ކީރިތި ޤުރްއާންގައިވާ ބަސްފުޅުތަކަށް ފުންކޮށްވިސްނާ ފިކުރުކޮށް އެ ބަސްފުޅުތަކަށް ޢަމަލު ކުރުމަށް މާތް ﷲ ވަނީ އަމުރު ކުރައްވާފައެވެ. ޙަޤީޤަތުގައި ޤުރްއާން ކިޔެވުމަކީ، ޤުރްއާންގެ އާޔަތްތަކާމެދު ވިސްނާ، އެއާޔަތްތަކުގައިވާ ކަންކަމުން ޢިބްރަތް ލިބިގަނެ ދިރިއުޅުމުގެ ކަންކަމާ، ކީރިތި ޤުރްއާންގައިވާ އެންގެވުންތަކާ ގުޅުވާލައި، ކާއިނާތުގެ ވެރި ރައްބުގެ އަމުރުފުޅުތަކަށް ކިޔަމަންގަނެ ދިރިއުޅުން އެގޮތުގައި ބިނާކުރުމެވެ. ނަމަވެސް އަދުގެ މުސްލިމުންގެ ތެރެއިން ގިނަ ބަޔަކުވަނީ އެޤުރްއާނާމެދު ޣާފިލުވެފައެވެ. ޤުރްއާން ކިޔެވިއެއްކަމަކު، އޭގެ މާނައާމެދު ނުވިސްނައެވެ. އޭގެ ޙުކުމްފުޅުތަކަށް ޢަމަލެއް ނުކުރެއެވެ. އަދި އޭގައިވާ ފިލާވަޅުތަކުން ޢިބްރަތެއް ޙާޞިލެއް ނުމެކުރޭމެއެވެ.
އުރެދުނު މީހުންގެ ހިތްތައް ވަނީ ބަންދުކުރައްވާފައި ކަމާއި، އެމީހުންނަށް ޤުރްއާންގެ އަސަރު ނުކުރަނީ އެހެންވެގެންގެން ކަން، މާތް ﷲ ވަނީ އަންގަވާފައެވެ. އެއިލާހު ވަޙީކުރައްވާފައިވެއެވެ. ﴿أَفَلَا یَتَدَبَّرُونَ ٱلۡقُرۡءَانَ أَمۡ عَلَىٰ قُلُوبٍ أَقۡفَالُهَاۤ﴾ (محمد ٢٤) މާނައީ: "ފަހެ، ޤުރްއާނާމެދު އެއުރެން ވިސްނައި ފިކުރު ނުކުރަނީހެއްޔެވެ؟ ނުވަތަ (އެއުރެންގެ) ހިތްތަކުގައި ތަޅުތަކެއް ލެވިފައިވަނީ ހެއްޔެވެ؟" އެބަހީ: އެއުރެންނަށް އެ ޤުރްއާންގައިވާ އެއްޗެއް ނުވިސްނެނީ އެއުރެންގެ ހިތްތައް ބަންދުވެފައިވާތީއެވެ.
މިއާޔަތުގައި ﴿أَفَلَا یَتَدَبَّرُونَ ٱلۡقُرۡءَانَ ﴾ "ޤުރްއާނާމެދު އެއުރެން ވިސްނައި ފިކުރު ނުކުރަނީހެއްޔެވެ؟" މި ބަސްފުޅުގެ ޙަޤީޤީ މުރާދާމެދު ވިސްނައިލަމާތޯއެވެ؟
ކީރިތި ޤުރްއާން ތަދައްބުރުކޮށް ކިޔެވުމަކީ އެ ކިޔަވާ އާޔަތްތަކާމެދު ފުންކޮށްވިސްނާ، އެ އާޔަތްތަކުގެ މާނަ ދެނެގަނެ، އާޔަތުގައިވާ އެންމެހާ މާނަތައް ފަހުމުކޮށް ދެނެގަތުމެވެ. އާޔަތްތަކުގެ މުރާދާއި، މަޤްޞަދު ދެނެގަތުމަށް މަސައްކަތް ކުރުމެވެ. އަދި އާޔަތުގެ އެންމެ ޞައްޙަ މާނަ ދެނެގަތުމެވެ. މިމޭރުމުން ބަލާއިރު، ކީރިތި ޤުރްއާންގެ އާޔަތްތަކުގައިވާ ކަލިމަތަކުގެ މާނަ ދެނެގަތުމަށްވުރެންވެސް، ތަދައްބުރުކުރުމުގައި ވިސްނާ ވިސްނުން ފުންވެގެންވެއެވެ. އެހެނީ ޤުރްއާންގެ އާޔަތްތަކުގައި މާތް ﷲ އަންގަވާ އެންގެވުންތަކާ އެއްގޮތަށް ޢަމަލު ކުރުންވެސް ކީރިތި ޤުރްއާން ތަދައްބުރު ކުރުމުގެ ތެރޭއިން ހިމެނެއެވެ.
