ރިޔާސީ ބަޔާން

3329 ލަފުޒުން ގައުމު ހާލަތު ވިދާޅުވެ ދެއްވައިފި

ރައްޔިތުންގެ މަޖިލީސް މިއަހަރަށް ހުޅުވުމުގެ ގޮތުން މިއަދު ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ރިޔާސީ ބަޔާން އިއްވަވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން އެމަނިކާނު އިއްވެވި ތިންވަނަ ރިޔާސީ ބަޔާނުގައި ވަނީ ގައުމުގެ ހާލަތު މިހާރު އޮތް ގޮތުގެ ވަރަށް ތަފްސީލީ މައުލޫމާތު ހިއްސާ ކުރައްވާފައެވެ. 3329 ލަފުޒު ހިމެނޭ ރިޔާސީ ބަޔާނުގައި 2020 ވަނަ އަހަރު ސަރުކާރުން ކުރި މުހިންމު މަސައްކަތްތަކާއި 2021 އަށް ސަރުކާރުން ކަނޑައަޅާ އަމާޒުތަކުގެ ތަފްސީލުވެސް ދެއްވެވިއެވެ. އަދި ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ރާއްޖެއަށް ކުރިމަތިވި އިގްތިސާދީ މައްސަލަތަކާއި އެ މައްސަލަތަކުން އަރައިގަތުމަށް ކުރެވުނު މަސައްކަތްތަކުގެ ތަފްސީލުވެސް ދެއްވެވިއެވެ.

ދުވާލަކު 5600 އަށްވުރެ ގިނަ ކޮވިޑް ޓެސްޓް ހެދޭނެ ގާބިލުކަން

ރައީސްގެ ރިޔާސީ ބަޔާނުގައި ވިދާޅުވީ މިދިޔަ އަހަރު ސަރުކާރުގެ ހުރިހާ ހަކަތައެއް ބޭނުންކުރީ ރައްޔިތުން ސަލާމަތް ކުރުމަށް ކަމަށެވެ. ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށް ވެރިރަށް ފުރަބަންދު ކުރުމަކީ ފަސޭހަ ނިންމުމެއް ނޫން ނަމަވެސް އެ ފިޔަވަޅުތައް އެޅީ ރައްޔިތުންގެ ސަލާމަތަށްޓަކައި ކަމަށް ރައީސް ވިދާޅުވިއެވެ.

ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ރާއްޖޭގެ ސިއްހީ ނިޒާމުގެ ގާބިލްކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަަށްވެސް ރައީސް ވިދާޅުވިއެވެ. އެގޮތުން މިހާރު ދުވާލަކު 5،600 އަށްވުރެ ކޮވިޑް ޓެސްޓް ހެދުމުގެ ގާބިލްކަން އެބަހުރި ކަމަށް ރައީސް ވިދާޅުވިއެވެ.

"ރާއްޖޭގެ ހުރިހާ ހިސާބެއްގައި މި ބައްޔަށް ފަރުވާ ކުރެވޭނެ އިންތިޒާމު ހަމަޖައްސައި 362 ސިއްހީ ހިދުމަތްތެރިން ތަމްރީން ކުރިން. އަދި ދުވާލަކު 5600 އަށްވުރެ ގިނަ ކޯވިޑް ޓެސްޓް ހެދުމުގެ ގާބިލްކަން ރާއްޖޭގައި މިހާރު އެބަހުރި،" ރައީސް ވިދާޅުވިއެވެ.

އެންމެ ބޮޑު ގެއްލުމެއް ރާއްޖެއަށް

ރައީސްގެ ރިޔާސީ ބަޔާނުގައި ވަނީ ކޮވިޑްގެ ސަބަބުން ހުއްޓުނު ވިޔަފާރިތައް ސަލާމަތް ކުރުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދީ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ވިދާޅުވެފައެވެ.

އެ ގޮތުން ސަރުކާރުގެ ރިލީފް ޕެކޭޖްގެ ތެރެއިން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށާ އަމިއްލަ މަސައްކަތްކުރާ މީހުންގެ އިތުރުން ދިވެހިންގެ ވަޒީފާތައް ރައްކާތެރިކުރުމަށް ޝަރުތުކޮށް ބޮޑެތި ވިޔަފާރިތައްވެސް ހިމެނޭ ގޮތަށް 1 ބިލިއަނަށްވުރެ ގިނަ ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ޓޫރިޒަމަށް ދޫކޮށްފައި ހުރި ބިންތަކާއި ރަށްތަކުގެ ބިމުކުލި ދެއްކުން ވެސް ހަ މަސްދުވަސް ފަސްކޮށްދީފައިވާ ކަމަށް ވިދާޅުވިއެވެ.

