ޔުނައިޓެޑް ވިކްޓަރީގެ ކުޅުންތެރިންގެ މޯރަލް ޑައުން ވެފައި ވުމުން އެ ހާލަތު އެ ޓީމު ނަގަން ސްޕޯޓްސް ސައިކޮލަޖިސްޓެއްގެ އެހީތެރިކަން މާ މުހިންމުކަމަށް، އެ ޓީމުގެ ކޯޗް އިހްސާން އަބްދުލް ގަނީ (ސާންތީ) ބުނެފި އެވެ.
ޔުނައިޓެޑް ވިކްޓަރީ މި ސީޒަންގައި އަދި އެއްވެސް މެޗަކުން މޮޅެއް ނުވެ އެވެ. ސާންތީ އެ ޓީމުގެ ކޯޗް ކަމާ ހަވާލުވެގެން ދެ މެޗުން ވެސް އެޓީމު ވީ ބައްޔެވެ. ތާވަލުގެ ފުލުގައި އެ ޓީމު އޮތީ ތިން ޕޮއިންޓާއެކު އެވެ. ސާންތީ ބުނީ މިހާރު ޓީމު އޮތް ހިސާބުން ދެން އަރައި ނުގަނެވޭ ކަމަށް ބައެއް ކުޅުންތެރިންގެ ސިކުނޑިއަށް ވަދެފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން ކުޅުންތެރިންގެ މަސައްކަތުގެ ރޭޓަށް އަސަރު ކުރާ ކަމަށް ސާންތީ ބުންޏެވެ.
"މިހާރު ތިބި ކުޅުންތެރިން ފުޓްބޯޅަ ދަނޑަކަށް ނެރުމަށް ވުރެ ކުލާސް ރޫމެއްގެ ތެރެއަށް ނެރެގެން މި ދެންނެވީ ކޯޗެއްގެ މަސައްކަތަށް ވުރެ ބޮޑަށް އެ ކުޅުންތެރިންނަށް މިހާރު ބޭނުން ވަނީ ސްޕޯޓްސް ސައިކޮލޮޖިސްޓެއްގެ އެހީތެރިކަން،" ސާންތީ ބުންޏެވެ. "އަޅުގަނޑަށްވެސް ކުޅުންތެރިންގެ މިކަންކަން އިހްސާސް ކުރެވޭ ކޮންމެވެސް ވަރަކަށް ފުޓްބޯޅަ ކުޅެފަ ހުރި މީހެއް ވީމަ އަށް މެޗުން ނަތީޖާ ނުނެރެވި މިހެން ތާވަލުގެ ފުލުގައި ތިން ޕޮއިންޓްގައި އޮތުމަކީ ފަސޭހަ ކަމެއް ނޫން."
"ދެން މިކަން އަޅުގަނޑު ސްޓަޑީ ހަދަމުން ދިޔައިރު އިންޑިއާގެ ސުޕަ ލީގްގައި މިހާރުވެސް ސުނިލް ޗެތުރީ މެން ކުޅޭ ޓީމު [ބެންގަލޫރު އެފްސީ] ވެސް އަށް މެޗުން ހަމަ މިހާލުގައި އޮތީ އެމީހުންވެސް އަދި އަށް މެޗު ކުޅެގެން މޮޅެއް ނުވޭ. މިފަހުން ޗެތުރީ ދީފައި އިން އިންޓަވިއުއެއްގައިވެސް ބުނި މިއި ފަސޭހަ ކަމެއް ނޫނޭ. އެފެންވަރުގެ ކުޅުންތެރިން އެ ވިސްނުމުގައި ތިބޭއިރު ޔުނައިޓެޑް ވިކްޓަރީ މިތިބަ ޅަ ކުޅުންތެރިންނާއި އަދި އަޅުގަނޑުމެން ލީޑް ކުރަން ތިބި ކުޅުންތެރިން އަނބުރާ ގެނައުމަކީ ފަސޭހަ ކަމެއް ނޫން."
އަށް މެޗަށް ފަހު ބެންގަލޫރު އެފްސީ ރޭ ވަނީ ފުރަތަމަ ފަހަރަށް މޮޅުވެފަ އެވެ. އީސްޓް ބެންގާލް އާ ދެކޮޅަށް 2-0 ން ބެންގަލޫރު މޮޅުވި މެޗަކީ ޑިސެމްބަރު 17 ގެ ފަހުން އެ ޓީމު މޮޅުވި ފުރަތަމަ މެޗެވެ.
ސާންތީ ބުނީ ޔޫވީ މިހާރުވެސް ރަނގަޅަށް ކުޅޭ ކަމަށެވެ. ޓީމު ހާލަތުން އަރައި ގަތުމަށް މޮޅެއް ލިބޭ ހިސާބުންވެސް ތަފާތެއް ފެންނާނެ ކަމަށް ސާންތީ ބުންޏެވެ. ކުލަބުގެ ބޭރުން ނަމަވެސް ސްޕޯޓްސް ސައިކޮލަޖީގެ އެކްސްޕަޓީސް ހޯދަން މަސައްކަތް ކުރަންތޯ ސުވާލު ކުރުމުން ސާންތީ ބުނީ ކުލަބުގެ ހާލަތު އޮތީ ދަށް ކޮށް ކަމަށެވެ. އެކަން ކުރަންވެސް ހުރީ ހަމައެކަނި އޭނާ ކަމަށް ސާންތީ ބުންޏެވެ.
"ކުލަބުތަކުގެ މާލީ ހާލަތު އެނގޭނެ އެހާ ވަރުގަަދަ ކުލަބުތަކެއް ނެތް އެކަންވެސް ކުރަން ހުރީ އަޅުގަނޑު. ސްޕޯޓްސް ސައިކޮލޮޖިސްޓެއް ގެންނަންޏާމު ވަރަށް ބޮޑެތި ހަރަދުތަކެއް ހިނގާނެ. އަޅުގަނޑު ބޭނުން ފިޓްނަސްއަށްވެސް ސުޕެޝަލައިޒް މީހަކު އަޅުގަނޑުމެންނާއެކު މަސައްކަތް ކުރަން. ކުޅުންތެރިޔަކު އިންޖަރީއެއްވީމަ އޭނާ ގޮވައިގެން އުޅެލާނެ މީހަކުވެސް މިހާރަކު ކުލަބުތަކުގައި ނެތް. ކުލަބުތަކުގެ މާލީ ހާލަތު މިއޮތީ އެހާދަށްކޮށް. ފިޓްނަސްއަށްވެސް ސުޕެޝަލައިޒް މީހަކު ހުރުމާއެކު ސްޕޯޓްސް ސައިކޮލަޖިސްޓުންވެސް ތިބުން ފުޓްބޯޅައަށް މުހިންމު."