ކީރިތި ޤުރްއާންގެ ބަސްފުޅުތައް ރަނގަޅަށް ވިސްނައި، އެޔާ މެދު ފިކުރުކުރާ މީހަކު، މާތް ﷲ ގެ ކޯފާއާއި ޢަޛާބަށް ބިރުވެތިވާނެއެވެ. އަދި އެއިލާހުގެ ރުހުން ލިބެނިވި ކަންކަން ކުރުމަށް އަވަސްވެގަންނާނެއެވެ. ކީރިތި ޤުރްއާން ތަދައްބުރުކޮށް ކިޔެވުމުގެ އެންމެ ބޮޑު ބޭނުމަކީ މިއީއެވެ. ތިމާގެ ވެރި ރައްބަކީ ކޮބައިކަން ދެނެގަތުމެވެ. އެއިލާހުގެ ފުރިހުމަވެގެންވާ ޞިފަތައް ދަސްކުރުމެވެ. އަދި ހުރިހާ އުނިކަމަކުން އެއިލާހު ހުސްޠާހިރުވެގެންވާކަން ތިމާއަށް އެނގި ހާމަވުމެވެ. އެއިލާހުގެ އަމުރުފުޅުތަކަށް ކިޔަމަން ގަތުމެވެ. މި ޢިލްމުގެ ސަބަބުން އީމާންކަން އިތުރުވެގެން ދެއެވެ.
ކީރިތި ޤުރްއާން ކިޔަވާހިނދު، އޭގެ މާނަތައް ދެނެގަނެ، ތަދައްބުރު ކުރުމަށް އެހީވެދޭ އެއްކަމަކީ ޢަރަބި ބަސް އުނގެނުމެވެ. އަޅުގަނޑުމެންނަކީ ޢަރަބި ބަހުގެ އަހުލުވެރިންކަމުގައި ނުވާތީ، ޢަރަބި ބަސް އުނގެނިގެން މެނުވީ، ޤުރްއާންގައިވާ ލަފުޒުތަކުގެ މާނަ ދޭހައެއް ނުވާނެވެ. ޢަރަބި ބަސް ނޭނގޭނަމަ، ދެން އޮތީ، އެހެން ބަސްބަހަށް ތަރުޖަމާ ކުރެވިފައިވާ ޤުރްއާންގެ އާޔަތްތަކުގެ މާނަ ކިޔައި، އެތަރުޖަމާތަކާމެދު ވިސްނާފިކުރުކުރުމެވެ. އަދި އެހެން ބަސްބަހަށް ތަރުޖަމާކުރެވިފައިވާ ކީރިތި ޤުރްއާން ތަފްސީރުތައް ކިޔުމެވެ.
މީގެ އިތުރުންވެސް، ޤުރްއާން ތަދައްބުރު ކުރުމަށް އެހީތެރިވެދޭ ކަންކަން އެބަހުއްޓެވެ. އޭގެ ތެރެއިން ބައެއް ކަންކަމަށް ބަލައިލާނަމެވެ.
ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ތައްޔާރުވުން
ޤުރްއާނާމެދު ފުންކޮށްފިސްނައި ތަދައްބުރު ކުރުމުގެ ފެށުމަކީ ކީރިތި ޤުރްއާން ކިޔެވުމަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ތައްޔާރުވާ ތައްޔާރުވުމެވެ. ނަފްސާނީ ގޮތުން ތައްޔާރުވުމަކީ ޤުރްއާނާމެދު ހިތުގައި ޝައުޤުވެރިކަމެއް އުފެއްދުމަށް އެދި، ޤުރްއާން ކިޔަވާހިނދު، މި ކިޔެވޭ ބަސްތަކަކީ ރައްބުލް ކާއިނާތުގެ ބަސްފުޅުތައްކަން ދަނެގެން ކިޔެވުމެވެ. އޭރުން އެ ކިޔެވުމުން ހިތަށް އެއިންކުރާ އަސަރު ބޮޑުކޮށްދޭނެއެވެ. ތިމާގެ ނިކަމެތިކަމާއި، އެއިލާހުގެ ހައިބަވަންތަކަމާއި މަތިވެރިކަން ހަނދާންވާނަމަ، އެއިލާހުގެ ބަސްފުޅުތައް ކިޔަވަމުންދާހިނދު އެއާމެދު ވިސްނައި ފިކުރުކުރެވޭލެ ބޮޑުވާނެވެ.
