އީގަލްސް

އީގަލްސްގެ އޮފާއަށް ޝާޒް އެއްގަޑިއިރު ހޭދަ ނުކުރޭ

ކުލަބު އީގަލްސްގެ ހެޑް ކޯޗަކަށް ވާން ހުށަހެޅުމުން، އެކަމަށް އިޖާބަދޭން ގަޑިއެއްހާއިރު ހޭދަ ނުކުރާ ކަމަށް، އީގަލްސްގެ އާ ކޯޗް ޝާޒްލީ މުހައްމަދު (ޝާޒް) ބުނެފި އެވެ.

ޓީސީގެ ކޯޗް ކަމުން ޝާޒް އިސްތިއުފާ ދިނީ މިދިޔަ ހަފުތާ އެވެ. ތިން ދުވަސް ތެރޭ އޭނާ ވަނީ މިދިޔަ އާދިއްތަ ދުވަހު ކުލަބު އީގަލްސްގެ ކޯޗް ކަމާ ހަވާލުވެފަ އެވެ. އީގަލްސްގެ ހުށަހެޅުމަށް އިޖާބަ ދޭން އެހާ ކުޑަ ވަގުތު ކޮޅެއް ހޭދަ ކުރީ ކުލަބެއް ނެތުމުން އެކަމާ ޑެސްޕަރޭޓް ވެގެންތޯ ސުވާލު ކުރުމުން ޝާޒް ބުނީ އީގަލްސް ނޫން ޓީމެއް ނަމަ އިތުރު ވަގުތުވެސް ހޭދަވާނެ ކަމަށެވެ. އަދި އޭއެފްސީ ކަޕްގެ ފުރުސަތު އޮތް އީގަލްސްއަށް ނޫނެކޭ ބުނުމަކީ ދިވެހި ފުޓްބޯޅައަށް ނޫނެކޭ ބުނުން ފަދަ ކަމެއްގެ ގޮތުގައި ޝާޒް ސިފަ ކުރި އެވެ.

"އީގަލްސްގެ ފުރުސަތު ރަނގަޅީ ފަހަރުގައި އީގަލްސް ނޫން ޓީމެއް ނަމަ ވަގުތުވެސް ނަގާފާނެ، އަދި މިސާލަކަށް އެހެން ގޮތަކަށްވެސް ބަދަލު ވެގެން ހިނގައި ދާނެ،" ކޯޗް ކޮށްދޭން ކުލަބެއް ނެތުމުން ޑެސްޕަރޭޓް ވެގެންތޯ ސުވާލު ކުރުމުން ޝާޒް ބުންޏެވެ. "އެހެންނަމަވެސް ވަރަށް ބޭނުންވި ކަމެއް ޔޫތު ކުޅުންތެރިން އޮތް ޓީމެއްގެ ތެރޭގައި މަސައްކަތް ކުރަން."

"އަނެއްކާ ކުރީގެ ޓީމާ [ޓީސީ އާ] ހަވާލުވިއރުވެސް. ފާހަގަ ކުރެވޭނެ އެ ކުލަބުވެސް އޮތީ ވަރަށް ހާލުގައި. އޭރުވެސް ވަރަށް އުންމީދު ކުރިން އޭއެފްސީ ކަޕްގައި އޮތީމަ ރާއްޖެ ތަމްސީލް ކުރާ ޓީމެއް ވީމަ ރަނގަޅު ޓީމެއް ބިނާ ކުރަން. އަނެއްކާވެސް އެގޮތަށް ބަލާައިރުގައި އީގަލްސް މިއޮތީ އޭއެފްސީ ކަޕް ގައި އޮތީމަ އެ މުބާރާތަށް ރަނގަޅު ޓީމެއް ބިނާ ކުރުމަކީ ދިވެހި ފުޓްބޯޅައަށް ކޮށްދެވޭ ހިދުމަތަކަށް ވާތީ. ތިބުނާ ކަހަލަ އެއްވެސް (ޑެސްޕަރޭޓް ގެ) ކަމެއް ނެތް އަނެއްކާ މިވަގުތު އީގަލްސްއަށް ކޯޗަކު ބޭނުން ވެފައި އިން ޑަނޑިވަޅެއްގައި އީގަލްސް ނޫނެކޭ ބުނުމަކީ ދިވެހި ފުޓްބޯޅައަށް ނޫނެކޭ ބުނުން."

ޝާޒް ބުނީ، އީގަލްސްގެ ކުޅުންތެރިންނަކީ އޭނާވެސް ދަންނަ ކުޅުންތެރިންތަކެއް ކަމަށެވެ. އީގަލްސްގައި ނޭންގި އޮތް ކަމަކީ ޓީމުގެ އެތޭރޭގެ މޫވް އޮތް ގޮތް ކަމަށެވެ. އަދި އޭނާވެސް ކުޅުންތެރިޔެއްގެ ގޮތުގައި ކެރިއާ ފެށީ އީގަލްސް އިން ކަމަށް ޝާޒް ބުންޏެވެ.

އެންމެ ފަހުން ކުޅުނު ދެ މެޗުގައި އީގަލްސްއަށް ކޯޗް ކޮށްދިނީ އެސިސްޓެންޓް ކޯޗް އަހްމަދު ނިމާދު (ނިމާ) އެވެ. ޝާޒް ބުނީ ނިމާއަކީ ފުރަތަމަ ޑިވިޝަންގައި ކޯޗް ކޮށްދިނުމުގެ ފެންވަރު ހުރި ކޯޗެއް ކަމަށެވެ. އަދި އީގަލްސްގެ ހުށަހެޅުން އެހާ ކުއްލިގޮތަކަށް އައުމުންވެސް ޖަވާބު ދިނީ އެ ޓީމުގައި ނިމާ ހުރެފައި އޭނާ ކޮށްފައިވާ މަސައްކަތްތައް ފާހަގަ ވުމުން ކަމަށެ ވެސް ޝާޒް ބުންޏެވެ.

ކުރިން މަސައްކަތް ކުރި ކުލަބު ޓީސީ އާއެކު މަސައްކަތް ފެށީ ވަރަށް އުންމީދާ އެކު ގައި ކަމަށާއި ޓީސީގައި އެ ފުރުސަތު ނުލިބުނަސް ޒުވާން ކުޅުންތެރިން ހިމެނޭ ޓީމަކާއެކު އާ ޗެލެންޖެއް ނަގަން ބޭނުންވާ ކަމަށް ޝާޒް ބުންޏެވެ. އޭނާ ބުނީ، ޓީސީން ދުރަށް ދާން ޖެހުނު ސަބަބު އެހެން ހާލަތެއްގައި ހާމަ ކުރާނެ ކަމަށެވެ. އެކަން ފަހުން ނަމަވެސް ހާމަ ކުރުމަކީ ފުޓްބޯޅައަށް ޓަކައި ކުރަން ޖެހޭ ކަމެއްގެ ގޮތުގައި ޝާޒް ސިފަ ކުރި އެވެ.