"ރާއްޖޭގެ އިގްތިސާދީ ހަރަކާތްތަކުގެ ތެރެއިން ކޮންސްޓްރަކްޝަން ދާއިރާއަށް ވެސް ކޮވިޑްގެ ދަތިކަމުގެ ތެރޭގައި ފޫނުބެއްދޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބުނު. މިއީވެސް ވަރަށް ގިނަ ބަޔަކު ހިއްސާވާ އަދި ވަރަށް ގިނަ ބައެއްގެ އާމްދަނީއާ ގުޅިފައިވާ ދާއިރާއަކަށް ވާތީ ކޮވިޑްގެ ތެރޭގައި ލިބުނު ގެއްލުންތަކުން އަރައިގަތުމަށް މިދިޔަ އަހަރުން ފެށިގެން މި އަހަރުގެ މިހާތަނަށް ކޮންސްޓްރަކްޝަން ދާއިރާގެ 240 ފަރާތަކަށް 95 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާނެ,"
ރައީސް ވިދާޅުވީ ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ސަބަބުން ދިވެހިންގެ އެތައް ވަޒީފާއެއް ސަލާމަތް ކުރެވުނު ކަމަށާ ކުދި އަދި ބޮޑެތި ވިޔަފާރިތައް ބަނގުރޫޓުނުވެ ހިންދެމިލާނެ ފުރުސަތު ލިބުނު ކަމަށެވެ. އަދި އާއިލާތަކާއި ގޭބީސީތަކަށް ރައްކާތެރިކަން ލިބިގެން ކަމަށް ވިދާޅުވިއެވެ.

"އެ ހާލަތުން އަރައިގަތުމަށް، ގޭގައި ކޭކު އަޅާ މީހާއިން ފެށިގެން ރެސްޓޯރެންޓް ހިންގާ މީހުންނާ ހަމައަށްވެސް ދިވެހި މަސައްކަތްތެރިން ކުރި ބުރަ މަސައްކަތާއި ދެއްކި ހިތްވަރު އަޅުގަނޑުމެންނަށް ފެނުނު. އަޅުގަނޑުމެންގެ ވިސްނުމަކަށްވީ މި ވިޔަފާރިތައް ހަލާކުނުވެ ހިފަހައްޓައިދިނުން. ވަޒީފާއަށް އަސަރުކުރި މީހުންނަށް ހާލުގައި ނުޖެހި ދިރިއުޅުމުގެ ކަންކަން ހަމަޖެއްސޭނެ ގޮތެއް ހޯދައިދިނުން. އާއިލާތަކަށް އިޖްތިމާއީ ރައްކާތެރިކަން ކަށަވަރު ކޮށްދިނުން،"

  • ކަރަންޓާއި ފެން ބިލުތަކުން 117 މިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއް
  • ރިލީފް ޕެކޭޖްގެ ތެރެއިން 1 ބިލިއަނަށްވުރެ ގިނަ ރުފިޔާގެ ލޯނު ދިން
  • ހައުސިން ލޯންތަކަށް ލުއި ދިން
  • މަތީ ތައުލީމުގެ ލޯނުތަކުގެ މުއްދަތުވެސް ފަސްކޮށްދިން
  • ޓޫރިޒަމް ބިންތަކާއި ރަށްތަކުގެ ކުލި 6 މަހަށް ފަސްކޮށްދިން
  • ރާއްޖެ ނާދެވި، ތިބި 2421 ދިވެހިން ގެނެސް ދިން
  • ވަޒީފާ ގެއްލުނު 17147 މީހަކަށް، 221 މިލިއަނަށް ވުރެ ގިނަ ރުފިޔާ
  • ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މިއަހަރު 400 މިލިއަން ރުފިޔާ
  • ކޮންސްޓްރަކްޝަން ދާއިރާގެ 240 ފަރާތަކަށް 95 މިލިއަން ރުފިޔާގެ ލޯނު

ކޮވިޑް-19ގެ ސަބަބުން ވަޒީފާ ގެއްލުނު މީހުންނަށް އާމްދަނީގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، މިދިޔަ ޑިސެންބަރު މަހުގެ ނިޔަލަށް، 17147 މީހަކަށް، 221 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދީފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި މިއަހަރުގެ ތެރޭގައިވެސް، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލޯން ދޫކުރުމަށް ސަރުކާރުން ނިންމާފައި. އެކަމަށްޓަކައި މިއަހަރުގެ ބަޖެޓްގައި 400 މިލިއަން ރުފިޔާ ކަނޑައަޅާފައި ވާ ކަމަށް ވިދާޅުވިއެވެ.

ރިޔާސީ ބަޔާނުގައި ކޮވިޑްގެ ސަބަބުން ރާއްޖެ ނާދެވި، 15 ގައުމެއްގައި ތިބި ދިވެހިންގެ ތެރެއިން 2421 ދިވެހިން އަނބުރާ ރާއްޖެ ގެނެސް ދީފައިވާ ކަމަށްވެސް ރައީސް ފާހަގަ ކުރެއްވިއެވެ. އަދި ހައުސިން ލޯންތަކަށް ލުއި ދީ މަތީ ތައުލީމަށް ދޫކޮށްފައި ހުރި ލޯނުތައް ދައްކަންޖެހޭ މުއްދަތުވެސް ފަސްކޮށްދީފައިވާ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ކަރަންޓާއި ފެން ބިލުތަކުން 117 މިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ކަނޑައިލަދިނުމަކީ މި ހާލަތުގައި ސަރުކާރަށް ވެދެވުނު ބޮޑު އެހީތެރިކަމެއް ކަމަށް ވިދާޅުވިއެވެ.

އިގްތިސާދު އަލުން އާރާސްތުކުރަން ދެ އަހަރު

ރިޔާސީ ބަޔާނުގައި ރައީސް ސޯލިހް ވިދާޅުވީ ދިވެހި އިގްތިސާދު އަލުން އާރާސްތު ކުރުމަށް ދެ އަހަރެއްހާ ދުވަހުގެ މުއްދަތެއް ހޭދަވާނެ ކަމަށް ބެލެވޭ ނަމަވެސް ވީއެންމެ އަވަހަކަށް ކުރީގެ ހާލަތަށް އެނބުރި ދިއުމަށްޓަކައި އިގްތިސާދީ ހަރަކާތްތައް އެތައް ގުނައަކަށް އިތުރު ކުރުމަށް، ސަރުކާރުން މަސައްކަތް ފަށާފައިވާ ކަމަށެވެ.

ފަތުރުވެރިކަން އަލުން ކޮޅަށްޖެހުމަށް މަސައްކަތް ކުރާއިރު މި ސިނާއަތުގެ ފައިދާ ރާއްޖޭގެ އެންމެ އުތުރާ ދެކުނަށްވެސް ލިބޭނެކަން ކަށަވަރުކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށާ އެ އަމާޒަށް ވާސިލުވުމަށްޓަކައި، ރަށު ފަތުރުވެރިކަން ފުޅާކުރުމުގެ ގޮތުން، ޓޫރިސްޓް ހޮޓަލާއި ގެސްޓް ހައުސް ހެދުމަށް ރާއްޖޭގެ އެކި ރަށްރަށުން މިދިޔަ އަހަރުގެ ފަހުކޮޅު ބިންތަކެއް ބީލަމަށް ހުޅުވާލައިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރިސޯޓްތަކުގެ ވަކިވަކި ވިލާތަކާއި ކޮޓަރިތައް ދިގު މުއްދަތަށް އެހެން ފަރާތްތަކަށް ކުއްޔަށް ދެވޭ ގޮތަށް، ގާނޫނަށް ބަދަލު ގެނެސްފައިވާކަން ފާހަގަކުރައްވާ މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު ފުޅާކުރުމަށް ކުރެވޭ ވަރަށް މުހިންމު މަސައްކަތެއް ކަމުގައި ރައީސް ވިދާޅުވިއެވެ.

"...އަދި މިހާރު ތަރައްގީ ކުރަމުން އަންނަ ރިސޯޓްތަކާއެކު މިއަހަރުގެ ތެރޭގައި ޖުމްލަ 18 ރިސޯޓެއް މުޅިން އަލަށް ހުޅުވި 5062 އެނދު މާކެޓަށް ނެރެވޭނެ ކަމަށް އަންދާޒާ ކުރެވޭ. އެހެންކަމުން، ފަތުރުވެރިކަމުގެ ދާއިރާއިން އެކަނިވެސް އިތުރު 9000 ވަޒީފާ މިއަހަރުގެ ތެރޭގައި އުފެދޭނެ ކަމަށް ލަފާކުރެވޭ،" ރައީސް ވިދާޅުވިއެވެ.