ޖިސްމާނީ ގޮތުން ތައްޔާރުވުމަކީ، ޤުރްއާން ކިޔަވާހިނދު، ވުޟޫ ކުރުމާއި ފޭރާން ސާފުކުރުމާއި، އަދަބު ވެރިކަމާއެކު އިނދެގެން ކިޔެވުމެވެ. އަދި ކިޔަވާ މާހައުލަކީވެސް އެކަށޭނަ ތަނެއްކަމުގައި ހެދުމެވެ. އަދި ކީރިތި ޤުރްއާން އުފުލާއި ގެންގުޅުމާއި، ކިޔެވުމުގެ އަދަބުތަކަށް ފުރިހަމައަށް ތަބާވުމެވެ.
މާތް ﷲ އަށް ތަޤުވާވެރިވެ ބިރުވެތިވުން
ކޮންމެ ކަމެއްގައިމެ މާތް ﷲ އަށް ތަވައްކަލުކޮށް އެއިލާހަށް ދެންނެވުމަކީ މުސްލިމެއްގެ މައްޗަށް އެންމެ އިސްވެގެންވާ ވާޖިބެއެވެ. އަދި އެއިލާހު ނަހީކުރެއްވި ކަންކަމުން އެއްކިބާވެ، އެއިލާހުގެ އަމުރުފުޅުތަކަށް ބޯލަނބައި ކިޔަމަންގަތުމަކީ ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަން ދެއްވާނޭކަމެކެވެ. އަދި އެއިލާހަށް ބިރުވެތިވެ، ކިޔަމަންގަތުމަކީ ޢިލްމު އުނގެނުމަށްޓަކައި ހިތް ތަނަވަސްކޮށްދެއްވައި، ހިތުގައި ނޫރެއް ލައްވާނޭކަމެކެވެ.
މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ﴿وَاتَّقُوا اللَّهَ وَيُعَلِّمُكُمُ اللَّهُ﴾ (البقرة 282) މާނައީ: "ތިޔަބައިމީހުން، ﷲ އަށް ތަޤުވާވެރިވާށެވެ! ﷲ ، ތިޔަބައިމީހުންނަށް އުނގަންނައިދެއްވާނެއެވެ." އަދިވެސް ވަޙީކުރައްވާފައިވެއެވެ. ﴿يَا أَيُّهَا الَّذِينَ آمَنُوا إِنْ تَتَّقُوا اللهَ يَجْعَلْ لَكُمْ فُرْقَاناً﴾ (الأنفال 29) މާނައީ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން، ﷲއަށް ތަޤުވާވެރިވާނަމަ، ތިޔަބައިމީހުންނަށް ޙައްޤާއި ބާޠިލު ވަކިކުރާނެ މަގު، އެކަލާނގެ ދައްކަވާނެތެވެ."
ލަސްލަހުން ކިޔެވުން
މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ﴿وَرَتِّلِ الْقُرْآنَ تَرْتِيلاً﴾ (المزّمِّل 4) މާނައީ: "އަދި ލަސްލަހުން قرآنކިޔަވައި ވިދާޅުވާށެވެ!"
ލަސްލަހުން ކިޔެވުމަކީ ޤުރްއާން ތަދައްބުރު ކުރުމަށް ނުހަނު އެހީތެރިވެދޭ ކަމެކެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ކީރިތި ޤުރްއާން ކިޔަވާ ވިދާޅުވާހިނދު، ކަލިމަތައް ވަކިކޮށް، ކޮންމެ އާޔަތަކަށް ހުއްޓަވަމުން ލަސްލަހުން ކިޔަވާވިދާޅުވާކަމުގާ ރިވާވެގެންވެއެވެ.
މާތް ﷲ ތިބާއާ މުޚާޠަބް ކުރައްވާކަން ދެނެގަތުން
ކީރިތި ޤުރްއާނަކީ ﷲ ގެ ކަލާމްފުޅެވެ. އެބަސްފުޅުތަކަކީ އެއިލާހުގެ އަމުރުފުޅުތަކެވެ. މުކައްލިފުންގެ މައްޗަށް އެއިލާހު، ކުރުމަށް އަންގަވާފައިވާ ކަންތައްތަކެވެ. އެބަސްފުޅުތަކަކީ ހުރިހާ މުއުމިނުތަކުންނަށް މުޚާޠަބުކުރެވޭ ބަސްފުޅުތަކެކެވެ. ނަމާދުގައި ފާތިޙާ ސޫރަތް ކިޔަވާހިނދު މާތް ﷲ އެ ބަސްފުޅުތަކަށް ޖަވާބު ދެއްވާ ކަމުގައި ސުންނަތުން ސާބިތުވެއެވެ.
ޤުދުސިއްޔަ ޙަދީޘްފުޅެއްގައިވެއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. "ތިމަން އިލާހުގެ އަޅާއާއި ތިމަން އިލާހާ ދެމެދުގައި ނަމާދު (އެބަހީ: ފާތިހާ ސޫރަތް) ދެބަޔަކަށް ބައްސަވައިފީމެވެ. ތިމަން އިލާހުގެ އަޅާ އެދޭ ކަމެއް އޭނާއަށް ދެއްވާހުށީމެވެ. އެ އަޅާ ﴿الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ﴾ ކިޔަފައިނަމަ މާތް ﷲ ވަޙީކުރައްވާނެތެވެ. "ތިމަން އިލާހުގެ އަޅާ ތިމަން އިލާހަށް ޙަމްދުކޮށްފިއެވެ." ދެން ﴿الرَّحْمَنِ الرَّحِيمِ﴾ ކިޔަފިނަމަ މާތް ﷲ ވަޙީކުރައްވާނެއެވެ. "ތިމަން އިލާހުގެ އަޅާ ތިމަން އިލާހަށް ޘަނާ ކިޔައިފިއެވެ." ދެން ﴿مَالِكِ يَوْمِ الدِّينِ﴾ ކިޔައިފިނަމަ މާތް ﷲ ވަޙީ ކުރައްވާނެއެވެ. "ތިމަން އިލާހުގެ އަޅާ ތިމަން އިލާހު މަތިވެރިކުރުމަށް މަދަޙަ ކިޔައިފިއެވެ." ދެން ﴿إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ﴾ ކިޔައިފިނަމަ ވަޙީކުރައްވާނެއެވެ. "މިއީ ތިމަން އިލާހާއި ތިމަން އިލާހުގެ އަޅާއާއި ދެމެދުގައިވާ ކަމެކެވެ. އަދި އެއަޅާއަށް އޭނާ އެދޭކަމެއް ދެއްވާހުށީމެވެ."
ދެން ﴿اهْدِنَا الصِّرَاطَ الْمُسْتَقِيمَ صِرَاطَ الَّذينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ﴾ ކިޔައިފިނަމަ ވަޙީކުރައްވާނެއެވެ. "މިއީ ތިމަން އިލާހުގެ އަޅާއަށް އޮތް ބައެވެ. އޭނާ އެދޭ ކަންތައް އޭނާއަށް ދެއްވާހުށީމެވެ." (މި ޙަދީޘް ރިވާކުރެއްވީ އަލްއިމާމު މުސްލިމް އެވެ.)
އިސްވެ ބަޔާންކުރެވުނު ޙަދީޘްގައި އެވަނީ ފާތިހާ ސޫރަތް ކިޔަވާހިނދު، މާތް ﷲ ގެ އަޅާއަށް އެއިލާހު ޖަވާބު ދެއްވާނޭކަމުގައެވެ. މިކަމަކީ ނަމާދަށް ޚާއްޞަވެގެންވާ ކަމެކެވެ. ކަން މިހެއް އޮތްނަމަވެސްސް، ނަމާދާއި އަދި ނަމާދުން ބޭރުގައިވެސް ކީރިތި ޤުރްއާން ކިޔަވާހިނދު އެފޮތުގައިވާ މާތް ﷲ ގެ އަމުރު ފުޅުތަކަކީ، އީމާންވީ މީސްތަކުނާ މުޚާޠަބު ކުރައްވާ އެއިލާހު އަންގަވާ އެންގެވުންތަކެވެ. މިކަމައްޓަކައި ކީރިތި ރަސޫލާ صلى الله عليه وسلم ކީރިތި ޤުރްއާން ކިޔަވާހިނދު، ތަސްބީޙަ ކިޔުމަށް އަމުރު ކުރައްވާ އާޔަތެއް ކިޔަވާވިދާޅުވާހިނދު ތަސްބީޙަ ކިޔުއްވައެވެ. ކަމަކަށް އެދި ދެންނެވުމަށް އަމުރުކުރައްވާފައިވާ އާޔަތެއް ކިޔަވައިވިދާޅުވާނަމަ އެކަމަކަށް އެދި ދުޢާ ކުރައްވައެވެ. ކަމަކުން ރައްކާތެރިވެ އަޢޫޛު ކިޔުމަށް އަމުރުކުރައްވާފައިވާ އަޔާތެއް ކިޔަވައިވިދާޅުވާނަމަ އަޢޫޛު ކިޔުއްވާކަމުގައި ޞައްޙަ ޙަދީޘްތަކުގައި ވާރިދުވެފައިވެއެވެ.
