ނޭދެމޭ ވަކިވުމެއް

ނޭދެމޭ ވަކިވުމެއް

(އެޕިސޯޑް 16)

"ނޫން. ނޫން!" ޒީނާގެ ދޫ ހަރަކާތް ކޮށްލީ އޭނާގެ އިޚުތިޔާރުން މުޅިން ބޭރުންނެވެ. ކޮންމެ ގޮތެއް ވިޔަސް، މިފްޒާލް އެބުނި ބަހަކީ ޒީނާއަށް އަޑު އަހަން ފަސޭހަ ބަހެއް ނޫނެވެ. ޒީނާގެ މުޅި ޟަމީރަށް އެ ލަފުޒުން ބިރުވެރިކަން ގެނުވިއެވެ. ދެލޯ ބޮޑުކޮށްގެން މިފްޒާލަށް ބަލަން ހުރި ޒީނާގެ ނޭވާ ވަނީ ތާށިވެފައެވެ. މިފްޒާލް ބުނި ވާހަކައިން ޒީނާގެ ކަންފަތަށް ހީވީ ހޫނުކޮށްފައިވާ ހިމުން ތިމަރަ ތަކެއް އޮއްސައިލިހެންނެވެ. ބުނެދޭން ނޭނގޭ، ބޮޑު ތުރާލެއް ޒީނާގެ އެތެރެ ހަށިން ކެކެން ފެށިއެވެ.

"ނޫން މިފްޒާލް! ތީ ބޮޑު ފާފައެއް. ތިހެން ހެދުން ރަނގަޅެއް ނުވާނެ." ޒީނާ އެހެން ބުނީ، ޒީނާގެ ވާހަކަތަކާއި، އާދޭސްތަކަށް އެއްވެސް ވަރަކަށް މިފްޒާލް ސަމާލުކަން ނުދޭނެކަން އެނގި ހުރެއެވެ. އެއްވެސް އުއްމީދެއް ނެތިިއެވެ.

"ހެހެ! ތީ ދެން ކާކު އަހަރެންނަށް ނަޞޭހަތް ދޭން؟ އަހަރެން އެކަނި ވެސް މިކަން ކޮށްފާނަމޭ.. ޒީނާ ބޭނުން ނެތިއްޔާ މިކަމުގެ ތެރެއަށް ނުވަދޭ. އެކަމު، ބާޒާރަށް ހިލޭ ނުކުނަން ތަސްވީރުތައް ބަލާފަ ފަހުން ނުރޯތި!" މިފްޒާލް ޖެއްސުމުގެ ރާގަށް އެހެން ބުނެލީ ހެމުންނެވެ. ޒީނާ ވަރަށް ދެރަވިއެވެ. ވީ ދެރެއިން ޒީނާ އިސް ޖެހީ އޭނާގެ ހާލަތާ މެދު ވިސްނިގެންނެވެ.

***

ދުވަހުގެ ވަގުތުތައް އޭގެ ހަލުވެ މިނުގައި ދައުރުވަމުން ގޮސް މުޅިން އެހެން ދުވަހަކަށް ދުނިޔެ ހޭލައިފިއެވެ. ލިއުޝާ ހެނދުނު ހެނދުނާ ހޭލައިގެން، ތައްޔާރު ވާން ފެށީ ޑިއުޓީއަށް ދާށެވެ. ދުވަސްކޮޅަކު ވަޒީފާގެ މާޙައުލާއި ދުރުގައި ހުރުމަށްފަހު، ލިއުޝާ ނިންމައިގެން ހުރީ މިއަދު ވަޒީފާއަށް ނުކުންނާށެެވެ.

"ހައިޝަމް.. ހައިޝަމް." ހައިޝަމްގެ ގައިގައި މަޑުމަޑުން އަތް ޖަައްސައިލަމުން، ލިއުޝާ ގޮވަން ފެށިއެވެ.

"ކީކޭ ލޯބީ؟" ހައިޝަމް މޯޅިއަކަށް ދެމިލަމުން، ނިދި ރާގެއްގައި ބުނެލިއެވެ.

"އަހަރެން މިދަނީ ޑިއުޓީއަށް.. ހުންނާނެ ސައި ހަދާފަ.. ގުޅައްޗޭ ހޭލައިގެން.." ހައިޝަމްގެ ބޮލުގެ ބުޅި އިސްތަށިތަކާއި ކުޅެލަމުން ލިއުޝާ ގެއިން ނުކުންނަން ހިނގައިގަތެވެ. ހައިޝަމްގެ ލޮލަށް ސަވާރު ވަމުން ދިޔަ ގަދަ ނިދީގެ ސަބަބުން އޭނާ ބޭނުންވީ އިތުރަށް ނިދާލާށެވެ. އެ ނިޔަތުގައި ދެލޯ މަރައިލަމުން، ނިކަން ބާރަށް ބާލިހުގައި ބައްދައިލިއެވެ.

