ބޭރު ކުޅިވަރު

ފީފާގެ ރައީސް ކަމަށް ކުރިމަތިލެއްވި ސަލްމާން އަކީ ކާކު؟

ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ބާރުގަދަ މަގާމު ހޯއްދެވުމަށް މިހާރު ރޭހަށް ނުކުމެ ހުންނެވި އެންމެ ސީރިއަސް އެއް ކެނޑިޑޭޓަކީ ބަހުރޭނުގެ ޝައިހް ސަލްމާން ބިން އިބްރާހީމް އަލްހަލީފާ އެވެ. އޭނާއަކީ ކާކު ހެއްޔެވެ؟

އުމުރުފުޅުން މިހާރު 49 އަހަރުގެ ޝައިހް ސަލްމާން އަކީ ބަހުރޭނުގެ ޝާހީ އާއިލާ އަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ. އޭނާ އަކީ މިހާރު އޭޝިޔާގެ ފުޓްބޯޅައިގެ މައި ޖަމިއްޔާ އޭއެފްސީގެ ރައީސް އެވެ. މި މަގާމަށް އޭނާ އިންތިހާބުވީ 2013 ވަނަ އަހަރުގެ މޭމަހު އެވެ.
އޭއެފްސީގެ ރައީސް ކަމަށް ވަޑައިގަތުމުގެ ކުރިން ސަލްމާން އަކީ އެޖަމާއަތުގެ ޑިސިޕްލިނަރީ ކޮމިޓީގެ ޗެއާމަން އަދި ފީފާގެ ޑިސިޕްލިނަރީ ކޮމިޓީގެ ވައިސް ޗެއާމަން އެވެ.

އިނގިރޭސި ވިލާތުގެ މެންޗެސްޓާ ޔުނައިޓެޑަށް ވަރަށް ބޮޑަށް ސަޕޯޓްކުރައްވާ ޝައިހް ސަލްމާން ފުރަތަމަ ޑިގްރީ ނެންގެވީ އިނގިރޭހިބަހުގެ ދާއިރާއިން 1992 ވަނަ އަހަރު އެވެ. ކިޔަވާ ވިދާޅުވި ދުވަސްވަރުގެ ކުރިން އޭނާވަނީ ބަހުރޭނުގެ އައްރިފާ ކުލަބުގެ ޔޫތު ޓީމަށް ކުޅުއްވާފަ އެވެ. އޭގެ ފަހުން އޭނާ ފެނިގެންދިޔައީ ބަހުރޭނުގެ ފުޓްބޯޅަ ފެޑަރޭޝަނުގެ އެކި މަގާމުތަކުންނެވެ. މި ގޮތުން އެންމެ ފުރަތަމަ ފެނިގެންދިޔައީ ބަހުރޭނުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ޗެއާމަންގެ ގޮތުގަ އެވެ. އަދި 2002 ވަނަ އަހަރު ފެޑަރޭޝަނުގެ ރައީސްކަން ލިބިވަޑައިގަތުމުގެ ކުރިން އޭނާ ވަނި ފެޑަރޭޝަނުގެ ނާއިބް ރައީސްކަން ވެސް ކުރައްވާފަ އެވެ.

ބަހުރޭނުގެ ފުޓްބޯޅަ ފެޑަރޭޝަނުގައި އުޅުއްވި ދުވަސްވަރު ވޯލްޑް ކަޕާއި އެނޫން ވެސް ބޮޑެތި މުބާރާތްތަކުގެ ޑިސިޕްލިނަރީ ކޮމިޓީގައި ސަލްމާން މަސައްކަތް ކުރެއްވި އެވެ.

ތިން ކުދިންގެ ބައްޕަ ސަލްމާން ފީފާގެ ރައީސްކަމަށް ކުރިމަތިލެއްވިއިރު އޭނާ އަށް ކުރިމަތިވާނެ ވަރަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުއްޓެވެ. އެއީ އިންސާނިއްޔަތާ ހިލާފު އަމަލުތައް ހިންގެވުމުގެ ތުހުމަތު ކުރެވިފައިވުމާއި އޭޝިޔާގެ ހުރިހާ ގައުމެއްގެ ވޯޓު ހޯއްދަވައި ޔޫރަޕުގެ ގައުމުތަކުގެ ތާއީދު ހޯއްދެވުމެވެ. ގިނަ ބަޔަކު ބުނާ ގޮތުގައި ސަލްމާންގެ ފަރާތުން ފީފާގެ ރައީސްކަން ކުރެވޭނެހާ ގާބިލްކަން މިވީ ދުވަސްކޮޅު ފެނިފައިނުވެ އެވެ.