އިގްތިސާދީ ސިނާއަތްތައް ފުޅާކުރާއިރު އެ ސިނާއަތްތަކަށް ބޭނުންވާ މީހުން ބިނާކުރުމުގެ ގޮތުން އަހަރަކު މަދުވެގެން 1200 ޒުވާނުން ތަމްރީން ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ދަތިނުވެ ޑޮލަރު ލިބޭނެ ގޮތް ހަދަން ސިޔާސަތަށް ބަދަލެއް

ރައީސްގެ ރިޔާސީ ބަޔާނުގައި ވަނީ ރައްޔިތުން ބޭނުންވާ ވަރަށް ދަތިނުވެ ޑޮލަރު ލިބޭނެ ގޮތް ހެދުމަށްޓަކައި ސިޔާސަތުތައް ބަދަލު ކުރުމުގެ މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ވިދާޅުވެފައެވެ. ކޮވިޑް-19ގެ ސަބަބުން ބޭރު ފައިސާގެ އާމްދަނީ ދަށްވެ، އިމްޕޯޓަށް ބޭނުންވާ ޑޮލަރު ހޯދުމުގައި އާއްމުންނަށާއި ވިޔަފާރިތަކަށް ވަރަށް ބޮޑަށް ދަތިވި ކަމަށާ އެކަން ހައްލުކުރުމަށް ބޭންކުތައް މެދުވެރިކޮށް ފޮރިން އެކްސްޗޭންޖް ބާޒާރަށް ޑޮލަރު ފޯރުކޮށްދޭ މިންވަރު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން މިދިޔަ އަހަރުގެ ތެރޭގައި ތިން ފަހަރެއްގެ މަތިން އިތުރު ކޮށްދެއްވި ކަމަށް ރައީސް ވިދާޅުވިއެވެ.

"ދިވެހިރާއްޖެއަށް ބޭނުންވާ ވަރަށް ޑޮލަރު ލިބުނު ނަމަވެސް، ވިޔަފާރިތަކަށާއި އާންމުންގެ ބޭނުންތަކަށް ޑޮލަރު ލިބުމުގައި ވަރަށް ބޮޑެތި ދަތިތަކެއް އެބަހުރި. ދިވެހި ރުފިޔާގެ އަގު ހިފަހައްޓައި ރާއްޖެއަށް ވަންނަ ބޭރު ފައިސާ ރާއްޖޭގެ އިގްތިސާދުގެ ތެރޭގައި ދައުރު ކުރުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ ސަރުކާރުން ކުރަންޖެހިފައި އޮތް ކަމެއް،" ރައީސް ވިދާޅުވިއެވެ.

ގައުމު ހުއްޓުނު އިރު ވެސް ވިންދު ޖަހަޖަހާ އޮތީ މަސްވެރިކަން

ރައީސް ވިދާޅުވީ ކޮވިޑްގެ ސަބަބުން، ގައުމުގެ ފަތުރުވެރިކަމާއި އިގްތިސާދީ ހަރަކާތްތައް ހުއްޓިގެން ދިޔައިރުވެސް، ވިންދު ޖަހަޖަހައި އޮތީ ދިވެހި މަސްވެރިކަން ކަމަށެވެ. ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށްޓަކައި، މިދިޔަ އަހަރުވެސް، ސަރުކާރުން މުހިންމު މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށް ވިދާޅުވެ މަސް ގަންނަ ކުންފުނިތަކަށް ދީފައި އޮތް އެކްސްކްލޫސިވިޓީ މިދިޔަ އަހަރު އުވާލައި، މަސް ގަތުމުގެ ވިޔަފާރީގެ ތެރެއަށް ވަނުމުގެ ފުރުސަތު، އާންމުކޮށް ހުޅުވާލާއިވާ ކަމަށް ވިދާޅުވިއެވެ.

މަސްވެރިކަމުގެ ބޭނުންތަކަށް އިމްޕޯޓްކުރާ ބައެއް ތަކެތިން ނަގަމުން އައި އިމްޕޯޓް ޑިއުޓީ މިދިޔަ އަހަރު ކަނޑާލާފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ބޮޑުކަންނެލި ގަނެ އެކްސްޕޯޓްކުރާ ހަ ކުންފުންޏަކަށް 55.3 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

"މިފްކޯއަށް މިދިޔަ އަހަރު 49 ހާސް މެޓްރިކް ޓަނުގެ މަސް ގަނެ، މަސްވެރިންނަށް 879 މިލިއަން ރުފިޔާ ވާނީ ދޫކޮށްފައި. މިއީ މިދިޔަ 14 އަހަރުގެ ތެރޭގައި މިފްކޯއަށް އެންމެ ގިނައިން މަސް ގަތް އަހަރު. ފެލިވަރާއި ކޫއްޑޫ އަދި ކަނޑުއޮތްގިރީގެ ކޯލްޑް ސްޓޯރޭޖްގެ ކެޕޭސިޓީއަށް 8200 މެޓްރިކް ޓަނު އިތުރުކުރުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ މިއަހަރު ފެށޭނެ. މިމަސައްކަތް ނިމުމުން މިފްކޯއަށް މަސް ގަނެވޭ މިންވަރު ދުވާލަކަށް 61 އިން ސައްތަ އިތުރުވާނެ," ރައީސް ވިދާޅުވިއެވެ.

