ސުޕަ ޔުނައިޓެޑް ސްޕޯޓްސް އާއެކު މި ހާލަތުގައި ބަލިވުމުގެ މައްސަލަ ކުރިމަތި ވިއަސް ކަންބޮޑު ނުވާ ކަމަށް، އެ ޓީމުގެ ކޯޗް މުހައްމަދު ޝިޔާޒު (މޯހަން) ބުނެފި އެވެ.
މި ސީޒަންގައި ދެ ކުލަބުގައި މިހާތަނަށް މޯހަން ވަނީ ހަ މެޗުން ބަލިވެފަ އެވެ. އޭނާގެ ކުރީގެ ކުލަބު އީގަލްސްގައި ފަސް މެޗުން ބަލިވި އެވެ. އެއީ 2017 ގެ ފަހުން ލީގްގައި އެހާ ގިނަ މެޗުތަކުން އޭނާ ބަލިވި ފުރަތަމަ ފަހަރެވެ. ދ. ކުޑަހުވަދޫ ޓީމަށް، މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ކާމިޔާބު ކޮށްދީ، އެ އަަހަރުގެ ދިވެހި ޕްރިމިއާ ލީގަށް ކުރިމަތިލައި އެ ޓީމާއެކު 11 މެޗުން ބަލިވި އެވެ. އެއީ ދިވެހި ލީގްގެ ތާރީހްގައި މޯހަން މިހާތަަނަށް އެންމެ ގިނަ މެޗުތަކުން ބަލިވި ސީޒަނެވެ. އޭރު މޯހަން ބުނެފައި ވަނީ، ކުޑަހުވަދޫ ޓީމާއެކު އޭނާގެ މަސައްކަތަކީ ފުޓްބޯޅައަށްޓަކައި ކޮށްދޭ މަަސައްކަތެއް ކަމަށެވެ.
މެޗަކުން ބަލިނުވެ، ދިވެހި ޕްރިމިއާ ލީގް ކާމިޔާބު ކުރި ހަމައެކަނި ދިވެހި ކޯޗްގެ ގޮތުގައި ހުރި މޯހަން ބުނީ ސަސް އާއެކު މިވަގުތު ބަލިވުމަކީ އޭނާ ކަންބޮޑުވާ ކަމެއް ނޫން ކަމަށެވެ ސަސްގައި އޭނާގެ ޕްރޮޖެކްޓް ނިމޭއިރު ޓީމު ރަނގަޅަށް އޮންނާނެ ކަމުގެ ޔަގީންކަން މޯހަން ދިނެވެ. އޭނާ ސަސް އާ ހަވާލުވީ ތިން އަހަރުގެ މުއްދަތަށެވެ. އީގަލްސް ކަހަލަ ޓީމެއްގައި ފަސް މެޗުން ބަލިވުމަކީ އޭނާވެސް ކަންބޮޑުވި ކަމެއް ކަމަށް މޯހަން ބުންޏެވެ.
"މީގައި މިހާރު އެންމެ މުހިންމު ކަމަކީ ކޮން ކަމަކާ ކުރިމަތިލައިގެންތޯ އެއެއް އެނގުން ވަރަށް މުހިންމު، އީގަލްސްގައި ބަލިވުން އެއީ ހަމަ ހަގީގަތުގައިވެސް ބޮޑު މައްސަލައެއްގެ ގޮތުގައި އަޅުގަނޑު ގަބޫލު ކުރީ. އީގަލްސްގައި މިދިޔަ ދެ ސީޒަންގައި ބަލި ނުވާވަރަށް މި ސީޒަންގެ ކުރި ކޮޅު އެ ހުރި މެޗުތަކުން އަޅުގަނޑު ބަލިވެފައި ހުރީ. އެއީ އެ ކުލަބުން ދުރުވާން ޖެހުނު އެއް ސަބަބު ހަގީގަތުގައި،" މެޗުތަކުން ބަލިވުމަކީ ޕްރޮފައިލްއަށް އެހާ ރަނގަޅު ކަމަކަށް ނުވާއިރު އެކަމާ ކަންބޮޑު ނުވޭތޯ ސުވާލު ކުރުމުން މޯހަން ބުންޏެވެ.
"ދެން މިހާވާލުވެ ހުރި (ސަސް ގެ) ޕްރޮޖެކްޓް މިއީ އެހެން ކަހަލަ ޕްރޮޖެކްޓެއް އެހެންވީމަ މިއީކީ މި ސީޒަނަކަށް ނޫން މި ތައްޔާރު ވަނީއެއް. މި ސީޒަންގައި އެންމެ ބޮޑު އެއްކަމަކަށް އަޅުގަނޑުމެންގެ މިއޮތީ ސަވައިވް ވުން. ދެން ކުރިއަށް އޮތް ސީޒަންތަކަށް ތައްޔާރުވާން ވަރަށް ބޮޑެތި ބަދަލުތައް މުސްތަގުބަލުގައި ޓީމަށް އަދި ކުޅުންތެރިންނަށްވެސް އަންނާނެ. އެވަރަށް ފޯކަސް ކޮށްގެން ތައްޔާރުވާ ޓީމެއް މި ޓީމަކީ.