***

"އަސްތާ! ލިއު؟" އެންމެ ފުރަތަމަ ލިއުޝާ ފެނިގެން އޭނާއަށް ގޮވައިލީ ޝިޔާދެވެ.

"ޝިޔާދު.." ލިއުޝާ ހިނގާފައި ދިޔައީ އޭނާގެ ކޮޓަރިއަށް ވަންނާށެވެ. ލިއުޝާއާ އެއްވަރަކަށް ޝިޔާދު ވެސް ހިނގަމުން ދިޔައީ ލިއުޝާއާ ވާހަކަ ދައްކަމުންނެވެ.

"ދުވަސްގަނޑަކަށްފަހު ވިއްޔާ ލިއުއާ މިގޮތަށް މި ދިމާވީ... މިހާރު ކަންތައް މި ދަނީ މުޅިން ބަދަލު ވަމުންތާ! ކޮންމެ ގޮތެއް ވިޔަސް ލިއު މިއަދު ތި ހުރީ ވަރަށް އުފާ ވެފައެއްނު؟" ޝިޔާދުގެ ވާހަކަތަކަށް ރައްދެއްގެ ގޮތުގައި ލިއުޝާ ދިނީ ހަމައެކަނި ހިނިތުން ވުމެކެވެ. މިފްޒާލްގެ އެއް އަތް ގޮތުގައި ހުންނަ ޝިޔާދާ މާ ގިނަ ވާހަކަތަކެއް އެ މައުޟޫޢު ގައި ދެއްކުމަކީ ލިއުޝާ މާ ކުރަން ބޭނުންވާ ކަމެއް ވެސް ނޫނެވެ.

"ލިއުއަަށް އެނގޭތަ؟ ލިއުގެ ލޯޔަރަކީ އަޒްކާ ދޯ؟" ޝިޔާދު ހިނިތުންވެލަމުން ކޮށްލި ސުވާލުން ލިއުޝާ ހުއްޓުން އެރިއެވެ.

"ކިހިނެއް؟ ކިހިނެއް ޝިޔާދަށް އެނގުނީ؟" ލިއުޝާ ބަލައިލީ ޝިޔާދަށެވެ.

"ހެހެ! އަހަރެންނަށް ވެސް އެނގުނީ ވަރަށް ފަހުން. އަޒްކާ އަކީ އަހަރެންގެ ލޯބިވެރިޔާ.." ޝިޔާދު ބުނި ވާހަކައިން ލިއުޝާ އިތުރަށް ހައިރާން ވިއެވެ. ވަގުތު ކޮޅަކު އެއްވެސް އެއްޗެއް ނުބުނެ ހުރެފައި، ލިއުޝާ އަނެއްކާ ވެސް ހިނިތުންވެލިއެވެ.

"ނުވެސް އެނގުނު. އަޒްކާ ވެސް އެކަހަލަ ވާހަކައެއް ނުބުނޭ ވިއްޔާ.. ކޮންމެ ގޮތެއް ވިޔަސް، އަޒްކާ އަހަރެންގެ މަސައްކަތް ވަރަށް ރަނގަޅަށް ނިންމައިދިން.." ލިއުޝާ ހައިރާންކަން މަތީ އެހެން ބުނެ ކުރިއަށް ހިނގަން ފެށިއެވެ.

***

މެންދުރުގެ ހޫނުގަދަ ވަގުތެވެ. ޒީނާ ރީތިވެލައިގެން އޭނާގެ ކޮޓަރިން ނުކުތެވެ. އެވަގުތު ޒީނާގެ މަންމަ އިނީ ސިޓިންގރޫމްގެ ސޯފާގައި އިށީންދެގެންނެވެ.

"ދަރިފުޅާ.. ކޮންތާކަށް؟" ޒުހުދާ ބަލައިލީ ދޮރުން ނުުކުންނަން ދިމާކޮށްލި ޒީނާގެ މޫނަށެވެ.

"ބޭރަށް.." ޒީނާ ދިނީ ކުރު، އަވަސް ޖަވާބެކެވެ.

"ދަރިފުޅާ.." ޒުހުދާ ކޮޅަށް ތެދުވިއެވެ.