އަދި މ. މުލަކުގައި 500 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި ގދ. ތިނަދޫގައި 1000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ހެދުމުގެ މަސައްކަތް ފެށުމަށް ފެށުމަށް ތައްޔާރު ވަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

ބިދޭސީންގެ މައްސަލައަކީ ގަސްދުގައި ހިންގި ޖަރީމާއެއް

އިޖްތިމާއީ ދާއިރާގައި ހުރި މައްސަލަތައް ހައްލުކުރުމަށް ވެސް މިދިޔަ އަހަރުގެ ތެރޭގައި ވަރަށް މުހިންމު މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެ ގޮތުން އިންސާނީ ވަގުފާރިއަކަށް ވާގޮތަށް ސައްހަ ލިޔެކިޔުންތައް ނެތި ރާއްޖޭގައި ގެންގުޅެމުން އަންނަ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ކުރެވިފައިވާ މަސައްކަތް ރައީސް ފާހަގަ ކުރެވިއެވެ. ރައީސް ވިދާޅުވި ގޮތުގައި މިއީ ބަޔަކު ގަސްދުގައި ހިންގާފައި އޮތް ބޮޑު ޖަރީމާ އެކެވެ. އަދި އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް ސަރުކާރުން ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަމަށެވެ.

"އެފަދަ ބިދޭސީން ގަވާއިދުގެ ތެރެއަށް ފެއްތުމަށް ސަރުކާރުން ފެށި ޕްރޮގްރާމްގައި މިހާތަނަށް 41000 ބިދޭސީއަކު އަމިއްލައަށް އެދިގެން ރެޖިސްޓްރީ ވެއްޖެ. އަދި ސައްހަ ލިޔެކިޔުމެއް ނެތި އުޅޭ ބިދޭސީންގެ ތެރެއިން 8775 މީހަކު އަމިއްލައަށް އެދިގެން އެމީހުންގެ ގައުމަށް އެނބުރާ ފޮނުވައި ދެވިއްޖެ. އަދި ލިޔެކިޔުންތައް ހުރި 8000 އަށް ވުރެ ގިނަ ބިދޭސީންވެސް އެމީހުންގެ އެދުމުގެ މަތިން، މިދިޔަ އަހަރުގެ ތެރޭގައި ގައުމަށް ފޮނުވައި ދެވިއްޖެ. މި ޕްރޮގްރާމް މި އަހަރުވެސް ކުރިއާށް ދާނެ،" ރައީސް ވިދާޅުވިއެވެ.

އިންސާނުންގެ ވަގުފާރި ހުއްޓުވުމުގެ ގޮތުން މިހާރު ކުރަމުން އަންނަ މަސައްކަތްތައް ހަރުދަނާ ކުރުމަށްޓަކައި ނޭޝަނަލް އެކްޝަން ޕްލޭން ތަންފީޒު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށްވެސް ވިދާޅުވިއެވެ. މީގެ ތެރެއިން އެންޓި-ޓްރެފިކިން އިން ޕާސަންސް އޮފީހެއް ގާއިމުކުރުމުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ކުރިއަށް ގެންދަވާނެ ކަމަށްވެސް އެމަނިކުފާނު ވަނީ އިއުލާނު ކުރައްވާފައެވެ.

މި އަހަރު އިތުރު 5 ރަށެއްގައި އެއާޕޯޓް

ފަސޭހަ ދަތުރުފަތުރުގެ ނިޒާމަކުން ރަށްތައް ގުޅައިލުމަށް ސަރުކާރުން މަސައްކަރތުގެ ދަށުން މިދިޔަ އަހަރު ހއ. ހޯރަފުށީ އެއާޕޯޓްގެ މަސައްކަތް ނިންމާ ހުޅުވިފައިވާކަން ފާހަގަ ކުރައްވާ ރައީސް ވަނީ މި އަހަރުގެ ތެރޭގައި އިތުރު ފަސް ރަށެއްގައި އެއާޕޯޓް ހެދުމަށް ގަސްތު ކުރައްވާ ކަމަށް ވިދާޅުވިއެވެ. އެ ގޮތުން މ. މުލީގައި ތަރައްގީކުރާ އެއާޕޯޓުގެ މަސައްކަތް މިމަހުގެ ތެރޭގައި ބަޔަކާ ހަވާލު ކުރެވޭނެ ކަމަށް ވިދާޅުވިއެވެ. އަދި ހދ. މަކުނުދު އާއި ށ. ބިލެތްފަހި އަދި ބ. ތުޅާދު އާއި ތ. ވިލުފުށީގައި އެއާޕޯޓް ހަދައިދޭނެ ބަޔަކު ހޯދަން މިހާރު ހުޅުވާލާފައިވާ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ދަތުރުވެރިންނާއި މުދާ އުފުލާ ފެރީ ނިޒާމުން މުޅި ރާއްޖެ ގުޅުވައިދޭ ހައި ސްޕީޑް ފެރީ ނެޓްވޯކްގެ މަސައްކަތް ކޮވިޑްގެ ސަބަބުން ހުއްޓިފައި އޮތުމަށްފަހު އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ތިލަމާލެ ބްރިޖާ ގުޅިފަޅު ޕޯޓްގެ މަސައްކަތް ފަށަނީ

