ވިޔަފާރި

ޑޮލަރުގެ ދަތިކަން ހައްލު ކުރަން ސަރުކާރުގެ ސިޔާސަތުތައް ބަދަލު ކުރަނީ

ރާއްޖެއަށް ކުރިމަތިވެފައިވާ ޑޮލަރުގެ މައްސަލަ ހައްލު ކުރަން ސަރުކާރުގެ ސިޔާސަތު ތަކަށް ބަދަލު ތަކެއް ގެންނަން މަސައްކަތް ކުރައްވަމުންދާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައްޔިތުން މަޖިލީސް ހުޅުއްވައި ދެއްވުމުގެ ގޮތުން ގައުމާ މުހާތަބު ކުރައްވައި މިއަދު ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވަނީ ރާއްޖޭގައި އުފެއްދިފައިވާ ޑޮލަރުގެ މައްސަލަ އަށް އަލި އަޅުއްވާލާފަ އެވެ.

ރައީސް ވިދާޅުވީ ރާއްޖެ އަށް ބޭނުންވާ ވަރަށް ޑޮލަރު ލިބުނު ނަމަވެސް، ވިޔަފާރިތަކަށާއި އާންމުންގެ ބޭނުން ތަކަށް ޑޮލަރު ލިބުމުގައި ވަރަށް ބޮޑެތި ދަތިތަކެއް އެބަހުރި ކަމަށާ ރައްޔިތުން ބޭނުންވާ ވަރަށް ދަތިނުވެ ޑޮލަރު ލިބޭނެ ގޮތް ހެދުމަށްޓަކައި ސިޔާސަތުތައް ބަދަލުކުރުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށެވެ.

"ކޯވިޑް-19ގެ ސަބަބުން ބޭރު ފައިސާގެ އާމްދަނީ ދަށްވެ، އިމްޕޯޓަށް ބޭނުންވާ ޑޮލަރު ހޯދުމުގައި، އާއްމުންނަށާއި ވިޔަފާރިތަކަށް ވަރަށް ބޮޑަށް ދަތިވި،" ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ ޑޮލަރުގެ މައްސަލަ ހައްލު ކުރުމުގެ ގޮތުން ބޭންކުތައް މެދުވެރިކޮށް، ފޮރިން އެކްސްޗޭންޖް ބާޒާރަށް ޑޮލަރު ފޯރުކޮށްދޭ މިންވަރު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓ (އެމްއެމްއޭ) އިން މިދިޔަ އަހަރުގެ ތިން ފަހަރެއްގެ މަތިން އިތުރުކޮށްފައިވާ ކަމަށެވެ. އަދި ދިވެހި ރުފިޔާގެ އަގު ހިފަހައްޓައި، ރާއްޖެ އަށް ވަންނަ ބޭރު ފައިސާ، ރާއްޖޭގެ އިގްތިސޯދުގެ ތެރޭގައި ދައުރުކުރުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ ސަރުކާރުން ކުރަންޖެހިފައި އޮތް ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.

ރާއްޖެއަށް އަހަރެއްގެ މައްޗަށް ސީދާ ގޮތުން 3.5 ބިލިއަން ޑޮލަރު އާމްދަނީގެ ގޮތުގައި ވަންނަ ކަމަށް ހިސާބުތަކުން ދައްކަ އެވެ. ނަމަވެސް މި ޑޮލަރުގެ ބޮޑު ބައެއް އިގްތިސޯދުގެ ތެރޭގައި ހަރެއް ނުވެ އެވެ. އަދި ރާއްޖޭގެ ޓޫރިޒަމުން ވަންނަ ބޭރު ފައިސާ ބޭންކިން ސިސްޓަމްގެ ތެރޭގައި ހަރު ނުލުމުގެ މައްސަލައަކީ އިގްތިސޯދީ ގޮތުން ކުރިމަތިވެފައިވާ ބޮޑު މައްސަލަ އެކެވެ. އިގްތިސޯދުގެ ތެރޭގައި ބޭރު ފައިސާ ހިފެހެއްޓޭނެ ނިޒާމެއް ނެތުމުގެ ސަބަބުން މަނީ އެކްސްޗޭންޖު ކުރާ ތަންތަން މެދުވެރިކޮށް ބޭރު ފައިސާ މާރު ކުރުމުގެ ވިޔަފާރިދަނީ ފުޅާކޮށް ކުރަމުންނެވެ. އަދި މިކަން އެންމެ ފުޅާކޮށް ކުރަނީ ބިދޭސީންނެވެ. އަވަސް އިން ދާދިފަހުން ގެނެސްދިން އިންވެސްޓިގޭޝަން ރިޕޯޓުގައި ވަނީ މި ވިޔަފާރި ކުރާ ގޮތް ހޯދައި ހާމަކޮށްދީފަ އެވެ.