ދަމުނަމާދުގައި ކިޔެވުން
ދަންވަރުގެ ވަގުތަކީ މަޑުމައިތިރި ހަމަހިމޭން ވަގުތެކެވެ. އަދި އެވަގުތުގައި ކުރެވޭ ދަމުނަމާދަކީ މުނާފިޤަކަށް، ނުވަތަ ކަންދައްކަން ނަމާދު ކުރާ މީހަކަށް ކުރެވޭނޭ ކަމެއް ނޫނެވެ. އެހެނީ ދުވާލުގެ ވަގުތުގައި މީސްތަކުންގެ ކުރިމަތީގައި ނަމާދު ކުރުމާއި، ރޭގަނޑުގެ ވަގުތުގައި އަރާމު ނިދި ދޫކޮށްލައި ތެދުވެ، ރޭގަނޑުގެ ހަމަހިމޭންކަމުގައި، ނަމާދު ކުރުމަކީ ނަފްސަށް ނުހަނު ބުރަކަމެކެވެ. މިކަމައްޓަކައި ދަމުނަމާދަކީ އޭގެ ދަރުމަޔާއި ސަވާބު މަތިވެރިވެގެންވާ ނަމާދެކެވެ. އަދި އެނަމާދުގައި، ތިމާއަށް ހިތުދަސްވެފައިވާ ބައިތައް ކިޔެވުމަކީވެސް ޤުރްއާން ތަދައްބުރުކޮށް ކިޔެވުމާއި، ފުންކޮށް ޤުރްއާނާމެދު ވިސްނުމަށް އެހީތެރިވެދޭ ކަމެކެވެ.
އީމާންވި މީސްތަކުންގެ ސިފަތައް ތިމާގެ ކިބައިގައި ހުރިތޯ ސުވާލު ކުރުން
މުއުމިނު އަޅުތަކުންގެ ސިފަތަކުގެ ތެރެއިން ކީރިތި ޤުރްއާންގައި ވާރިދުވެފައިވާ ސިފަތައް ތިމާގެ ކިބައިގައި ހުރިތޯ ބެލުމާއި، އެ ސިފަތައް ލިބިގަތުމަށް މަސައްކަތް ކުރުމަކީ ޤުރްއާން ތަދައްބުރު ކުރުމުގައި އެހީތެރިވެދޭ ކަމެކެވެ. އެކި ސޫރަތްތަކުގައި، މުއުމިނު އަޅުތަކުންގެ އެކި ސިފަތައް ވަނީ ބަޔާންކުރައްވާފައެވެ.
އެގޮތުން މުއުމިނޫން ސޫރަތުގެ ފުރަތަމަ އާޔަތްތަކުގައި ވަޙީކުރައްވާފައިވެއެވެ. ﴿ قَدْ أَفْلَحَ الْمُؤْمِنُونَ )١( الَّذِينَ هُمْ فِي صَلَاتِهِمْ خَاشِعُونَ )٢( وَالَّذِينَ هُمْ عَنِ اللَّغْوِ مُعْرِضُونَ )٣( وَالَّذِينَ هُمْ لِلزَّكَاةِ فَاعِلُونَ )٤( وَالَّذِينَ هُمْ لِفُرُوجِهِمْ حَافِظُونَ ﴾ (المؤمنون 1-5) މާނައީ: "މުއުމިނުން ކާމިޔާބުވެއްޖެކަން ކަށަވަރެވެ. * އެއުރެންނީ، އެއުރެންގެ ނަމާދުގައި މަޑުމައިތިރިވެތިބޭ މީހުންނެވެ. * އަދި އެއުރެންނީ، ބޭކާރު ވާހަކަތަކާއި، ކަންތަކުން ދުރުހެލިވެތިބޭ މީހުންނެވެ. * އަދި އެއުރެންނީ، ޒަކާތް ދޭމީހުންނެވެ. * އަދި އެއުރެންނީ، އެއުރެންގެ ފަރުޖުތަކަށް ރައްކާތެރިވާމީހުންނެވެ."
