ރައްޔިތުންގެ މަޖިލިސް ހުޅުވި ޖަލްސާގެ ތެރޭގައި އިދިކޮޅު ޕީޕީއެމާއި ޕީއެންސީގެ މެމްބަރުން އިހުތިޖާޖެއް ކުރަން އުޅުމުން މަޖިލީހުގެ ޖަލްސާއަށް ނުވެއްދި ކަމަށް އެ ދެ ޕާޓީން ބުނެފި އެވެ.
ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރެއްވުމުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިނިވަން ކުރަން ގޮވާލައި އިދިކޮޅުން ކުރަމުންދާ އިހުތިޖާޖްތައް މިއަދު މަޖިލިސް އިދާރާގެ ކައިރީގައި ވެސް ތަކުރާރު ކުރި އެވެ. އޭގެ އިތުރުން މިއަދު އިދިކޮޅު މަޖިލިސް މެންބަރުން މަޖިލީހަށް ވަޑައިގަތީ "ރައީސް ޔާމީން މިންވަންކުރޭ" ޖަހާފައިވާ ބޮޑު ބެނާއަކާއެކު އެވެ.
ނަމަވެސް ތަޅުމަށް ވަދެވޭ ގޮތް ނުވުމުން އެ އިހުތިޖާޖް ކުރިއަށް ގެންދިޔައީ މަޖިލީހުގެ އިދާރާގެ ގޯތީގެ ތެރޭގަ އެވެ.
"ބެނާ ހިފައިގެން މަޖިލީހުގެ ހޯލުތެރެއަށް ވަނުމުގެ ފުރުސަތެއް އަޅުގަނޑުމެންނަކަށް ނުދިން. އެހެންވެ ރިޔާސީ ބަޔާން އިއްވިއިރު ވެސް އަޅުގަނޑުމެން ތިބީ ބެނާ ހިފައިގެން މަޖިލީހުގެ ގޯތި ތެރޭގައި. އަޅުގަނޑުމެންނަށް މިކުރާ ފުރައްސާރަތައް ހުއްޓާލަން ޖެހޭ،" މަޖިލީހުގެ މާވަށު ދާއިރާއަށް ނިސްބަތްވާ ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު މިއަދު "އަވަސް" އަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިދިކޮޅު ލީޑަރު، ރައީސް ޔާމީން މިނިވަން ކުރަން ކުރާ މަސައްކަތް ހުއްޓާ ނުލާ ކުރިއަށް ގެންދާނެ ކަމަށެވެ. އަދި ރައީސް
ޔާމީނަށް އިންސާފު ނުލިބޭކަން މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެނގިވަޑައިގަންނަވާ ކަމަށެވެ.
މިއަދުގެ ޖަލްސާގައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވަނީ ވަރަށް ބޮޑަށް އަޑުގަދަ ކުރައްވައިފަ އެވެ. އެފަދައިން ހެއްދެވީ ރާއްޖޭގެ ވެރިކަން ރައްޔިތުން ބޭނުންވާ ގޮތަށް ރައީސް ސޯލިހް ކުރިއަށް ނުގެންދަވާތީ އިިހުތިޖާޖެއް ކުރެއްވުމުގެ ގޮތުންކަމަށް ޖާބިރު ވިދާޅުވި އެވެ.