ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

"ސުކޫލުތަކާއި ބޯޑަރު ބަންދުކުރުން ބުއްދިވެރިއެއް ނޫން"

އަނެއްކާވެސް ސުކޫލުތަކާއި ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަކީ އެންމެ ބުއްދިވެރި ގޮތް ނޫން ކަމަށް މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިއަދު ހެނދުނު ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި އަވަހަށް ވެކްސިން ޖަހަން ގޮވާލައްވައި ވިދާޅުވީ، ވެކްސިން ޖަހައިގެން ކޮވިޑް ކޮންޓްރޯލް ކުރުން ވަރަށް ބޭނުންތެރި ކަމަށެވެ.

"އަވަހަށް ވެކްސިން ޖަހާ ކޮވިޑް ކޮންޓްރޯލް ކުރުން ވަރަށް ބޭނުންތެރި. މިއީ އެޗްޕީއޭ އަދި ހެލްތް މިނިސްޓްރީ އިތުރު އިޖުރާތު އުފައްދަން ވީ ވަގުތެއް ނޫން. ބުއްދި ބަހައްޓަވާ" އެމަނިކުފާނުގެ ޓްވީޓްގައި ވިދާޅުވި އެވެ.

ރައީސް ނަޝީދު މިމޭރުމުން ވާހަކަ ދެއްކެވިއިރު، އިއްޔެ ފެށި ވެކްސިން ޕްރޮގްރާމުގައި އެމަނިކުފާނު ވަނީ ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒު ޖައްސަވާފަ އެވެ. އެމަނިކުފާނާ އެކީ ރައީސް ސޯލިހާއި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވެސް ވަނީ ވެކްސިން ޖައްސަވާފަ އެވެ. މީގެ އިތުރުން ސަރުކާރުގެ ބައެއް އިސް ވެރިން ވަނީ ވެކްސިން ޖައްސަވާފަ އެވެ.

އިއްޔެ ރާއްޖޭގައި ވެކްސިން ދޭން ފެށި ޕްރޮގްރާމުގައި ޖުމްލަ 282 މީހަކު ގަޔަށް ވަނީ ވެކްސިން ޖަހާފަ އެވެ. ކޮވިޑް-19 އަށް ޕޮޒިޓިވްވާ އަދަދު މައްޗަށް ދާއިރު އިއްޔެ ރާއްޖެ އިން 215 ކޭސް ވަނީ ޕޮޒިޓިވް ވެފައެވެ. ބައެއް ސުކޫލުތަކުން ދަރިވަރުންނާއި ސްޓާފުން ވަނީ ޕޮޒިޓިވް ވެފައެވެ. އެހެން ނަމަވެސް އެޑިއުކޭޝަނުން ވަނީ އެޗްޕީއޭގެ ގައިޑްލައިންތަކާއި އެއްގޮތަށް ދަރިވަރުން ސުކޫލަށް ހާޒިރު ކޮށްގެން ކިޔެވުން ކުރިއަށް ގެންދިއުމަށް އަންގާފަ އެވެ.