މިއަހަރަށް މަޖިލީސް ހުޅުވައިދެއްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް މިއަދު ވިދާޅުވީ މާލޭގައި މިހާރު ގާއިމުވެފައި އޮތް ރާއްޖޭގެ މަރުކަޒީ ވިޔަފާރި ބަނދަރު ގުޅިފަޅަށް ބަދަލުކުރުމުގެ މަޝްރޫއުގެ ތެރެއިން ބިންހިއްކުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް، މިދިޔަ އަހަރު ނިމިފައިވާ ކަމަށެވެ. އެބަނދަރު ހެދުމުގެ އަމަލީ މަސައްކަތް މި އަހަރު ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ރަައީސް ވިދާޅުވިއެވެ. އަދި މާލެ އާއި ވިލިމާލެ އާއި ގުޅިފަޅު އަދި ތިލަފުށި ބްރިޖުން ގުޅައިލުމުގެ އަމަލީ މަސައްކަތް ވެސް، ކުރިއަށް އޮތް ހަ މަސްތެރޭގައި ފެށިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް" ގެ ދަށުން މާލެ، ވިލިގިނލި، ތިލަފުށި އަދި ގުޅީފަޅު ގުޅާލުމަށް ކުރިއަށް ގާތްގަނޑަކަށް 6.695 ކިލޯ މީޓަރުގެ ބްރިޖްތަކާއި ކޯޒްވޭގެ މައްޗަށް އެކުލެވޭ މި މަޝްރޫއު ހަވާލުކޮށްފައިވަނީ އިންޑިއާ ކުންފުންޏަކާ އެވެ. އެގޮތުން މާލެ، ވިލިނގިލި، ތިލަފުށި އަދި ގުޅީފަޅު ގުޅާލުމަށް ޖުމްލަ ތިން ބްރިޖް މި މަޝްރޫއުގެ ތެރެއިން ހެދުމަށް ވަނީ ހަމަޖެހިފަ އެވެ.

ބޯހިޔާވަހިކަމަށް ހައްލު ހޯދަން މަސައްކަތްތަކެއް

މާލެއާއި އެހެން ބައެއް ރަށްރަށަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް އަވަސް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާ ކަމަށް ރައީސް މިއަދުވެސް ވިދާޅުވި އެވެ.

ޅ. ނައިފަރާއި ބ. ތުޅާދޫ އަދި ތ. ތިމަރަފުށީގައި ސަރުކާރުން ހަދާ ހައުސިން ޔުނިޓްތަކުގެ މަސައްކަތް ކުރިއަށްދާއިރު މ. ކޮޅުފުށީގެ ހައުސިން ޔުނިޓްތަކުގެ މަސައްކަތް ފެށުމަށް ތައްޔާރުވަ އަންނަ ކަމަށް ވިދާޅުވިއެވެ.

އަދި މާލޭގެ ބޯހިޔާވަހި ކަމަށް ހައްލެއް ހޯދުމަށް ރޭވި މަޝްރޫއުތައް ދިމާވި ބައެއް ސަބަބުތަކާ ހެދި މަޑުޖެހުމަށްފަހު، އެމަޝްރޫއުތަކުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"އޭގެ ތެރެއިން މިކްސްޑް މޮޑަލްގެ 1000 ހައުސިން ޔުނިޓްގެ އަމަލީ މަސައްކަތް ވަނީ ފަށާފައި. އަދި ހުޅުމާލޭގައި ހަދާ އެފޯޑަބަލް ރޭންޖްގެ 2000 ހައުސިން ޔުނިޓް އިމާރާތްކުރުމުގެ އެއްބަސްވުމުގައި މި ހަފުތާގައި ވާނީ ސޮއިކޮށްފައި. އަދި މި ޔުނިޓްތަކުގެ އަމަލީ މަސައްކަތް މެއި މަހުގެ ތެރޭގައި ފެށޭނެ. މި ހައުސިން ޔުނިޓުތަކަކީ ކުރިން ތަރައްގީ ކޮށްފައިވާ މި ގިންތީގެ ހައުސިން ޔުނިޓުތަކާ އަޅައި ބަލާއިރު ސައިޒުގެ ގޮތުން ތަނަވަސް އަދި ނިސްބަތުން އަގުވެސް ހެޔޮ ޔުނިޓުތަކަކަށްވާނެ,"

