އެފްއޭއެމުގެ އޮޑިޓް ރިޕޯޓްތައް ހުރީ ނިމިފައި ކަމަށާއި އަންނަ ހަފުތާގައި ކުލަބުތަކަށް އެ ރިޕޯޓްތައް ދޫކޮށްލާނެ ކަމަށް އެ ޖަމާއަތުން ބުނެފި އެވެ.
ގައުމީ ފުޓްބޯޅަ އިދާރާގެ ޖެނެރަލް ސެކްރެޓަރީ ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ކުލަބުތަކަށް އޮޑިޓް ރިޕޯޓްތައް ދޫކޮށްލުމުން އެކަމާމެދު ފިޔަވަޅު އަޅާނީ ކުލަބުތަކުން ކަމަށެވެ.
"ކުލަބުތަކުން ބޭނުންވެއްޖިއްޔާ އޭގައި ހުރި ކޮންމެ ކަމަކާ މެދު ވެސް ފިޔަވަޅު އެޅުމަށް ހުށަހަޅަންވީ. އަޅުގަނޑުމެންގެ ޓާމުގައި ކޮރަޕްޝަނުގެ އެއްވެސް އަމަލެއްނެތް ކަމަށް އޭސީސީން ވެސް އެވަނީ ފާހަގަކޮށްފައި. އެހެންވީމަ މީގެ ކުރިން އެފްއޭއެމުގެ ކޮރަޕްޝަނުގެ މައްސަލަތައް ހުށަހެޅި ބޭފުޅުންނަށް ވެސް އެނގިގެންދާނެ ކޮން ބައެއްގެތޯ ކޮރަޕްޝަން އޮތީ. އިނގިރޭސި ބަހުން މި ރިޕޯޓްތައް ހުރީ. އަޅުގަނޑު އުއްމީދު ކުރަނީ އެފްއޭއެމުގެ ކޮރަޕްޝަނުގެ މައްސަލަ ހުށަހެޅި ބޭފުޅުންނަށް ވެސް މި ރިޕޯޓްތަކުގައި ހުރި އެއްޗެއް ރަނގަޅަށް ސާފުވާނެ ކަމަށް،" އެފްއޭއެމުގެ ކުރީގެ އެގްޒެކްޓިވް ސެކްރެޓަރީ ހުސައިން ރަޝީދު އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅި މައްސަލައަށް އިޝާރާތްކޮށް ބައްސާމް ވިދާޅުވި އެވެ.
ނޯމަލައިޒޭޝަން ކޮމިޓީގެ މެމްބަރު އަލީ އުމަރު ބުނީ އޮޑިޓް ރިޕޯޓްތައް މިހާތަނަށް ނުނެރެތިބީ އެފްއޭއެމުގެ އިންތިހާބުގެ ކުރިން އެކަން ނުކުރަންވެގެން ކަމަށެވެ.
"އެއީ އިންތިހާބުގެ ކުރިން އެކަން ކޮށްފިއްޔާ ބުނާނެ އިންތިހާބަށް ނުފޫޒު ފޯރުވަންވެގެންނޭ ރިޕޯޓްތައް ނެރުނީ. އެއީ އެފްއޭއެމުގެ އިންތިހާބުގައި ކިރިޔާ ވާދަކޮށްފާނެހެން ހީވާ މީހަކު ވިޔަސް މިވަނީ އެފްއޭއެމުގައި މަސައްކަތްކޮށްފައި. އެހެންވީމަ އެކަން ނުކޮށްތިބީ. އެކަމަކު މިހާރު ކުލަބުތަކުންނާއި އެންމެވެސް އެބަބޭނުންވޭ މިރިޕޯޓްތައް ދެނެގަންނަން،" ވެލެންސިއާ އާއި ނިއުގެ އަދި ގައުމީ ޓީމުގެ ކުރީގެ ފޯވަޑް ބުންޏެވެ.
އެފްއޭއެމުގެ އިންތިހާބު ކެންސަލްވީ ހޯމް މިނިސްޓްރީން އަސާސި ގަވާއިދު ރަޖިސްޓްރީކޮށް ނުދިނުމުންނެވެ. މިހެންވެ އެފްއޭއެމުން ވަނީ އިންތިހާބު ބާއްވަން ކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށް ހޯމް މިނިސްޓްރީއާ މަޝްވަރާކުރައްވައިފަ އެވެ.