މި އަހަރު އިތުރުން ފަސް ޑޮމެސްޓިކް އެއާޕޯޓެއް ހަދަން ގަސްދުކުރައްވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައްޔިތުން މަޖިލިސް މި ދައުރަށް ހުޅުވައި ދެއްވުމުގެ ގޮތުން މިއަދު ދެއްވި ރިޔާސީ ބަޔާނުގައި ރައީސް ސޯލިހު ވިދާޅުވީ ތަރައްގީ ލާމަރުކަޒު ކުރުމުގެ ނާރެހަކީ ފަސޭހަ ދަތުރުފަތުރުގެ ނިޒާމަކުން ރަށްތައް ގުޅައިލުން ކަމަށެވެ. މި މަސައްކަތުގެ ދަށުން ހއ. ހޯރަފުށީ އެއާޕޯޓު މިދިޔަ އަހަރު އެއާޕޯޓެއް ހުޅުވާފައިވާއިރު، މި އަހަރު އިތުރު ފަސް އެއާޕޯޓެއް ހަދަން ގަސްދު ކުރައްވާ ކަމަށެވެ.
"އޭގެ ތެރެއިން މ. މުލީގައި ތަރައްގީ ކުރާ އެއާޕޯޓުގެ މަސައްކަތް، އިރާދަކުރެއްވިއްޔާ މި މަހުގެ ތެރޭގައި ބަޔަކާ ހަވާލުކުރެވޭނެ. ހދ. މަކުނުދު އާއި ށ. ބިލެތްފަހި އަދި ބ. ތުޅާދުއާއި ތ. ވިލުފުށީގައި އެއާޕޯޓް ހަދައިދޭނެ ބަޔަކު ހޯދަން މިހާރު ވާނީ ހުޅުވާލާފައި،" ރައީސް ވިދާޅުވި އެވެ.
ރައީސް އިތުރުރަށް ވިދާޅުވީ ދަތުރުވެރިންނާއި މުދާ އުފުލާ ފެރީ ނިޒާމުން މުޅި ރާއްޖެ ގުޅުވައިދޭ "ހައި ސްޕީޑް ފެރީ" ނެޓްވޯކްގެ މަސައްކަތް އަޅުގަނޑުމެން ގަސްދު ކުރީ މިދިޔަ އަހަރުގެ ތެރޭގައި ފަށަން ކަމަށެވެ. ނަމަވެސް، ކޮވިޑްގެ ސަބަބުން އެކަން ހުއްޓިފައި އޮތުމަށްފަހު މިދިޔަ މަހުގެ 17 ވަނަ ދުވަހު އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވާ ކަމަށެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް އެއާޕޯޓުން ފުރައިގެން 20 މިނެޓުން ދެވޭނެ އިންތިޒާމު ހަމަޖެއްސުމަކީ ސަރުކާރުގެ އަމާޒެކެވެ. މިހާރު ރާއްޖޭގައި 14 އެއާޕޯޓެއް އެބައޮތެވެ. ސަރުކާރުން ވަނީ ރާއްޖޭގެ އެއާޕޯޓުތައް ހިންގަން ކުންފުންޏެއް ވެސް އުފައްދާފަ އެވެ.