އަދި އިތުރު 2000 ހައުސިން ޔުނިޓާއެކު މިއަހަރު ނިމުމުގެ ކުރިން މަދުވެގެން 5000 ހައުސިން ޔުނިޓްގެ އަމަލީ މަސައްކަތް ފެށޭނެ ކަމަަށްވެސް ރައީސް އިއުލާނު ކުރެއްވިއެވެ.

ލައިވް ބްލޮގް

ކޮންޓްރެކްޓް ފާމިން ދަނޑުވެރިކަން ފަށަނީ

ރާއްޖޭގައި ދަނޑުވެރިކަން ފުޅާކޮށް ކުރިއެރުވުމުގައި ދިމާވާ އެންމެ ބޮޑު ދައްޗަކީ ދަނޑުވެރި އުފެއްދުންތައް ރަނގަޅު އަގުގައި މާކެޓް ކުރެވޭނެ އިންތިޒާމެއް ނެތުމާއި ގަންނަން ބޭނުންވާ މީހުންނަށް ދެމެހެއްޓެނިވި ގޮތެއްގައި އުފެއްދުންތައް ލިބޭނެކަމުގެ ޔަގީންކަން ނެތުންކަން ފާހަގަ ކުރައްވާ އެކަމަށް ހާއްސަކޮށް އެގްރޯ ނެޝަނަލް ކޯޕަރޭޝަންގެ ނަމުގައި ސަރުކާރުގެ 100 އިންސައްތަ ހިއްސާވާ ކުންފުންޏެއް އުފައްދާފައިވާކަން ރަައީސްގެ ރިޔާސީ ބަޔާނުގައި ފާހަގަ ކުރެވިއެވެ. އަދި މިދިޔަ ފުރަބަންދުގެ ތެރޭގައިވެސް ދަނޑުވެރި އުފެއްދުންތައް ބާޒާރަށް ނެރުމުގައި އެ ކުންފުނިން ވަރަށް މުހިންމު މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގައި މުޅިން އަލަށް ފަށާ ކޮންޓްރެކްޓް ފާމިން އުސޫލުން ދަނޑުވެރިކަން ކުރަން ކަނޑައަޅާފައިވާ 45 ރަށެއްގެ ދަނޑުވެރިންނާ އެކު ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި އެއްބަސްވުން ގާއިމުކޮށް ތިމާވެއްޓާ ރައްޓެހި ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ދަނޑުވެރިކަން ފެށުމަށް އެގްރޯ ކުންފުނިން ތައްޔާރުވަމުން އަންނަ ކަމަށްވެސް ރައީސް އިއުލާނު ކުރެވިއެވެ.

"އޭގެ މަގްސަދަކީ ރާއްޖޭގައި ކާބޯތަކެތި އުފައްދާ މިންވަރު އިތުރުކޮށް، ރާއްޖެއަށް އެތެރެކުރާ ކާބޯތަކެތީގެ މިންވަރު މަދުކޮށް، ކާނާގެ ޔަގީންކަން ކަށަވަރު ކޮށްދިނުން،" ރައީސް ވިދާޅުވިއެވެ.

އެންމެ ވަރުގަދަ އަސާސަކީ، މާތްވެގެންވާ އިސްލާމް ދީން

ރަައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހިންގެ ހިތްތަކުގައި ސައްހަ އަގީދާ އަށަގެންނެވުމަށާއި ދީނުގެ ރިވެތި އުސޫލުތައް ނެގެހުއްޓުމަށް މިދިޔަ އަހަރު ސަރުކާރުން މުހިންމު މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އެ ގޮތުން ކުރެވުނު އެންމެ މުހިންމު މަސައްކަތަކީ ހަރުކަށި ފިކުރުގެ އޮއިވަރުން ދިވެހި ރައްޔިތުން ސަލާމަތްކުރުމަށް ކުރެވުނު މަަސައްކަތްތައް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދީނުގެ ނަމުގައި ކުޑަކުދިންނާއި އަންހެނުންނަށް ޖިންސީ އަދި ޖިސްމާނީ ގޯނާކޮށް ހައްގުތަކުން މަހުރޫމްކޮށް މުޖްތަމައު ބައިބައި ކުރުމަށް އެއްވެސް ބަޔަކަށް މި ފަސްގަނޑުގައި ފުރުސަތު ނުދެއްވާނެ ކަމަށެވެ.