މިހާރު (ސަސް ގައި) މި ބަލި ތަކަކީ އަޅުގަނޑަށް މާކަބޮޑު މައްސަލަތަކެއް ނޫން. ދެން ތިބުނާހެން ޕްރޮފައިލްގައި ހުންނާނެ އެ އަދަުތައް ލިޔެވިފައި. އެހެންނަމަވެސް ފަހުން ދެން ނިމޭއިރުގައި މި ހޯދާ ކާމިޔާބެއް ކަންނޭންގެ މީގައި މުހިންމު ކަމަކީ އޭރަށް މީހުންނަށް ގަބޫލު ކުރެވޭނީ ކަމެއް ފައްޓައިގެން ގޮސް ކުރިއަށް ދެވި ކާމިޔާބެއް ހޯދޭނީ ކިހާވަރަކުން ކަމެއް. އެ މަސައްކަތް މިހާރު އަޅުގަނޑު މި ކުރަނީ."
ގިނަ މެޗުތަކުން އޭރު އީގަލްސްގައި ބަލިވާން ދިމާވި އެއް ސަބަބަކީ، މުހިންމު ކުޅުންތެރިން އަނިޔާވި އިރުވެސް މޯހަން ކުޅޭ އޯޕަން ގޭމެވެ. އެންމެ ފަހުން ގްރީން ސްޓްރީޓްސް އާ ދެކޮޅަށް ސަސް ބަލިވި މެޗުގައިވެސް އޭނާ ކުޅުނީ އޯޕަން ގޭމެކެވެ.
ޓީމުގެ މިޑްފީލްޑަށް މައްސަލަ ދިމާވެފައި ވާއިރު މުހިންމު ޑިފެންޑަރު އަބްދުﷲ ހަނީފު (ބެންޖޯޯ) ވެސް އެ މެޗުގައި ނުކުޅެ އެވެ. އެހެނެންނަމަވެސް މޯހަން އިހްތިޔަރު ކުރީ އޯޕަން ގޭމެއް ކުޅޭށެވެ. އެ ވިސްނުން ބަދަލު ކުރުމުގެ ވިސްނުމެއް ނުގެންގުޅެންތޯ ސުވާލު ކުރުމުން އޭނާ ބުނީ، މީހުން ބަލާ ހިތްވާ ކަހަލަ އެޓޭކިން ފުޓްބޯޅައެއް ކުޅުމަކީ އޭނާ ގަބޫލު ކުރާ މުހިންމު އެއްކަންތައް ކަމަށެވެ.
"މީ އެންޓަޓައިމެންޓް ކަމެއް ވީމަ އަޅުގަނޑު ގަބޫލު ކުރާހިތް ވަނީ މި އެންޓައިމެންޓާއެކީގައޭ ނަތީޖާ ނެރެން މަސައްކަތް ކުރަން ޖެހޭނީ. މީ އަޅުގަނޑު ގަބޫލު ކުރާ ގޮތް އެކި ކޯޗުން އެކި ގޮތަަށް ގަބޫލު ކުރާނީ،" މޯހަން ވާހަކަ ދެއްކި އެވެ.
"ރީތި ފުޓްބޯޅައެއް ކުޅެގެން ނަތީޖާ ނެރެވޭތޯ މަސައްކަތް ކުރުން އަޅުގަނޑުގެ ވިސްނުމަކީ. ދެން މިކަހަލަ ލީގެއްގައި އެކި މެޗަށް ކުދިކުދި ބަދަލު އަންނާނެ އެހެންނަމަވެސް މާކަ ބޮޑު ބަދަލެއް ނުގެންނާނަން. ބޭނުން ވަނީ ހަމަ ވިހާވެސް ބޮޑަށް އެޓޭކިން ފުޓްބޯޅައެއް ކުޅެން ވިހާވެސް ގިނަ ކުޅުންތެރިން އެޓޭކަށް އަރައިގެން. ދެން ބޯޅަ ގެއްލުނީމަ ޑިފެންސް ކުރާ ސްޓައިލަކަށް. ތިފާހަގަ ކުރިހެން މިގޮތަށް ކުޅޭއިރު އޯޕަން ވާނެ. ވަރަށް ގިނައިން ފުރުސަތު ލިބޭނެ އިދިކޮޅު ޓީމަށް."
މޯހަން ބުނީ މިދިޔަ ދެ މެޗުގައި އޭނާ ޓީމަށް ކުރިމަތިވި މައްސަލައަކީ އުފެދުނު ހަމަލާތައް ގޯލަށް ވައްދާ ނުލެވުން ކަމަށެވެ. ކުރިއަށް ހުރި މެޗުތަކުގައި އެކަންކަން ރަނގަޅު ކުރުމަށް އޭނާ އިސްކަން ދޭނެ ކަމަށް މޯހަން ބުންޏެވެ. މޯހަންގެ ސަސް މިރޭ ނުކުންނާނީ ކުރިން އޭނާ ކޯޗް ކޮށްދިން އީގަލްސް އާ ދެކޮޅަށެވެ.