ހަބަރު

41000 ބިދޭސީން ގަވާއިދަށް ފައްތައިފި

Feb 4, 2021

ބިދޭސީން ގަވާއިދުގެ ތެރެއަށް ފެއްތުމަށް ސަރުކާރުން ފެށި ޕްރޮގްރާމްގައި މިހާތަނަށް 41000 ބިދޭސީއަކު އަމިއްލައަށް އެދިގެން ރެޖިސްޓްރީ ވެފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހްގެ ތިންވަނަ ރިޔާސީ ބަޔާން އިއްވަވަމުން މިއަދު ވިދާޅުވީ އިޖްތިމާއީ ދާއިރާގައި ހުރި މައްސަލަތައް ހައްލުކުރުމަށް މިދިޔަ އަހަރުގެ ތެރޭގައި ވަރަށް މުހިންމު މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. އެ ގޮތުން އިންސާނީ ވަގުފާރިއަކަށް ވާގޮތަށް ސައްހަ ލިޔެކިޔުންތައް ނެތި ރާއްޖޭގައި ގެންގުޅެމުން އަންނަ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ކުރެވިފައިވާ މަސައްކަތް ރައީސް ފާހަގަ ކުރެވިއެވެ. ރައީސް ވިދާޅުވި ގޮތުގައި މިއީ ބަޔަކު ގަސްދުގައި ހިންގާފައި އޮތް ބޮޑު ޖަރީމާ އެކެވެ. އަދި އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް ސަރުކާރުން ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަމަށެވެ.

"އެފަދަ ބިދޭސީން ގަވާއިދުގެ ތެރެއަށް ފެއްތުމަށް ސަރުކާރުން ފެށި ޕްރޮގްރާމްގައި މިހާތަނަށް 41000 ބިދޭސީއަކު އަމިއްލައަށް އެދިގެން ރެޖިސްޓްރީ ވެއްޖެ. އަދި ސައްހަ ލިޔެކިޔުމެއް ނެތި އުޅޭ ބިދޭސީންގެ ތެރެއިން 8775 މީހަކު އަމިއްލައަށް އެދިގެން އެމީހުންގެ ގައުމަށް އެނބުރާ ފޮނުވައި ދެވިއްޖެ. އަދި ލިޔެކިޔުންތައް ހުރި 8000 އަށް ވުރެ ގިނަ ބިދޭސީންވެސް އެމީހުންގެ އެދުމުގެ މަތިން، މިދިޔަ އަހަރުގެ ތެރޭގައި ގައުމަށް ފޮނުވައި ދެވިއްޖެ. މި ޕްރޮގްރާމް މި އަހަރުވެސް ކުރިއާށް ދާނެ،" ރައީސް ވިދާޅުވިއެވެ.

އިންސާނުންގެ ވަގުފާރި ހުއްޓުވުމުގެ ގޮތުން މިހާރު ކުރަމުން އަންނަ މަސައްކަތްތައް ހަރުދަނާ ކުރުމަށްޓަކައި ނޭޝަނަލް އެކްޝަން ޕްލޭން ތަންފީޒު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށްވެސް ވިދާޅުވިއެވެ. މީގެ ތެރެއިން އެންޓި-ޓްރެފިކިން އިން ޕާސަންސް އޮފީހެއް ގާއިމުކުރުމުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ކުރިއަށް ގެންދަވާނެ ކަމަށްވެސް އެމަނިކުފާނު ވަނީ އިއުލާނު ކުރައްވާފައެވެ.