ދިވެހި ޕްރެމިއާ ލީގް

ޓީސީ ބަލިކޮށް ވެލެންސިއާ އަލުން ދެ ވަނައަށް

ޓީސީ ސްޕޯޓްސް ކުލަބުގެ މައްޗަށް 2-0 ގެ ނަތީޖާ އަކުން ކާމިޔާބު ކުލަބު ވެލެންސިއާ އިން އަލުން ތާވަލުގެ ދެ ވަނަ މަގާމަށް ޖެހިލައިފި އެވެ.

މެޗުން ތިން ޕޮއިންޓް ހޯދައި ވެލެންސިއާ ދެ ވަނަ މާގަމަށް ޖެހިލީ ޕޮއިންޓްގެ ގޮތުން ދަ ގުރާންޑޭ އާ ހަމަހަމަ ކޮށް ފައިދާ ގޯލުން، ދަ ގުރާންޑޭއަށް ވުރެ ކުރި ހޯދައިގެންނެވެ. ވެލެންސިއާ އާއި ދަ ގުރާންޑޭއަށް ވެސް މިހާރު 15 ޕޮއިންޓެވެ. މިއަދު ކާމިޔާބު ކުރި ދެ ލަނޑާއެކު ވެލެންސިއާ ވަނީ ފައިދާ ގޯލް ހަތަކަށް އިތުރު ކޮށްފަ އެވެ. ދަ ގުރާންޑޭއަށް ފައިދާ ފަސް ގޯލެވެ. މިރޭ މާޒިޔާ އާ ދެކޮޅަށް ކުޅޭ މެޗުން އެއްވަރު ކޮށްލިޔަސް ދަ ގުރާންޑޭ އަށް އަނެއްކާވެސް ދެ ވަނަ މަގާމު ލިބޭނެ އެވެ.

މިއަދު ހަވީރު ކުޅުނު މެޗުގައި ވެލެންސިއާގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ އަލީ ފާސިރު (ސެންޓޭ) އެވެ. ދެ ވަނަ ހާފުގައި ޓީސީގެ އޭރިއާގެ އަރިމަތިން އަހްމަދު ރިލްވާން އޭރިއާ ބޭރށް ބޯޅަ ދިނީ ސެންޓޭ ހުރުމުންނެވެ. ސެންޓޭ ވަނީ ބޯލް ކޮންޓްރޯލް ކުރުމަށް ފަހު އޭރިއާގެ ބޭރުން ގޯލްގެ މަތީ ކަނަށް އަމާޒުކޮށް ބޯޅަ ފޮނުވާލާފަ އެވެ. ޓީސީގެ ކީޕަރު އާޒާދުއަށް އެ ބޯޅަ ދިފާއު ކުރުމުގައި ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ.

ވެލެންސިއާގެ ދެ ވަނަ ލަނޑު ކާމިޔާބު ކުރީ އަހްމަދު އިމާޒު (އާއްކޮ) އެވެ. ވެލެންސިއާއިން ނެގި ކޯނަރު އެ ޓީމުގެ ހޯޒޭ އެންޓޯނިއޯ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލް ހުރަސް ދަނޑިއަށެވެ. އެ ބޯޅަ ރީބައުންސް ވެގެން އޭރިއާގެ އަރިމައްޗަށް ދިއުމުން އެ ބޯޅަ ހޯދީ އަބްދުﷲ މިދުހަތު ފަހްމީ (ބިޗަޑް) އެވެ. ބިޗަޑް ބޯޅަ ދިނީ އާއްކޮ އަށެވެ. އޭނާ ފޮނުވާލި ބޯޅަ ޓީސީގެ ގޯލަށް ވަނީ އެ ޓީމުގެ ކުޅުންތެރިޔެއްގެ ގައިގައި ޖެހިފަ އެވެ.