ދުނިޔެ

އިދިކޮޅު ލީޑަރު ޖަލުގައި ބަހައްޓަން އެދޭނެ: ރަޝިޔާ

ރަޝިއާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވާލްނީ ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓަން ކޮށްފައިވާ އަމުރު ކެންސަލްކޮށް ޖަލު ހުކުމަކަށް ބަދަލު ކުރަން ކޯޓުގައި އެދިވަޑައިގަންނަވާނެ ކަމަށް ރަޝިއާގެ އެޓާނީ ޖެނެރަލް އޮފީހުން ނެރުނު ބަޔާނެއް ބުނެފި އެވެ.

ބަޔާނުގައި ބުނެފައިވާ ގޮތުން ނަވާލްނީއަށް ޖަލު ހުކުމަކަށް އެދެނީ ރަނގަޅު ކިތަންމެ ގޮތެއް އިހުތިޔާރަށް ދޫކޮށްލުމުން ވެސް އޭނާ އެއްބާރުލުން ނުދެއްވާތީ ކަމަށެވެ.

ނަވާލްނީއަށް 2014 ގައި ވަނީ ތިން އަހަރާ ހަމަހުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. އެއީ އޮޅުވާލުމާއި މަކަރު ހެދުން އަދި ވައްކަމުގެ މައްސަލަތަކެއް ސާބިތުވުމުންނެވެ. އެހެން ނަމަވެސް، އެޓާނީ ޖެނެރަލް އޮފީހުން ބުނެފައިވާ ގޮތުން ޝަރުތުތަކެއްގެ މަތިން އޭނާއަށް އަދަބު ލުއި ކޮށްދިނެވެ. އެއީ ހަ އަހަރުގެ ޕްރޮބޭޝަން މުއްދަތެއް ކަނޑައަޅައި މަހަކު ދެފަހަރު ފުލުހަށް ހާޒިރުވެ އުޅޭ ނޫޅޭ ތަން ބުނެ ދިނުނެވެ.

ނަވާލްނީއަށް ވިހަ ދިން ހާދިސާގައި ފަރުވާއަށް ޖަރުމަނަށް ވަޑައިގެންނެވުމަށްޓަކައި ޕްރޮބޭޝަންގެ ދަށުން ފުލުހަށް ހާޒިރު ވާން ނުޖެހޭ ގޮތަށް ފަރުވާގެ މުއްދަތު ބަދަލު ކޮށްދިން ކަމަށް އެޓާނީ ޖެނެރަލްގެ އޮފީން ބުނެ އެވެ.

އޮކްޓޯބަރު 2020 ގައި ފަރުވާގެ ހުރިހާ ކަމެއް ފުރިހަމަކޮށް ނާވާލްނީ ދޫކޮށްލިކަން "ރަޝިއަން ފެޑެރަލް ޕެނިޓެންޝަރީ ސާވިސް" އަށް އެނގިފައިވާ ކަމަށް ވެ އެވެ. އެ މުއްދަތުން ފެށިގެން ނަވާލްނީގެ ފަރާތުން ފުލުހަށް އެއްވެސް މައުލޫމާތެއް ދީފައި ނުވާ ކަމަށް ބަޔާނުގައި ވެ އެވެ. ރަޝިއާއިން "ވޯންޓެޑް" ލިސްޓަށް ނަވާލްނީ ލާން ޖެހުނީ އެހެންވެ ކަމަށް ވެސް ބަޔާނުގައި ވެ އެވެ.

ޖަރުމަނުން ފަރުވާ ހޯއްދެވުމަށް ފަހު ޖެނުއަރީ 17 ގައި ރަޝިއާއަށް ވަޑައިގެންނެވިތަނުން ނަވާލްނީ ވަނީ ހައްޔަރު ކޮށްފަ އެވެ. އޭނާ ދޫކޮށްލަން ގޮވާލައި މޮސްކޯގެ މަގުތަަކަށް އެތައް ހާސް ބަޔަކު ވަނީ އެއްވެފަ އެވެ. މިކަމާ ގުޅިގެން ދެދުވަހެއްގެ މަތިން ހައްޔަރު ކުރަން ޖެހުނު މީހުންގެ އަދަދު 9.000 އަށް ވުރެ ގިނަވާނެ ކަމަށް މިހާރު ވަނީ ލަފާ ކުރެވިފަ އެވެ.

ނަވާލްނީގެ މައްޗަށް މިހާރު އޮތް އަމުރު ކެންސަލްކޮށް ޖަލުހު ކުމަށް ބަދަލު ކުރަން އޭނާ މިއަދު ކޯޓަށް ހާޒިރު ކުރަން ވަނީ ނިންމާފަ އެވެ.