"މަންމައަށް ހާދަ ހީވެޔޭ ދަރިފުޅު ކަމެއް ސިއްރު ކުރާހެން.. މަންމައަށް ކަމެއް ސިއްރު ނުކުރައްޗޭ! ދަރިފުޅު މިހާރު ވަޒީފާއަކަށް ދަނީކީ ނޫން.. މަންމަ ހާދަ ވިސްނަމޭ ދަރިފުޅަށް ތިއަންނަ ބަދަލުތައް.." ޒުހުދާގެ ލޮލުން ކަރުނައިގެ ހިލަން ވެގެން ދިޔައެވެ. ޒީނާ މަޑުމަޑުން ހިނގައިގަތީ ޒުހުދާއާ ދިމާއަށެވެ. އަދި ޒުހުދާގެ އަތުގައި ހިފައިލަމުން، ޒުހުދާގެ ލޮލަށް ބަަލައިލިއެވެ.

"މަންމާ.. އަހަރެން އޯކޭއޭ.. އަހަރެން އެއްވެސް ބޮޑު ކަމެއް ވަންޏާ މަންމައަށް އަންގާނަން.." ޒީނާ އަސްލު ނޫން ހިނިތުން ވުމަކާއި އެކު، އޭނާގެ މަންމަ ރުއްސުވަން ދެއްކި ވާހަކައިން ޒުހުދާގެ ހިތަށް އެެއްވެސް ތަސައްލީއެއް ނުލިބުނެވެ. އޭގެ ބަދަލުގައި ޒުހުދާގެ ހިތުގައި އިތުރަށް ޖެހުނީއެވެ. ޒުހުދާ އިސްޖެހީ މައިލަގޮނޑިއަށް ވަރަށް އަސަރުކޮށްގެންނެވެ. ނަމަވެސް ޒުހުދާ އިތުރަށް އެންމެ ސުވާލެއް ވެސް ކުރާކަށް ބޭނުން ނުވިއެވެ. އެއީ އޭނާގެ ދަރިފުޅުގެ ދުލުން އެއްވެސް އިތުރު ދޮގެއް ބޭރު ކުރަން ޒުހުދާ ބޭނުން ނުވާތީއެވެ. ޒީނާ އެންމެ ފަހުން، ޒުހުދާގެ ކޮނޑުގައި ފިރުމައިލަމުން، ގެއިން ނުކުންނަން ހިނގައިގަތެވެ.

***

މިފްޒާލް ސައިކަލުގައި ގޮސްމަޑުކޮށްލީ، ވަރަށް ބޮޑަށް ވީރާނާ ވެފައިވާ ގެއެއްގެ ކުރިމަތީގައެވެ. މިފްޒާލާއި އެކު ޒީނާ ވެސް ސައިކަލުގައި އިނެެވެ. މާލެ ފަދަ ކޮންކުރީޓް ތަރައްޤީގެ ވިދުން ގަދަ ތަނެއްގައި މިފަދަ ހަލާކުވެފައިވާ ތަނެއް މަދުވާނެއެވެ. އެގޭގައި ޖަހާފައިވާ ޓިނުތައް ވެސް ވަނީ ވަރަށް ބޮޑަށް ދަބަރު ޖަހާފައެވެ. އެގޭގެ މައްޗަށް އިތުރު އެއްވެސް ފަންގިފިލާއެއް ނެތެވެ.

ޒީނާ ބިރުން ހުރެ އެގޭގެ ދޮރު މަތީގައި ހުއްޓުނެވެ. ޒީީނާގެ ފަހަތުން މިފްޒާލް އައިސް ހީނލިއެވެ.

"ހެހެ. ބިރުންތަ ތީނީ؟" ޒީނާއަށް ސަމާސާ ކޮށްލަމުން މިފްޒާލް އަހައިލިއެވެ. ޙަޤީޤަތުގައި ވެސް އެ ގެ ވަރަށް ބިރުވެރިއެވެ. ބަލާބެލުމަށް ހީވަނީ ފަޅު ގެއެއް ހެންނެވެ. އެއްވެސް މީހެއް އެ ގޭތެރެއިން ނުފެނެއެެވެ. ކުރައްޕާއި، ފައިދިގު މަކުނުތައް ކޮންމެވެސް ވަރަކަށް ގޭގެ ދޮރާއި ކައިރިން ފެނެއެވެ. ޒީނާ އިތުރަށް ބިރު ގަންނަ ކަމަކަށް އެކަން ވިއެވެ.

"މާ ބިރުން ނުހުރެ އާދޭ!" މިފްޒާލް ހިފައިލީ ޒީނާގެ އަތުގައެވެ. ޒީނާގެ މޭ ގުނޑެމުން ދިޔައެވެ. ގޭ ތެރެއަށް ވަދެވުމާއި އެކު، ޒީނާގެ ހިތުގައި އުފެދުނީ ކޮޅުނެތް ކޮޅަށް ބިރުވެރި ކަމެކެވެ. މުޅި ގޭތެރޭގައި ވަނީ މަކުނުވާ ތަކެވެ.

