ހަބަރު

"އަވަސް ކްރޯމް އެކްސްޓެންޝަން" ތައާރަފު ކޮށްފި

ގޫގުލް ކްރޮމް ބޭނުންކުރާ ފަރާތްތަކަށް ފަސޭހައިން ޚަބަރުތައް ބަލާލެވޭ އެޕްލިކޭޝަނެއް "އަވަސް - ގޫގުލް ކްރޯމް އެކްސްޓެންޝަން" ގެ ނަމުގައި އަވަސް އޮންލައިނުން ތައާރަފުކޮށްފި އެވެ.

އަވަސް ކްރޯމް އެކްސްޓެންޝަން ކްރޯމް ޑެސްކް ޓޮޕަށް އިންސްޓޯލް ކުރުމުން ގޫގުލް ކްރޯމްގެ ބްރޯޒާގައި ވެބްލިންކް ލިޔާ ގޮޅީގެ ކަނާތް ފަރާތުގައި އަވަސްގެ ލޯގޯ ރަމްޒުކޮށްދޭ ގޮތަށް ކުޑަ ގޮޅިއެއް ފެެންނާނެ އެވެ. އެގޮޅިއަށް ފިއްތާލުމުން އަވަސް އޮންލައިނަށް ނުވަދެ، ނޫހުގައި ޝާއިއުކުރާ ލިޔުންތަކާއި ޚަބަރު ތަރުތީބުވެފައިވާ ގޮޅިއެއް ޑެސްކްޓޮޕް ސްކްރީނަށް އަންނާނެ އެވެ.

އަވަސް އޮންލައިންގެ ކްރިއޭޓިވް އެޑިޓަރު މުހައްމަދު އަޕްޒަލް އާމިރު (އަޕޯ) ވިދާޅުވީ، ކްރޯމް ބޭނުންކުރާ ފަރާތްތަކަށް އަވަސް އޮންލައިންގެ ހަބަރުތަކާއި ސުރުހީތައް އަޕްޑޭޓްކޮށް ބަލާލެވޭނެ މިފަދަ އެޕްލިކޭޝަނެއް ތައާރަފުކުރީ، އަވަސް އޮންލައިން ބޭނުންކުރާ މީހުންގެ 70 ޕަސެންޓަކީ ކްރޯމް ބޭނުން ކުރާ ފަރާތްތަކަށް ވާތީ ކަމަށެވެ.

"އެއީ އެއް ބޭނުން، އަނެއް ކަމަކީ އޮފީސްތަކުގައި މަސައްކަތުގައި ތިއްބަވާ ބޭފުޅުން ނޫސް ބަލައި ކިޔުމަށް ފޯނާއި ވެބް ބްރޯޒާ ބޭނުން ކުރަން ޖެހުމުން މަސައްކަތުގައި ގެއްލޭ ވަގުތު ސަލާމަތްކޮށްދީ މަސައްކަތުގައި އިނދެގެން ހަބަރުތަކުގެ އަޕްޑޭޓް ހޯދައިލެެވޭނެ ގޮތެއް ހެދުން،" އަޕޯ ވިދާޅުވި އެވެ.

އަވަސް ކްރޯމް އެކްސްޓެންޝަންގެ ހާއްސަ އެއް ސިފަޔަކީ، ކްރޯމް އެކްސްޓެންޝަންގެ އެހީގައި ހަބަރު އަޕްޑޭޓް ބަލަން އިތުރު ޓެބެއް ހުޅުވަން ނުޖެހޭ ކަމެވެ. ކޮންމެ ސައިޓެއް ހުޅުވައިގެން އިން ނަމަވެސް ކަނާތް ފަރާތުން ފެންނަން އިންނަ އަވަސްގެ ލޯގޯގެ ގޮޅިއަށް ފިތާލުމުން ބޭނުން ކުރަމުން ދިޔަ ސައިޓު ބަދަލު ނުކޮށް އަވަސްގެ ހެޑްލައިންތައް ބަލައިލެވެ އެވެ.

"ކްރޯމް އެކްސްޓެންޝަންގެ ބޭނުމަކީ އިންސްޓެންޓް ނިއުސް އަޕްޑޭޓް ދިނުން. ވަރަށް މުހިއްމު މަސައްކަތެއް ކުރަމުން ވެސް އެ ގޮތަށް ބަލައިލެވުނީމާ އެނގޭނެ އަޕްޑޭޓް ވަމުންދާ ހަބަރު ސުރުހީތައް. އޭރުން ތަފްސީލު ހޯދަން ޝައުގުވެރިވާނަމަ އެ ހެޑްލައިނަކަށް ފިތާލީމަ އާ ޓެބެއްގައި އެ ހަބަރެއް ހުޅުވޭނެ. މިއީ ރާއްޖޭގެ އޮންލައިން ނޫސްތަކަށް އަދި ވަރަށް އާ ކަމެއް،" އަޕޯ ވިދާޅުވި އެވެ. "އަޅުގަނޑުމެން މި ތައާރަފު ކުރަނީ ރާއްޖޭގެ އޮންލައިން ނޫހަކުން މިހާތަނަށް ކޮށްފައި ނުވާ، ކިޔުންތެރިންނާ ރައްޓެހި ޒަމާނީ ކަމެއް. މީގެ ނަތީޖާ ވެސް ވަރަށް ރަނގަޅުވާނެ ކަމަށް އުންމީދު ކުރެވޭ"

އަވަސް - ކްރޯމް އެކްސްޓެންޝަން ގޫގުލް ކްރޯމް އަށް އެޑް ކުރަން އަވަސް އޮންލައިންގެ މެއިން ޕޭޖުގެ ތިރީ ބޯޑަރުގައި އެޕްސް ޖަހާފައި އިން އައިކަން އަށް ދިއުމުން ބޭނުން ވާ މައުލޫމާތު ލިބޭނެ އެވެ. ނުވަތަ ތިރީގައި މިވާ ލިންކަށް އޮބާލާށެވެ.

ކްރޯމް އެކްސްޓެންޝަން އަކީ އޭގެ ޒަރީއާއިން ކިޔުންތެރިން "އަވަސް" ނޫހާ ރައްޓެހި ކުރުވުމުގެ މަގުސަދުގައި ތައާރަފުކުރި އެޕްލިކޭޝަނެކެވެ. މިދިއަ ހަފުތާގައި އަވަސް އިން ވަނީ ނޫހަށް ހަބަރާއި މައުލޫމާތު ފޮނުވަން ބޭނުންވާ ފަރާތްތަކަށް އެ މަގު ފަހިކުރުމުގެ ގޮތުން "ނިއުސް ޑްރޮޕް" ގެ ނަމުގައިވެސް ހިދުމަތެއް ތައާރަފުކޮށްފަ އެވެ.