އަފްގާނިސްތާނުގެ ގައުމީ ފުޓްބޯޅަ ކޯޗު ކަމުގެ މަގާމުން ކޯޗު ސްލަވަން ސްކެލެޒިޗް ވަކިކޮށްފި އެވެ.
މިދިޔަ ފެބްރުއަރީ މަހު މަގާމާ ހަވާލުވި ސާބިއާ އާއި ޖަރުމަނަށް ވެސް ނިސްބަތްވާ ކޯޗު މަގާމުން ވަކިކުރީ އަފްގާނިސްތާން ޓީމު ނެރެމުންދާ ދަށް ނަތީޖާތަކުގެ ސަބަބުން ކަމަށް އެ ގައުމުގެ ފުޓްބޯޅަ ފެޑަރޭޝަނުން ބުނެ އެވެ.
ނަމަވެސް ޓީމާ ހަވާލުވުމަށްފަހު ކޯޗު ބުނީ އޭނާ މަސައްކަތްކުރާނީ ބާސެލޯނާގެ ސްޓައިލަށް އަފްގާނިސްތާން ފެއްތުމަށް ކަމަށެވެ.
އެކަމަކު ނަތީޖާތައް ގޮސްވުމުން އެ ގައުމުން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ގައުމީ ޓީމު ހަވާލުކުރުމަށް ޔޫރަޕުގެ މަތީފަންތީގެ ކޯޗުންނާ މަޝްވަރާކުރަމުން އަންނަ ކަމަށެވެ. އަދި މި އަހަރުގެ ޑިސެމްބަރު މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމަށް ގައުމީ ޓީމުގެ ފަރިތަކުރުންތައް ފެށުމުގެ ކުރިން ކޯޗަކު ހަމަޖައްސަން އެ ގައުމުން ދަނީ މަސައްކަތް ކުރަމުންނެވެ.
އަފްގާނިސްތާން އެންމެ ފަހުން ކުޅުނު މެޗަކީ ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި ސީރިއާއާ ދެކޮޅަށް ކުޅުނު މެޗެވެ. މި މެޗުން 5-1އިން ބަލިވުމުން މިއީ ކޮލިފައިންގައި އެ ގައުމު ބަލިވި ފަސް މެޗަށް ވެގެންދިޔަ އެވެ.
އަފްގާނިސްތާނަކީ ސާފް ޗެމްޕިއަންޝިޕުގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމެވެ.