ވިޔަފާރި

ޓެކުހުން ލިބުނު އާމްދަނީ 27 ޕަސެންޓް ދަށަށް

Feb 5, 2021

މި އަހަރުގެ މިހާތަނަށް ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ 27 ޕަސެންޓަށް ދަށްވެއްޖެ އެވެ.

މި އަހަރަށް ފާސް ކުރި ބަޖެޓުގައި ޓެކުހުގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވަނީ 10.8 ބިލިއަން ރުފިޔާ އެވެ. މިދިޔަ މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ފިނޭންސް މިނިސްޓްރީން އެއްކުރި މައުލޫމާތުގެ މައްޗަށް ބަލައި ނެރެފައިވާ ވީކްލީ ފިޒްކަލް ޑިވްލޮޕްމަންޓް ދައްކާ ގޮތުން މިދިޔަ އަހަރުގެ ޖެނުއަރީ 28 ގެ ނިޔަލަށް ޓެކުހުގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.

ޓެކުހުގެ ގޮތުގައި ބިޒްނަސް ޕްރޮފިޓް ޓެކުހުން މިދިޔަ މަހުގެ 28 ގެ ނިޔަލަށް 514.5 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ޖީއެސްޓީގެ ގޮތުގައި 584.4 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ގްރީން ޓެކުހުގެ ގޮތުގައި 50.8 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އިމްޕޯޓް ޑިއުޓީގެ ގޮތުގައި 109.7 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

ފިނޭންސް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން މިހާތަނަށް ދައުލަތުން 1.4 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބިފައިވެ އެވެ. އަދި މިހާތަނަށް ހަރަދުވެފައިވަނީ ވެސް 1.4 ބިލިއަން ރުފިޔާ އެވެ.