ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލްގެ މުވައްޒިފުން ގޭގައި ތިބެގެން މަސައްކަތް ކުރާ ގޮތަށް ހަމަޖައްސައިފި

ބެންކު އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ އިންތިޒާމް ހަމަޖައްސައިފި އެވެ.

ބީއެމްއެލްއިން މި ނިންމުން ނިންމީ ފާއިތުވި ހަފްތާއެއްހާ ދުވަހުގެ ތެރޭގައި، ހާއްސަކޮށް މާލެ ސަރަހައްދުގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިންތިހާއަށް އިތުރުވެފައިވާތީ، ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް ކުރިއަށް އޮތް ދެ ހަފްތާއަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހަރުކަށި ކުރުމާއި ގުޅިގެންނެވެ.

ބެންކު އޮފް މޯލްޑިވްސްއިން ބުނީ މާދަމާއިން ފެށިގެން އެ ކުންފުނީގެ މުވައްޒިފުން އޮފީހަށް ނިކުންނާނީ ޓީމްތަކަށް ބެހިގެން ކަމަށެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން ކަނޑައަޅުއްވާފައިވާ މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަމުގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ބެންކުގެ މުވައްޒަފުން ޝިފްޓް ޑިއުޓީ އާއި ވަކިވަކި ޓީމް ތަކަށް ބަހާލައި އަދި ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ އިންތިޒާމުތައް ހަމަޖައްސާފައިވާ ކަމަށެވެ.

ކޮވިޑް-19 ގެ ކޭސްތައް އިތުރުވަމުންދާ މިދަނޑިވަޅުގައި ގިނަ އަދަދެއްގެ މުވައްޒަފުން މަސައްކަތް ކުރަމުން ދަނީ ގޭގައި ތިބެގެންނާއި އަދި ޝިފްޓް ޑިއުޓީ އުސޫލުން ކަމަށްވެސް ބުންޏެވެ.

ބެންކުން ބުނީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކުގެ އެކައުންޓް ހުޅުވުމާއި ރާއްޖޭން ބޭރަށް ފައިސާ ފޮނުވުމާއި ލޯކަލް ބޭންކް ޓްރާންސްފާ (އޭސީއެޗް، އާރްޓީޖީއެސް، އަދި އެމްއާރްޓީޖީއެސް) އަދި ކާޑު ޕްރޮސެސް ކުރުމާއި ޗެކް ޕްރޮސެސް ކުރުމުގެ އިތުރުން ޕޭ ރޯލް ހިދުމަތް (މުވައްޒަފުންގެ މުސާރަޖަމާކޮށްދިނުން) ގެ އިތުރުން ރަށްރަށުގައި ބެހެއްޓިފައިވާ އޭޓީއެމް ސާވިސް ކުރުމުގެ މަސައްކަތުގެ އިތުރުން ކަސްޓަމަރުންނަށް މައުލޫމާތު ދިނުމާއި ޖަވާބު ދިނުން ކޮންމެވެސް ވަރަކަށް ލަސްވާނެ ކަމަށެވެ.

ބޭންކުން ދެމުންދާ ހިދުމަތްތައް މެދުނުކެނޑި ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް ބިޒްނަސް ކޮންޓިނިއުޓީ ޕްލޭން އާ އެއްގޮތަށް މަސައްކަތް ކުރަމުންދާއިރު ކަސްޓަމަރުން ގޭގައި ތިބެގެން ޑިޖިޓަލް ބޭންކިން އަދި ސެލްފް ސާވިސް ޗެނަލްތައް މެދުވެރިކޮށް ހިދުމަތް ބޭނުންކޮށް އޮންލައިންކޮށް ލިބެން ހުންނަ ހިދުމަތްތައް ބޭނުން ކުރުމަށް ބެންކުން ވަނީ އެދިފައެވެ.