ކެބިނެޓް

ޓީއޭސީ މުއާހަދާގައި ރާއްޖެއިން ބައިވެރިވަނީ

"ޓްރީޓީ އޮފް އެމިޓީ އެންޑް ކޯޕަރޭޝަން އިން ސައުތު އީސްޓް އޭޝިއާ" (ޓީއޭސީ) މުއާހަދާގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް ނިންމައިފި އެވެ.

މި ނިންމުން އައީ މިއަދު އޮތް ވަޒީރުންގެ މަޖިލީހުގެ ބައްދަލްވުމުގައެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ މި ނިންމުމަކީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ހުށަހަޅާފައިވާ ކަރުދާހަކާ ގުޅޭގޮތުން މިއަދު ވާޗުއަލްކޮށް ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ވަޒީރުންގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ނިންމެވި ނިންމެވުމެއް ކަމަށެވެ.

ޓީއޭސީ އަކީ އެސޯސިއޭޝަން އޮފް ސައުތު އީސްޓް އޭޝިއަން ނޭޝަންސް (އާސިއާން) ގައި ހިމެނޭ މެންބަރު ގައުމުތަކުގެ މެދުގައި 1976 ވަނަ އަހަރު ސޮއިކުރެވުނު މުއާހަދާއެކެވެ. މި މުއާހަދާ އެކުލަވައިލާފައި ވަނީ އާސިއާންގެ ގައުމުތަކުގެ މެދުގައި ގާއިމުކުރެވިފައިވާ ގުޅުންތައް، ކަނޑައެޅިފައިވާ އުސޫލުތަކެއްގެ މަތިން ދެމެހެއްޓުމުގެ މަގުސަދުގައެވެ. އޭގެ ތެރޭގައި ސައުތް އީސްޓް އޭޝިޔާގެ ގައުމުތަކުގެ މެދުގައި އޮންނަ ގުޅުން ހަރުދަނާކޮށް، ސަރަހައްދުގެ ސުލްހަ މަސަލަސްކަން ގާއިމުކުރުމާއި މުއާހަދާގައި ބައިވެރިވާ އާންމު ފަރާތްތަކުގެ މަސްލަހަތުތައް ހިމާޔަތްކުރުމާ ގުޅޭ ދާއިރާތަކުން ގުޅުން ބަދަހިކުރަންވާނެ ކަމުގައި މި މުއާހަދާގައި ބަޔާންކޮށްފައިވެއެވެ.

ދިވެހިރާއްޖެއިން ޓީއޭސީ މުއާހަދާގައި ބައިވެރިވުމުން، އާސިއާންގެ ގައުމުތަކާއި ދިވެހިރާއްޖެއާ ދެމެދު އޮންނަ ސިޔާސީ އަދި ވިޔަފާރީގެ ގުޅުންތައް އިތުރަށް ހަރުދަނާވެ، އެކި ދާއިރާތަކުން ދިވެހި ރާއްޖެއަށް ބޭނުންވާ ފަންނީ އެހީތެރިކަން ލިބުމަށް މަގުފަހިވެގެންދާނެ ކަމުގައި ފޮރިން މިނިސްޓަރު ކަރުދާސް ހުށަހަޅައިދެއްވަމުން ވިދާޅުވިއެވެ.