އަހަރު ދުވަހުގެ ފީ، މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ މެންބަރު މުހައްމަދު ޝަފާއު ސްޕޮންސަރު ކޮށްދެއްވައިފި އެވެ.
ޝަފާއު ސްޕޮންސަރު ކޮށްދެއްވާފައި ވަނީ ސީޑީސީގައި ކިޔަވަމުންދާ ނުކުޅެދުންތެރިކަން ހުންނަ ކުއްޖެކެވެ. އެއީ އެހީތެރި ކަމަށް ބޭނުން ވެފައިވާ ކުއްޖެއް ކަމަށް ސީޑީސީން ބުންޏެވެ.
އެ ދަރިވަރުގެ އެއް އަހަރު ދުވަހުގެ ފީ ސްޕޮންސަރު ކޮށްދެއްވައި އެއްބަސްވުމުގައި ސޮއި ކުރަން މިއަދު ހެނދުނު ކެއާ ސޮސައިޓީގައި ވަނީ ރަސްމިއްޔާތެއް ބާއްވާފަ އެވެ.
ހެނދުނުގެ އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝަފާއު ވިދާޅުވީ ސީޑީސީގެ ދަރިވަރެއްގެ އަހަރު ދުވަހުގެ ފީ ސުޕޮންސަރު ކުރެއްވުން އެއީ ލިބި ވަޑައިގެންނެވި ވަރަށް ބޮޑު އުފަލެއް ކަމަށާއި އެހީއަށް ބޭނުންވާ ކުދިންނަށް އެހީތެރިވެ ދެއްވުމަކީ އަބަދުވެސް ޝައުގުވެރިވެ ވަޑައިގަންނަވާ ކަމަށެވެ.
ތަނަވަސް ކަން ލިބިފައިވާ ފަރާތްތަކުން އެހީތެރިކަން ބޭނުން ވެފައިވާ މީހުންނަށް އެކި މިންވަރުގައި އެހީތެރިވެ ދިނުމަށް ދިނުމަށް ވެސް ޝަފާއު ވަނީ އެދިވަޑައިގެންފަ އެވެ.
"އަޅުގަނޑުގެ އިލްތިމާސަކީ ބޭނުން ޖެހިފައިވާ ކުދިންނަށް ވެވެން އޮތް މިންވަރަކުން ތަނަވަސް ކަމުގެ އަހުލުވެރިން އެހީތެރިވެ ދޭށޭ. ކިތަންމެ ކުޑަ މިންވަރެއް ފޯރުކޮށް ދިން ނަމަވެސް އެއީ އެފަދަ ކުދިންނާއި އާއިލާތަކަށް ދެވޭ ވަރަށް ބޮޑު އެހީތެރި ކަމެއް،" ރީޖަނަލް އެއާޕޯޓްސްގެ ބޯޑުގައި ވެސް ހިމެނި ވަޑައިގަންނަވާ ޝަފާއު ވިދާޅުވި އެވެ.
ސީޑީސީ އަށް އިމާރާތެއްގެ ދަތިކަން ހުރިކަމާއި، ކިޔަވައި ދޭނެ ތަނުގެ ދަތިކަން ފާހަގަކުރައްވައި ޝަފާއު ވިދާޅުވީ، ކުދިންގެ ކުރިމަގަށް ވިސްނައި އެހީވެވެން އޮތް މިންވަރަކުން ހުރިހާ ބޭފުޅުން ވެސް މިފަދަ ކަންކަމުގައި އެހީވުމަށެވެ.
ސީޑީސީ ހިންގުމާ ހަވާލުވެ ހުންނެވި ނައުޝަން މުހައިމިން ވިދާޅުވީ، މުޖުތަމައުގައި ހިންގާ ހުރިހާ އެންޖީއޯ އަކަށް ވެސް މިފަދަ އެހީތެރިކަން ބޭނުންވާ ކަމަށާއި، ޝަފާއު ދެއްކެވި މިސާލު މާލީ ގޮތުން ތަނަވަސް ހުރިހާ ބޭފުޅުން ވެސް ދެއްކެވުމަކީ އެފަދަ މަސައްކަތްތަކަށާއި ކުދިންނަށް ވެސް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމަކަށް ވާނެ ކަމަށެވެ.
މީގެ ކުރިން ސީޑީސީ ދެ ފަހަރެއްގެ މަތިން ބަންދުކުރަން ޖެހުނުކަން ފާހަގަ ކުރައްވައި ނައުޝަން ވިދާޅުވީ، މާލީ ގޮތުން ތަނަވަސް ފަރާތްތަކުން އެފަދަ އެހީތައް ވެދޭނަމަ ސީޑީސީއަށް މިފަދަ އެއްވެސް ދަތިކަމެއް ނޯންނާނެ ކަމަށެވެ.
މިއަދު ސީޑީސީގެ ދަރިވަރަކަށް ޝަފާއުގެ އެހީތެރިކަން ދޭން ނިންމެވި އިރު މީގެ ކުރިންވެސް އޭނާ ގެންދިޔައީ އެފަދަ އެހީތެރިކަމަށް ބޭނުންވާ ކުދިންނަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށް ދެއްވަމުންނެވެ.