ޖީސީއީ އޯ ލެވެލް

މެއި/ޖޫންގެ އޭލެވެލް އިމްތިހާނު ނުބާއްވަން ނިންމައިފި

މިއަހަރުގެ މެއި/ޖޫންގެ އޭލެވެލް އިމްތިހާނު ނުބާއްވަން ނިންމައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މެއި/ޖޫންގެ އޭލެވެލް އިމްތިހާނު ތާވަލު ކުރެވިފައިވާ ގޮތަށް ކުރިއަށް ނުގެންދާނެ ކަމަށެވެ. އަދި މިއަހަރުގެ މެއި/ޖޫންގެ އޭލެވެލް އިމްތިހާނުތަކުގައި ބައިވެރިވާ ދަރިވަރުންގެ ފެންވަރު ވަޒަން ކުރުމާއި ސެޓިފިކެޓް ދިނުމުގެ ކަންކަން ކުރިއަށް ގެންދާނެ ގޮތެއް މި މަހުގެ 22 ގައި އިނގިރޭސިވިލާތުގެ "އޮފްކޮލް" އިން އިއުލާނު ކުރާނެ ކަމަށެވެ.

ނަމަވެސް އޮކްޓޫބަރު/ނޮވެންބަރު ގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭ ލެވެލް އިމްތިހާނު ތާވަލު ކުރެވިފައިވާ ގޮތަށް ކުރިއަށްދާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. މި ނިންމުމާއި ގުޅިގެން ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންސް އިން ކުރިއަށް ގެންދާ އޭއެސް/އޭލެވެލް ގެ އެޕްލިކޭޝަން މަރުހަލާއަށް އެއްވެސް ބަދަލެއް ނާންނާނެ އެވެ.

އެޑިއުކޭޝަނުން ވަނީ އޭ ލެވެލް އިމްތިހާނުތަކަށް ދަރިވަރުން ތައްޔާރުވަމުން ދިޔަ ގޮތަށް އެއްވެސް ބަދަލެއް ނުގެނެސް ކުރިއަށް ގެންދިއުމަށް ސުކޫލުތަކާއި އަމިއްލަ ގޮތުން އިމްތިހާނަށް ތައްޔާރުވާ ދަރިވަރުންނަށް އަންގާފައެވެ. ރާއްޖޭގައި މި އިމްތިހާނުގައި ބައިވެރިވާ ފަރާތްތަކުގެ އެސެސްމަންޓް ކުރިއަށް ގެންދެވޭނެ އިތުރު ގޮތްތަކެއް އޮތްތޯ ބެލުމަށް އެޑެކްސެލްއާ އެކު މަޝްވަރާ ކުރަމުންދާ ކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ. އަދި މި މަޝްވަރާގައި ދަރިވަރުންނާއި ސުކޫލުތަކުގެ ހިޔާލާއި މަޝްވަރާވެސް ހޯދާނެ ކަމަށް ވަނީ ބުނެފައެވެ.