ކޮވިޑްގެ ދަތިކަމުގައި ހޭދަވި އަހަރެއްހާ ދުވަހުގެ ތެރޭގައި ފާޅުވެގެން ދިޔަ އެންމެ ބޮޑު ހަގީގަތަކީ، އެކަންކަން ހައްލުކުރަން އެކަށީގެންވާ ފިޔަވަޅުތަކެއް ނޭޅި ދޫކޮށްލެވިފައި ހުރި އިޖްތިމާއީ މައްސަލަތަކުގެ ގިނަކަން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހްގެ ތިންވަނަ ރިޔާސީ ބަޔާން އިއްވަވަމުން މިއަދު ވިދާޅުވީ ގެވެށި އަނިޔާގެ މައްސަލަތަކާ މަސްތުވާތަކެތީގެ މައްސަލަތަކަކީ އަވަސް ހައްލަކަށް ބޭނުންވާ ކަންކަން ކަމަށެވެ.
މަސްތުވާތަކެތިން ޒުވާނުން ސަލާމަތް ކުރުމަށް އެކުލަވާލާފައިވާ އެކްޝަން ޕްލޭންގެ ދަށުން މިއަހަރު ކުރާނެ އެންމެ މުހިއްމު ކަމަކީ އެފަދަ މީހުން އަނބުރާ މުޖްތަމައަށް ގެނައުމަށްޓަކައި ވަށައިޖެހޭ ފަރުވާގެ ނިޒާމެއް ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި ގާއިމްކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.
"އޭގެ ތެރެއިންވެސް ލ. ކަޅައިދޫގައި ހަދާ މަރުކަޒުގައި ތައުލީމާއި ހުނަރުގެ މުހިންމު ޕްރޮގްރާމްތައް ހިންގާނެ," މަޖިލީސް ހުޅުވައިދެއްވާ އިއްވެވި ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވިއެވެ.
މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދިނުމަށް ޑްރަގް އޮފެންޑާޒް ރިމާންޑް ސެންޓަރެއް ހެދުމަކީ 2011 ވަނަ އަހަރު އަމަލު ކުރަން ފެށި މަސްތުވާތަކެއްޗާ ބެހޭ ގާނޫނުން ލާޒިމްކޮށްފައި އޮތް ކަމެއްކަން ފާހަގަ ކުރައްވާ އެމަނިކުފާނު ވިދާޅުވީ 10 އަހަރަށް ފަހު، މާލެ އަތޮޅު ގުޅީފަޅުގައި އެ މަރުކަޒު ގާއިމުކޮށް ތަރައްގީ ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އަދި މިމަހުގެ ތެރޭގައި އެ ސެންޓަރުގެ ހިދުމަތް ފެށި މަގުމަތިވެފައިވާ ޒުވާނުންގެ މައްސަލައަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބެން ފަށާނެ ކަމަށެވެ.
ކުޑަކުދިންކުރާ ކުށްތަކާއި ކުޑަކުދިންނަށް ކުރާ ގޯނާތަކާއި ގެވެށި އަނިޔާ އާއި ޖިންސީ ގޯނާތަކާ ގުޅުންހުރި ކުށްތައް ބަލައި ތަހުގީގު ކުރުމަށް ފުލުހުންގެ ތެރޭގައި ހާއްސަ ވިންގެއް މިދިޔަ އަހަރު އުފައްދާފައިވާ ކަމަށްވެސް ރައީސް ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުން ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި ކުދިންނަށް ބޭނުންވާ ހިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުމަށް ޑިސްއެބިލިޓީ މެނޭޖްމަންޓް އެންޑް ރިހިބިލިޓޭޝަން ސެންޓަރު ގާއިމްކުރުމުގެ މަސައްކަތް މިއަހަރު ފަށާނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި އެކުދިންނަށް ބޭނުންވާ ތެރަޕީއާއި ފަރުވާ ލިބޭނެ ވަސީލަތްތަކާއެކު، ހުޅުމާލޭ ހޮސްޕިޓަލްގައި ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރެއް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.
ދިރިއުޅެވޭނެ މާހައުލެއް ގާއިމްކުރުމަށްޓަކައި، މުޅިން އަލަށް އެލްޑާލީ ވިލެޖެއް، އައްޑު އަތޮޅުގައި ގާއިމްކުރުމުގެ މަސައްކަތްވެސް މިއަހަރު ފެށޭނެ ކަމަށް ރަައީސް ވިދާޅުވިއެވެ.
ބިދޭސީންގެ މައްސަލައަށް ހައްލެއް
އިޖްތިމާއީ ދާއިރާގައި ހުރި މައްސަލަތައް ހައްލުކުރުމަށް ވެސް މިދިޔަ އަހަރުގެ ތެރޭގައި ވަރަށް މުހިންމު މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެ ގޮތުން އިންސާނީ ވަގުފާރިއަކަށް ވާގޮތަށް ސައްހަ ލިޔެކިޔުންތައް ނެތި ރާއްޖޭގައި ގެންގުޅެމުން އަންނަ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ކުރެވިފައިވާ މަސައްކަތް ރައީސް ފާހަގަ ކުރެވިއެވެ. ރައީސް ވިދާޅުވި ގޮތުގައި މިއީ ބަޔަކު ގަސްދުގައި ހިންގާފައި އޮތް ބޮޑު ޖަރީމާ އެކެވެ. އަދި އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް ސަރުކާރުން ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަމަށެވެ.
"އެފަދަ ބިދޭސީން ގަވާއިދުގެ ތެރެއަށް ފެއްތުމަށް ސަރުކާރުން ފެށި ޕްރޮގްރާމްގައި މިހާތަނަށް 41000 ބިދޭސީއަކު އަމިއްލައަށް އެދިގެން ރެޖިސްޓްރީ ވެއްޖެ. އަދި ސައްހަ ލިޔެކިޔުމެއް ނެތި އުޅޭ ބިދޭސީންގެ ތެރެއިން 8775 މީހަކު އަމިއްލައަށް އެދިގެން އެމީހުންގެ ގައުމަށް އެނބުރާ ފޮނުވައި ދެވިއްޖެ. އަދި ލިޔެކިޔުންތައް ހުރި 8000 އަށް ވުރެ ގިނަ ބިދޭސީންވެސް އެމީހުންގެ އެދުމުގެ މަތިން، މިދިޔަ އަހަރުގެ ތެރޭގައި ގައުމަށް ފޮނުވައި ދެވިއްޖެ. މި ޕްރޮގްރާމް މި އަހަރުވެސް ކުރިއާށް ދާނެ،" ރައީސް ވިދާޅުވިއެވެ.
އިންސާނުންގެ ވަގުފާރި ހުއްޓުވުމުގެ ގޮތުން މިހާރު ކުރަމުން އަންނަ މަސައްކަތްތައް ހަރުދަނާ ކުރުމަށްޓަކައި ނޭޝަނަލް އެކްޝަން ޕްލޭން ތަންފީޒު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށްވެސް ވިދާޅުވިއެވެ. މީގެ ތެރެއިން އެންޓި-ޓްރެފިކިން އިން ޕާސަންސް އޮފީހެއް ގާއިމުކުރުމުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ކުރިއަށް ގެންދަވާނެ ކަމަށްވެސް އެމަނިކުފާނު ވަނީ އިއުލާނު ކުރައްވާފައެވެ.