ރާއްޖެ ކުޅިވަރު

އަސާސީ ގަވާއިދަށް އެފްއޭއެމާއި ހޯމް މިނިސްޓްރީ މަޝްވަރާކޮށްފި

އަސާސީ ގަވާއިދުގެ މައްސަލާގައި ހޯމް މިނިސްޓްރީ އާއި އެފްއޭއެމް ދެބަސްވެ އެފްއޭއެމްގެ އިންތިހާބު ކެންސަލްވެފައިވަނިކޮށް ދެ ފަރާތުން އިއްޔެ މަޝްވަރާކޮށްފި އެވެ.

އެފްއޭއެމުގެ ޖެނެރަލް ސެކްރެޓަރީ ބައްސާމް އަދީލްޖަލީލް މިއަދު ވިދާޅުވީ އެފްއޭއެމުގެ އަސާސީ ގަވާއިދުގައި ހޯމް މިނިސްޓްރީން ފާހަގަ ކުރާ ބައެއް ޕޮއިންޓްތައް ނެތް ކަމަށެވެ.

"އެއީ ކުރިން ވެސް (އަސާސީ ގަވާއިދު އިސްލާހު ކުރުމުގެ ކުރިން ވެސް) ނެތް ކަންތައްތައް. އެކަމަކު އެކަންތައްތައް ނެތްނަމަވެސް މި ގަވާއިދަށް އެއްވެސް ބަދަލެއް ގެނެވޭނީ އެފްއޭއެމުގެ ކޮންގްރެސްއެއް ބޭއްވިގެން. އެހެންވީމަ ރަޖިސްޓްރާ އަށް އަޅުގަނޑުމެން ދަންނަވާފައިވާނީ ކޮންޑިޝަނަލް އެޕްރޫވަލްއެއް ނަމަވެސް ދޭން. ރަޖިސްޓްރާ ވެސް މިހާރު ހުންނެވީ ވަރަށް ޕޮޒިޓިވްކޮށް،" ބައްސާމް ވިދާޅުވި އެވެ.

އޭނާ އަދި ވިދާޅުވީ ކޮންގްރެސްއެއް ބާއްވަން ރަޖިސްޓްރާ ކޮންޑިޝަނަލް އެޕްރޫލްއެއް މާދަމާ ދެއްވިއަސް ކޮންގްރެސްއެއް ބާއްވައި އަސާސީ ގަވައިދު އިސްލާހު ކުރަން އެފްއޭއެމް ތައްޔާރުކަމަށެވެ.

"އެފްއޭއެއެމަށް އެއްވެސް ކަމެއްނޫން މިއަދު ވެސް ކޮންގްރެސްއެއް ބޭއްވުމަކީ. އެހެންވީމަ ރަޖިސްޓްރާ އެޕްރޫވަލް ދެއްވުމާއެކު އަޅުގަނޑުމެން އެކަންކަން އިސްލާހުކުރަން މަސައްކަތް ކުރާނަން. އުއްމީދު ކުރަނީ ރަޖިސްޓްރާގެ ފަރާތުން ވަރަށް އަވަހަށް އުފާވެރި ހަބަރެއް ފުޓްބޯޅަ ސަޕޯޓަރުންނަށް ލިބިގެންދާނެ ކަމަށް،" ބައްސާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެފްއޭއެމުން ބާއްވަން ޖެހޭނީ ކެންސަލްވި އިންތިހާބުކަމަށް ފީފާއިން އަންގާފައިވާ ކަމަށެވެ. މިހެންވެ ރަޖިސްޓްރީ ހުއްދަ ދެއްވުމާއެކު އެކަމުގެ މަސައްކަތްތައް ފަށާނެ ކަމަށެވެ.

މި މަހުގެ 22 ވަނަ ދުވަހު ބާއްވަން އުޅުނު އެފްއޭއެމުގެ އިންތިހާބު ކެންސަލްވީ ހޯމް މިނިސްޓްރީން އެފްއޭއެމުގެ އަސާސީ ގަވާއިދު ރަޖިސްޓްރީކޮށްނުދިނުމުންނެވެ. މިހެންވެ އެޓާނީ ޖެނެރަލް ނިންމީ ހޯމް މިނިސްޓްރީން ރަޖިސްޓްރީކޮށްނުދޭ އަސާސީ ގަވާއިދަކަށް ބާއްވާ އިންތިހާބަކީ ގާނޫނާހިލާފު ހަރަކާތެއް ކަމަށެވެ. ނަމަވެސް ފީފާއިން ވަނީ ސަރުކާރުން އެފްއޭއެމަށް އެއްވެސް ނުފޫޒެއް ފޯރުވާނަމަ ރާއްޖެ ސަސްޕެންޑްކޮށްފާނެ ކަމަށް ބުނެ އިންޒާރުދީފަ އެވެ.