އާމްދަނީން ނަގާ އިންކަމް ޓެކްސްއާ ގުޅުން ހުރި ގަވައިދު އިސްލާހު ކުރުމުގެ ގޮތުން އާއްމުންގެ ހިޔާލަށް ހުޅުވާލަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ނިންމައިފި އެވެ.
މީރާއިން އާއްމުންގެ ހިޔާލަށް ހުޅުވާލާފައި ވަނީ އާމްދަނީން ޓެކްސް ނެގުމުގެ ގަވާއިދެވެ. މި ގަވައިދަށް މައިގަނޑު 18 އިސްލާހެއް ގެނެސް އާއްމުންގެ ހިޔާލަށް ހުޅުވާލާފައި ވެއެވެ.
ރާއްޖޭގައި އިންކަމް ޓެކްސް ނަގަން ފަށާފައި ވަނީ މިދިޔަ އަހަރު އެވެ.
އިންކަމް ޓެކްސްގެ ގާނޫނުގެ ދަށުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ފަރުދުންގެ އަތުން އިންކަމް ޓެކްސް ނަގަން ފެށީ މިދިޔަ އަހަރުގެ އެޕްރީލް މަހު އެވެ. މި ޓެކްސް ނަގަނީ 60،000ރ. އަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭ މީހުންގެ އަތުންނެވެ. މި ޓެކުހުގެ ގޮތުގައި މެއި މަހު ލިބިފައި ވަނީ ދެ މިލިއަން ރުފިޔާ އެވެ.
އިންކަމް ޓެކްސްގެ އެ ގާނޫނުގައިވާ ގޮތުން އިންކަމް ޓެކްސްގެ ގާނޫނުގެ ދަށުން މުސާރައިގެ ގޮތުގައި ލިބޭ އާމްދަނީ ނޫން އެހެން ހުރިހާ އާމްދަނީ އަކުން އެ ޓެކްސް ނަގާނެ އެވެ. އެގޮތުން މަހަކު 60،000 ރުފިޔާ އާއި 100،000 ރުފިޔާއާ ދެމެދުގެ އާމްދަނީ ލިބޭ މީހުން އެ އަދަދުގެ 5.5 ޕަސެންޓް ފައިސާ ދައުލަަތައް ދައްކަން ޖެހެ އެވެ. އަދި 100،000 ރުފިޔާއާއި 150،000 ރުފިޔާއާ މެދުގެ އާމްދަނީން އަށް ޕަސެންޓް ނަގާނެ އެވެ.