ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ބަސް އަދި ފެރީގެ ހިދުމަތް ރޭގަނޑު 10.30 އާ ހަމައަށް

Feb 3, 2021

ފާއިތުވި ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި، ހާއްސަކޮށް މާލެ ސަރަހައްދުގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިންތިހާއަށް އިތުރުވެފައިވާތީ، ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުކަށިކޮށް، ކާފިއު ގަޑި މިރެއިން ފެށިގެން އިތުރުކޮށްފައިވާއިރު، މާލެ ސަރަހައްދުގައި ޕަބްލިކް ޓްރާންސްޕޯޓްގެ ހިދުމަތް ދެވޭ ގަޑިތައް ފުލުހުން މިއަދު ހާމަކޮށްފި އެވެ.

މިރެއިން ފެށިގެން އެޗްޕީއޭ އިން ވަނީ މާލެ ސަރަހައްދުގައި އެއްގަމު އުޅަނދުފަހަރު ދުއްވުން ރޭގަނޑު 8.30 އިން ފެށިގެން ފަތިހު 4.30 އަށް މަނާކޮށްފަ އެވެ.

އަދި ރޭގަނޑު 11:00 އިން ފެށިގެން ފަތިހު 4:30 އަށް ކުރިއަށް އޮތް ދެ ހަފްތާއަށް ކާފިއު އިއުލާނުކުރަން ނިންމައިފަ އެވެ.

އެކަމާ ގުޅިގެން ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުގެ ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހުސެއިން ސަމީރު ވިދާޅުވީ، ކާފިއުގެ ގަޑި އިތުރުކޮށްފައިވާތީ މާލެ ސަރަހައްދުގައި ޕަބްލިކް ޓްރާންސްޕޯޓްގެ ހިދުމަތުގެ ގޮތުގައި އޮޕަރޭޓްކުރާ ބަސް އަދި ފެރީގެ ހިދުމަތް ދެވޭ ގަޑިތަކަށްވެސް ބަދަލު ގެނެސްފައިވާ ކަމަށެވެ.

މިގޮތުން، މާލެ، ހުޅުމާލެ އަދި ވިލިމާލެ ހިމެނޭ ގޮތަށް ދެވޭ ބަސް އަދި ފެރީގެ ހިދުމަތް ރޭގަނޑު 10:30 ގައި ހުއްޓާލާނެކަމަށް އޭނާ ވިދާޅުވި އެވެ.

"މާލޭން ވިލިމާލެއަށް ދަތުރުކުރާ އެންމެ ފަހު ފެރީ އޮންނާނީ ރޭގަނޑު 10:30 ގައި. އަދި ވިލިމާލޭން މާލެއަށް އެންމެ ފަހު ފެރީ ނައްޓާލާނީ ރޭގަނޑު 10:30 ގައި،" ސަމީރު ވިދާޅުވި އެވެ.

ކާފިއު ހިންގާފައި ހުންނަ ވަގުތު ތަކުގައި ކޮންމެހެން ދަތުރުކުރަންޖެހޭ ފަރާތްތަކަށްޓަކައި، ކޮންމެ ޓެކްސީ ސެންޓަރަކަށް 10 ހުއްދަ ދޫކުރެވިފައިވާ ކަމަށާއި، އެ ގަޑިތަކުގައި މަގުމަތީގައި ދުއްވޭނީ އެ ހުއްދަ އޮތް ޓެކްސީތަކަށް އެކަނި ކަމަށްވެސް ވިދާޅުވި އެވެ.

އިތުރަށް ވިދާޅުވީ، ފެނާއި ގޭސް ޑެލިވަރީކޮށްދޭ ކުންފުނިތަކަށް، ރޭގަނޑު 11:00 އާ ހަމައަށް އެ ހިދުމަތް ދިނުމަށް ދެ އުޅަނދަކަށް ހުއްދަ ދޫކުރެވިފައިވާ ކަމަށެވެ.

އަދި ކާފިއު ގަޑީގައި ސެކިޔުރިޓީ ބަލަހައްޓާ ފަރާތްތަކާއި، ޑިޔުޓީ އަދާ ކުރާ މުވައްޒަފުންނަށް، އެކަން އަންގައިދޭ ލިޔުމެއް ނުވަތަ ފާހެއް ދޫކުރުމަށް ވަޒީފާދޭ ފަރާތްތަކުގެ ކިބައިން ފުލުހުން މިއަދު ވަނީ އެދިފަ އެވެ.

މީގެ އިތުރުން، ހޮސްޕިޓަލުތަކުގައި އެޑްމިޓުކޮށްފައި ތިބޭ މީހުންގެ އެހީތެރިންނަށް ހޮސްޕިޓަލްގެ ލިޔުމެއް ނުވަތަ ކާޑެއް އޮތް ނަމަ، ކާފިއު ގަޑީގައި ހުރަހެއް ނޯންނާނެކަމަށް ސަމީރު ވިދާޅުވި އެވެ.

ކާފިއު ގަޑި އިތުރުކުރުމުގެ އިތުރުން، ކަސްރަތު ކުރާ މީހުންނާއި އުމުރުން ދުވަސް މީހުންނަށް ފިޔަވައި، ޕާކުތައްވެސް ވަގުތީ ގޮތުން ބަންދުކުރަން އަންގާފައިވާއިރު، ގިނަ ބަޔަކު އެއްވެގެން ކުރިއަށް ގެންދާ ކުޅިވަރު ހަރަކާތްތަކާއި ޓީމު ކުޅިވަރުތައް ވެސް މިހާރު ވަނީ މަނާކޮށްފަ އެވެ.

މީގެ އިތުރުން، ކުރު މުއްދަތަކަށް ޒަރޫރީ ބޭނުމެއްގައި އަތޮޅު ތެރެއަށް ދަތުރުކުރާ ފަރާތްތަކަށް ކޮވިޑް-19 އިގެ ނެގެޓިވް ޕީސީއާރު ނަތީޖާއެއް ބޭނުންވާނެކަމަށް އެޗްޕީއޭއިން އުސޫލަށް ގެނައި ބަދަލުގައި ބުންޏެވެ.

އަދި ނާސަރީ އާއި ޕްރީ-ސްކޫލް ހިދުމަތްދޭ ތަންތަން ބަންދުކުރުމުގެ އިތުރުން ޔުނިވާސިޓީތަކާއި ކޮލެޖުތައް އޮންލައިންކޮށް ކިޔަވައި ދިނުމަށް ވަނީ އަންގައިފަ އެވެ.