އަލްފުރްޤާން ސޫރަތުގެ ފަހު އާޔަތްތަކުގައި ރަޙުމާންވަންތަ ރަސްކަލާނގެ އަޅުތަކުންގެ ސިފަތައް ބަޔާންކުރައްވާފައިވެއެވެ. އެއާޔަތްތަކުގެ މާނައިގައިވެއެވެ.
"ރަޙުމާންވަންތަ ރަސްކަލާނގެ އަޅުންނީ، މަޑުމައިތިރިކަމާއެކު ބިމުގައި ހިނގާ އުޅޭމީހުންނެވެ. އަދި އެއުރެންނާ ޖާހިލުން މުޚާޠަބުކޮށް ވާހަކަދައްކައިފި ހިނދަކު، އެއުރެން ސަލާމޭ ބުނެތެވެ. (63) އަދި އެއުރެންނީ، އެއުރެންގެ ވެރިރަސްކަލާނގެއަށް އަޅުކަން ކުޅައުމަށް، ސަޖިދަ ކުރުމުގައްޔާއި، ޤިޔާމަށްތިބުމުގައި، ރޭގަނޑުގެ ވަގުތު ހޭދަކުރާ މީހުންނެވެ. (64) އަދި އެއުރެންނީ ދަންނަވާ މީހުންނެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! ނަރަކައިގެ ޢަޛާބު، އަޅަމެންގެކިބައިން ދުރުކުރައްވައިފާނދޭވެ! ހަމަކަށަވަރުން، އެތާނގެ ޢަޛާބަކީ، ވަކިނުވެ ދެމިހުންނަ ކަމެކެވެ. (65) ހަމަކަށަވަރުން، ހަމަޖެހިތިބޭ ތަނެއްގެ ގޮތުންނާއި، ޤާއިމުވެތިބޭ ވަޒަނެއްގެ ގޮތުން އެ ނަރަކަ ހާދަހާ ނުބައިވެގެންވެއެވެ. (66) އަދި އެއުރެންނީ، އެއުރެން ހޭދައެއް ކޮށްފިނަމަ އިސްރާފު ނުކުރާ، އަދި މުށްބާރުވެސް ނުކުރާ، އަދި އެދެމެދުގައި މެދުމިންވެ ތިބޭމީހުންނެވެ. (67) އެއުރެންނީ ﷲ އާއެކު އެހެން އިލާހަކަށް ގޮވައި ނަހަދާމީހުންނެވެ. އަދި ﷲ، ޙުރުމަތްތެރި ކުރައްވާފައިވާ ނަފްސެއް، ޙައްޤަކާނުލައި، ނުމަރާ މީހުންނެވެ. އަދި ޒިނޭނުކުރާ މީހުންނެވެ. އެއިން ކަމެއްކޮށްފިމީހާ (އެކަމުގެ) ޢުޤޫބާތާ ބައްދަލުކުރާނެތެވެ.(68)" (އަލްފުރުޤާން 93-68)
އިސްވެ ބަޔާންކުރެވުނު ކަންކަމަކީ އަޅުގަނޑުމެންގެ ވެރި ރައްބާއި އަޅުގަނޑުމެންނާ ގާތް ކޮށްދީ އެއިލާހުގެ ބަސްފުޅުތައް ހިތްތަކަށް ވައްދައިދިނުމުގައި އެހީވެދޭ ކަންކަމެވެ. ކީރިތި ޤުރްއާނާމެދު ފުންކޮށް ވިސްނައި ތަދައްބުރުކޮށް ކިޔަވަން މަސައްކަތް ކުރުމަކީ ތިމާއާއި ތިމާގެ ވެރި ރައްބާ އޮތް ގުޅުން ރަނގަޅުކޮށްދޭ، އީމާންކަން ވަރުގަދަކޮށްދޭކަމެކެވެ.