"އިސްލާމް ދީނުގެ މަތިވެރި އިޖްތިމާއީ އުސޫލަކީ ކުޑަކުދިންނާއި އަންހެނުންނަށް އޯގާތެރިވެ އެކަކު އަނެކަކަށް އެހީތެރިވެ އެކުވެރި ކަމުގައި އުޅުން ކަމަށްވާއިރު ދީނުގެ ނަމުގައި ކުޑަކުދިންނާއި އަންހެނުންނަށް ޖިންސީ އަދި ޖިސްމާނީ ގޯނާކޮށް ހައްގުތަކުން މަހްރޫމްކޮށް މުޖްތަމައު ބައިބައި ކުރުމަށް އެއްވެސް ބަޔަކަށް މި ފަސްގަނޑުގައި އެއްވެސް ފުރުސަތެއް ނުދެވޭނެ،" ރައީސް އިއްވެވި އެމަނިކުފާނުގެ ތިންވަނަ ރިޔާސީ ބަޔާނުގައި ވިދާޅުވިއެވެ.

އިސްކަން ދެނީ ގައުމުތަކާއެކު ހީނަރުވި ގުޅުން އިއާދަ ކުރަން

ރައީސް ވިދާޅުވީ ހާރިޖީ ދާއިރާއިން މި ވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ، އެކި ގައުމުތަކާ ރާއްޖެއާ ދެމެދު ހީނަރުވެފައި އޮތް ގުޅުންތައް އަލުން އިއާދަކޮށް ބަދަހިކޮށް އާލާކުރުމަށް ކަމަށެވެ. ކޮވިޑް-19 ގެ ދަތިކަމުގައިވެސް، ރަހްމަތްތެރި ގައުމުތަކުންނާއި ބައިނަލްއަގްވާމީ ޖަމާއަތްތަކުން ފޯރުކޮށްދިން ދީލަތި އެހީތެރިކަމަކީ ހާރިޖީ ގުޅުން މިހާރު ބަދަހިވެފައިވާ މިންވަރު ދައްކުވައިދޭ އަލިގަދަ ހެއްކެއް ކަމަށް ވިދާޅުވިއެވެ.

"ރާއްޖޭގެ ހާރިޖީ ގުޅުންތައް އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން އިތުރު ގައުމުތަކަށް 'ނޮން-ރެސިޑެންޓް' ސަފީރުން ކަނޑައެޅުމަށް މި އަންނަނީ މަސައްކަތް ކުރަމުން. މިގޮތުން ފުރަތަމަ ފަހަރަށް ފަލަސްތީނަށް 'ނޮން-ރެސިޑެންޓް' ސަފީރެއް މި އަހަރުގެ ތެރޭގައި އައްޔަން ކުރުމަށް އަޅުގަނޑު ގަސްތުދުކުރާ ވާހަކަ ދަންނަވަން," ރައީސް ވިދާޅުވިއެވެ.

ސާކިޓް ކޯޓް ހަދަނީ

ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ މީގެ ދެ އަހަރު ކުރިން އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު އަދުލު އިންސާފުގެ ނިޒާމަށް ރައްޔިތުންގެ ހިތުގައި އެއްވެސް އިތުބާރެއް ނެތް ކަމަށެވެ. ނަމަވެސް ސަރުކާރުން ފަނޑިޔާރުގެ އިސްލާހުކުރުމަށް މިދިޔަ ދެ އަހަރު ކުރި މަސައްކަތުގެ ނަތީޖާ ފެންނަން ފަށާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ދައުލަތުގެ އެހެން ބާރުތަކުގެ ނުފޫޒުން މިންޖުވެ މައްސަލަތައް ނިންމުމުގެ މިނިވަންކަން އެންމެ މަތީ ކޯޓުން ފެށިގެން އެންމެ ދަށު ކޯޓާ ހަމައަށް މިހާރު އެބައޮތް ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ވަނީ ޝަރުއީ މަރުހަލާ އަވަސްކޮށް އިންސާފު ލިބޭނެ އިންތިޒާމް ކަށަވަރު ކުރުމަށްޓަކައި ސާކިޓް ކޯޓް ތައާރަފު ކުރަން ނިންމާފައިވާކަން އިއުލާނު ކުރައްވާފައެވެ. އެ ގޮތުން ސާކިޓް ކޯޓް އުފެއްދުމަށް ބޭނުންވާ ގާނޫނުގެ ބިލު އެކުލަވާލައި މިއަހަރުގެ ތެރޭގައި މަޖިލީހަށް ހުށަހަޅަން ގަސްދުކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.