މިރޭ ދަ ގުރާންޑޭ އާ ދެކޮޅަށް ކުޅޭ މެޗު ކާމިޔާބު ކޮށް ތާވަލުގެ އެއް ވަނައިގައި ބޮޑު ލީޑެއް ނަގން މާޒިޔާގެ ކުޅުންތެރިން ވަރުގަދަ ރޫހެއްގައި ތިބެން ޖެހޭނެ ކަމަށް އެ ޓީމުގެ ކޯޗް ރިސްޓޯ ވިޑަކޮވިޗް ބުނެފި އެވެ.
ދަ ގުރާންޑޭ އާ ދެކޮޅަށް ކުޅޭ މެޗުން މޮޅު ވެއްޖެނަމަ ދިވެހި ޕްރިމިއާ ލީގްގައި މާޒިޔާއަށް ބޮޑު ލީޑެއް ލިބޭނެ އެވެ. މާޒިޔާ މިވަގުތު އެއް ވަނައިގައި އޮތީ ތިން ޕޮއިންޓް ލީޑަކާ އެކު އެވެ. އެ ޓީމުގެ ފަހަތުން ދެ ވަނައިގައި އޮތް ދަ ގުރާންޑޭ ބަލި ކުރެވިއްޖަނަމަ، މާޒިޔާއަށް ހަ ޕޮއިންޓްގެ ލީޑެއް ލިބޭނެ އެވެ.
"އަހަރެމެންގެ ކުޅުންތެރިންގެ 100 ޕަސަންޓް މާދަމާގެ މެޗަށް ދޭން ޖެހޭނެ. ކުޅުންތެރިން ރަނގަޅު ރޫހެއްގައި ތިބުން ވަރަށް މުހިންމު. އެމީހުން ތިބެން ޖެހޭނީ އެ ރޫހްގައި،" މިރޭ ދަ ގުރާންޑޭ އާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ޕްރީ މެޗު ޕްރެސްގައި ވާހަކަ ދައްކަމުން ރިސްޓޯ ބުންޏެވެ. "ސަބަބަކީ އެއީ ވަރަށް ގިނަ ކަންކަން ފެންނާނެ މެޗެއް. އަހަރެމެންނަށް ވަރަށް މުހިންމު މެޗެއް އަހަރެމެން މޮޅު ވެއްޖެނަމަ އަހަރެމެންނަށް ބޮޑު އެޑްވާންޓޭޖަކަށް ވާނެ."
ސާބިއާގެ ކޯޗް ބުނީ، ރާއްޖޭގެ ލީގަކީ އެއް ޓީމެއްގެ ކުޅުންތެރިންނަށް އަނެއް ޓީމެއްގެ ކުޅުންތެރިޔާވެސް ވަރަށް ރަނގަޅަށް އެނގޭ ގައުމެއް ކަމަށާއި އެހެންވެ ކޮންމެ މެޗަކަށްވެސް އެކި ބަދަލުތައް ގެނެސްގެން ކުޅެން ޖެހޭނެ ކަމަށެވެ.
ދަ ގުރާންޑޭ އިން ވަނީ ލީގްގެ ފުރަތަމަ ބުރުގައި، މާޒިޔާ ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ދެ ވަނަ ހާފުގައި ފަހަތުން އަރައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އެ މެޗަކީ މާޒިޔާގެ ކޯޗް ރިސްޓޯ ދަނޑުގައި ހުރެގެން ބެލި މާޒިޔާގެ ފުރަތަމަ މެޗެވެ. ޖަނަވަރީ ތިން ވަނަ ދުވަހުގެ ރޭ ކުޅުނު މެޗަށް މާޒިޔާ ދިޔައީ، އެދުވަހުގެ މެންދުރު ފަހު ރިސްޓޯ ކޯޗް ކަމަށް ހަމަޖެއްސުމަށް ފަހު އެވެ. އެހެންނަމަވެސް ޓީމުގެ މަސައްކަތްތަކާ އޭރު ހަވާލު ނުވެ އެވެ. އެހެންވެ އޭނާ މެޗު ބެލީ ދަނޑުގެ ރޮސްޓްރޮމްގައި ހުރެގެންނެވެ.
ދަ ގުރާންޑޭ މިރޭ މެޗަށް ނުކުންނައިރު އޮތީ ރަނގަޅު ފޯމެއްގަ އެވެ. މިދިޔަ ސީޒަންގައި ކުރިމަތިވި މައްސަލަތަކުން އަރައި ގަނެ އެ ޓީމުން ދަނީ މި ސީޒަންގައި ރަނގަޅު ނަތީޖާތަކެއް ނެރުމުންނެވެ. އެ ޓީމުގެ ކޯޗް އިސްމާއީލް މަހްފޫޒް (އިންމަ) ބުނީ މާޒިޔާ ބަލި ކުރެވިދާނެ ކަމަށް ބުނަން އުނދަގޫ ކަމަށެވެ. އެހެންނަމަވެސް ކޮންމެ ޓީމަކަށްވެސް މެޗު ފެށުމަށް ފަހު އޮންނަ ފުރުސަތު ދަ ގުރާންޑޭއަށްވެސް އޮންނާނެ ކަމަށް އިންމަ ބުންޏެވެ.
"ރާއްޖޭގެ ޓޮޕް ލެވަލްގެ ކުޅުންތެރިން މިވަގުތު މާޒިޔާގައި އެތިބީ. އެވަރުގެ ޓީމަކާ ދެކޮޅަށް ނުކުންނައިރު އަޅުގަނޑުމެން ވިސްނަން ޖެހޭ ވަރަށް ގިނަ ކަންތައްތަކެއް ހުންނާނެ،" އިންމަ ވާހަކަ ދެއްކި އެވެ.
"އަޅުގަނޑު ބުނާނީ އަޅުގަނޑުމެންނަށްވެސް މެޗުގައި ކޮންމެވެސް ފުރުސަތެއް އޮންނާނެޔޭ. ފުޓްބޯޅައިގައި އޮންނަގޮތުން މޮޅުވުމުގެ ފުރުސަތު މިއޮންނަނީ ގިނަ ފަހަރަށް ޓެކްނިކަލީވެސް އެންމެ ވަރުގަދަ ޕްލޭޔަރުން އޮންނަ ޓީމަކަށް. އަދި ހާއްސަކޮށް ގައުމީ ޓީމުގެ ގާތްގަނޑަކަށް 12 ވަރަކަށް ނުވަތަ 13 ވަަރަކަށް ކުޅުންތެރިން އޮންނަ ޓީމެއްގެ ވާހަކަ މިދައްކަނީ. އެހެންނަމަވެސް އަޅުގަނޑުމެންވެސް މެޗަށް މި ނުކުންނަނީ މި މެޗުން ކޮންމެވެސް އެއްޗެއް ހާސިލު ކުރުމަށްޓަކައި. އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ކިތަންމެ ވަރުގަދަ ޓީމަކާ ދެކޮޅަށް ކުޅުނު ކަމުގައި ވިއަސް މޮޅުވުމުގެ ކޮންމެވެސް ފުރުސަތެއް އަޅުގަނޑުމެންނަށްވެސް އޮންނާނެ."