މިއަހަރަށް ސަރުކާރުން އަމާޒުހިފައިފައިވާ ކަންތައްތައް ހާސިލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްވައިފި އެވެ.
ރައީސް ނަޝީދު މިގޮތަށް ވިދާޅުވީ މިއަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވާދެއްްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްވެވި ރިޔާސީ ބަޔާނަށް އިޝާރާތް ކުރައްވަ އެވެ.
އެމަނިކުފާނު ވިދާޅުވީ އަންނަ އަހަރަށް ސަރުކާރުގެ އަމާޒާއި ވިސްނުން ރިޔާސީ ބަޔާނުން ސާފުވެގެން ގޮސްފައިވާ ކަމަށާއި، އެ މިސްރާބަށް ވާސިލުވުމަށް މަޖިލީހުގެ މެމްބަރުން މަސައްކަތްކުރައްވާނެކަމާމެދު އެއްވެސް ޝައްކެއް ނުކުރައްވާ ކަމަށެވެ.
މަޖިލީހުގެ ގަވާއިދުގައި ބުނާ ގޮތުން، ކޮންމެ އަހަރަކު މަޖިލީސް ހުޅުވާ ޖަލްސާގައި ރައީސް ރިޔާސީ ބަޔާނެއް އިއްވަން ޖެހެ އެވެ. އަދި މަޖިލީހުގައި ތިއްބަވާ މެންބަރުންގެ ތެރެއިން ރައީސް ނިސްބަތްވާ ޕާޓީ ފިޔަވައި ދެން އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އެ ބަޔާނަށް ޖަވާބެއް ތައްޔާރުކޮށް ހުށަހަޅަން ޖެހެ އެވެ.
މަޖިލީހުގައި ރައީސް ނިސްބަތްވާ އެމްޑީޕީގެ 65 މެންބަރުން ތިއްބެވިއިރު، ދެން އެންމެ ގިނަ މެންބަރުން ތިއްބެވީ ޕީޕީއެމްގަ އެވެ. ޕީޕީއެމްގެ ހަ މެންބަރުން މަޖިލީހުގައި ތިއްބަވަ އެވެ. އެހެންކަމުން ރިޔާސީ ބަޔާންގެ ޖަވާބު ހުށަހަޅަން ޖެހެނީ ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އޭދަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) އެވެ.
އެކަމަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ، ރިޔާސީ ބަޔާނަށްދޭ ޖަވާބު މެންބަރު އަހްމަދު ސަލީމް ތައްޔާރުކުރެއްވުމުން، އެކަމަށް މަޖިލީހުގެ ގަވާއިދާ އެގޮތަށް ފުރުސަތު ދެއްވާނެ ކަމަށެވެ.
ކޮރޯނާއާ ގުޅިގެން މިހާރު ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަތުމަށް ހުރިހާ ރައްޔިތުން އެއްބާރުލުންދީ ވެކްސިން ޖެހުމަށްވެސް ރައީސް ނަޝީދު ވަނީ އިލްތިމާސްކުރައްވައިފައެވެ. އަދި ކޮވިޑުން އަރައިގަނެ ކާމިޔާބު އަހަރަކަށް ވެގެންދާނެކަމަށް އުއްމީދުކުރައްވާކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
" މިފެށުނު އާ އަހަރަކީވެސް ރައްޔިތުންގެ މަޖިލީހުން މުހިންމު މަސައްކަތްތަކެއް ކުރެވިގެންދާނެ އުއްމީދީ އަހަރެއް ކަަމަށް ވާނެ ކަމަށް އަޅުގަނޑު ޔަގީންކުރަން. އަދި އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ދިމާވެފައިވާ ދަތިތަކުން އަރައިގަނެ ރާއްޖެއަށް ކުރިއެރުމާއި ކާމިޔާބު އަހަރެއްގެ ގޮތުގައި ވެގެންދާނެކަމަށް އަޅުގަނޑު ދުއާކޮށް އުއްމީދުކުރަން" ރައީސް ނަޝީދު ވިދާޅުވި އެވެ.