ހަބަރު

ފުރަތަމަ ފަހަރަށް ފަލަސްތީނަށް ނޮން-ރެސިޑެންޓް ސަފީރެއް

Feb 4, 2021

ފުރަތަމަ ފަހަރަށް ފަލަސްތީނަށް "ނޮން-ރެސިޑެންޓް" ސަފީރެއް ކަނޑައަޅަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އިއުލާނު ކުރައްވައިފި އެވެ.

މިއަހަރަށް މަޖިލީސް ހުޅުވައިދެއްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް މިއަދު ވިދާޅުވީ ހާރިޖީ ދާއިރާއިން މި ވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ، އެކި ގައުމުތަކާ ރާއްޖެއާ ދެމެދު ހީނަރުވެފައި އޮތް ގުޅުންތައް އަލުން އިއާދަކޮށް ބަދަހިކޮށް އާލާކުރުމަށް ކަމަށެވެ. ކޮވިޑް-19 ގެ ދަތިކަމުގައިވެސް، ރަހްމަތްތެރި ގައުމުތަކުންނާއި ބައިނަލްއަގްވާމީ ޖަމާއަތްތަކުން ފޯރުކޮށްދިން ދީލަތި އެހީތެރިކަމަކީ ހާރިޖީ ގުޅުން މިހާރު ބަދަހިވެފައިވާ މިންވަރު ދައްކުވައިދޭ އަލިގަދަ ހެއްކެއް ކަމަށް ވިދާޅުވިއެވެ.

ރަައީސް ވަނީ ރާއްޖޭގެ ހާރިޖީ ގުޅުންތައް އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން އިތުރު ގައުމުތަކަށް "ނޮން-ރެސިޑެންޓް" ސަފީރުން ކަނޑައަޅަން ނިންމާފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި ދިވެހިންގެ ހާއްސަ ލޯތްބެއް އޮތް ފަލަސްތީނަށް ފުރަތަމަ ފަހަރަށް "ނޮން-ރެސިޑެންޓް" ސަފީރެއް ކަނޑައަޅަން ނިންމާފައިވާ ކަމަށް ރައީސް އިއުލާނު ކުރެއްވިއެވެ.

"ރާއްޖޭގެ ހާރިޖީ ގުޅުންތައް އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން އިތުރު ގައުމުތަކަށް 'ނޮން-ރެސިޑެންޓް' ސަފީރުން ކަނޑައެޅުމަށް މި އަންނަނީ މަސައްކަތް ކުރަމުން. މިގޮތުން ފުރަތަމަ ފަހަރަށް ފަލަސްތީނަށް 'ނޮން-ރެސިޑެންޓް' ސަފީރެއް މި އަހަރުގެ ތެރޭގައި އައްޔަން ކުރުމަށް އަޅުގަނޑު ގަސްތުދުކުރާ ވާހަކަ ދަންނަވަން," ރައީސް ވިދާޅުވިއެވެ.

ދިވެހި ސަރުކާރާއި ރައްޔިތުންގެ ޒަމާންވީ އެކުވެރި ގާތްގުޅުމާއި ފަލަސްތީނުގެ ރައްޔިތުންނަށް އޮތް ތާއިދު ދެގޮތެއްނުވެ އެގޮތުގައި ދެމިއޮންނާނެ ކަމަށް ސަރުކާރުން ތަކުރާރުކޮށް ދަނީ ބުނަމުންނެވެ. އދގެ އާންމު މަޖިލީހުގައިވެސް ރައީސް ވަނީ އެ ވާހަކަފުޅު ތަކުރާރު ކުރައްވާފައެވެ.

ފަލަސްތީނުގެ ރައްޔިތުންނާމެދު ކުރެވޭ ބޭއިންސާފު އަދި ހިންގާ ލާއިންސާނީ އަމަލުތަކުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުންނަށް ތަހައްމަލުކުރަން ޖެހިފައި ވަނީ ދަތި އުނދަގޫ ދިރިއުޅުމެއް ކަމަށާ ފަލަސްތީނުގެ މައްސަލައަށް ހައްލެއްލިބި ސުލްހަ ގާއިމުކުރެވޭނީ އދ ގެ ނިންމުމާ އެއްގޮތަށް ފަލަސްތީނުގެ ސަރަހައްދީ ރޮނގު 1967 ގެ ކުރީގައި އޮތްގޮތަށް، އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށުގެ ގޮތުގައި ބަލައިގަނެ ގާއިމުކުރެވޭ ފަލަސްތީނުގެ ދައުލަތާއެކު ކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.

އަދި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ އަމަލުތަކާއި ބޭއިންސާފާއި ދެކޮޅަށް ފަލަސްތީނުގެ ރައްޔިތުން ކުރަމުން ގެންދާ މަސައްކަތުގައި އެގައުމުގެ ރައްޔިތުންނާއެކު ދިވެހި ސަރުކާރާއި ރައްޔިތުން ދެމި ތިބޭނެކަމުގެ ޔަގީންކަން ރައީސް ސޯލިހް ވަނީ ދެއްވާފަ އެވެ.