ގޭތެެރޭގައި ފިޔަވަޅު ނަގަމުން ގޮސް މިފްޒާލް ހުއްޓުނީ، ކުޑަ ކޮޓަރިއެއްގެ ކުރިމަތީގައެވެ. އެވަގުތު ވެސް މިފްޒާލް ހުރީ ޒީނާގެ އަތުގައި ހިފައިގެންނެވެ.

"އަހަ.. އަހަރެން.. ވަރަށް ބިރުގަނޭ އެބަ.." ޒީނާ ބިރުން ތުރުތުރު އަޅަން ފެށިއެވެ. މިފްޒާލް ލާނެތް ފާޑަކަށް ހީނލަމުން، ކުރިމަތީގައި ހުރި ދޮރުގައި ޓަކި ދިނެވެ.

"ވަދޭ!" ދޮރުގައި މިފްޒާލް ޓަކި ދިނުމާއި އެކު، އެތެރެއިން އިވުނީ ބިރުވެރި އަޑެކެވެ. ޒީނާ އިތުރަށް ގަތީ ބިރެވެ. މިފްޒާލް ދޮރު ހުޅުވައިލަމުން އެތެރެއަށް ބޯ ދިއްކޮށްލިއެވެ.

"ވަންނަން ވީތަ ތަސްބީނާ.." މިފްޒާލް އެހެން އަހައިލުމާއި އެކު، އެ އަންހެން މީހާ ނިކަން ބާރަށް ހިނިގަނޑެއް ޖަހައިލިއެވެ. އެ އަޑުން ޒީނާގެ މުޅި ގައިން ހީބިހި ނަގައިގަތެވެ.

"އެއްފަހަރު ބުނެފިން ވަންނާށޭ! އާނ ވަދޭ!" ތަސްބީނާ ނިކަން ރުންކުރު ގޮތަކަަށް ބުނެލިއެވެ. މިފްޒާލްގެ ފަހަތުން ޒީނާ ވެސް އެ ކުޑަ ކޮޓަރިއަށް ވަނެވެ. ޒީނާއަށް އެ އަންހެން މީހާ ފެނުމާއި އެކު، ހުއްޓުނެވެ. އެއީ ބިރުވެރި ސޫރައެއްގައި ހުރި މުސްކުޅި އަންހެނެކެވެ. ބޮލުގެ އިސްތަށިގަނޑު ވަނީ ހާވައިލާފައެވެ. މޫނު މަތީގައި ރޫތައް ސަފު ހަދާފައި ހުރި އިރު، އެމީހާގެ ދެލޯ ބޮޑު ވެފައި، ތުންފަތުގެ ސައިޒު ވެސް ވަރަށް ބޮޑެވެ. އިންސާނަކަށް ވުރެށް އެ މީހާ ވައްތަރީ ޖަނަވާރަކާއެވެ. މިފްޒާލް ނިކަން ބާރަށް ޒީނާގެ އަތުގައި ހިފައިލަމުން ދަމައިލިއެވެ. ޒީނާ އެ ގަޑީ ދިޔައީ ސިއްސައިގެންނެވެ.

***

"މައު.." މެންދުރުގެ ކެއުން ތައްޔާރުކޮށްލައިގެން ހައުލާ ގެއިން ނުކުންނަން އުޅެނިކޮށް މިފްރާހު ގޮވައިލިއެވެ.

"ކީކޭ؟" ހައުލާ ހުއްޓިލައި ފަހަތަށް ބަލައިލިއެވެ.

"ވަގުތުކޮޅެއް އޮތިއްޔާ މަޑުކޮށްލެވިދާނެތަ؟ ވާހަކަދައްކާލަން.." މިފްރާހުގެ އެދުމާއި އެކު، ހައުލާ އަނެއްކާ އައިސް އިށީންނީ ސިޓިންގރޫމްގެ ސޯފާގައެވެ. އެއީ އެދެމީހުންގެ އާދައެވެ. ކޮންމެ ދުވަހެއްގެ އެތައް ވަގުތެެއް އެކި ވާހަކަތައް ދައްކަން މިފްރާހު ފޫހި ކަމެއް ނެތި ހައުލާއާ އެކު ވޭތު ކުރެއެވެ. ނަަމަވެސް އަދި އަދަށް ދާން ވެސް މިފްރާހަށް ނޭނގޭ ޙަޤީޤަތަކީ އޭނާގެ ގާތުގައި ވަނީ އޭނާގެ ލޯބިވެރިޔާ ހައުލާ ކަމެވެ.

***

ހައިޝަމަށް ހޭލެވުނު އިރު ހުރީ، މެންދުރު 2 ޖަހަން ގާތްވެފައެވެ. ހައިޝަމް ވަރަށް އަވަހަށް ފާޚާނާއަށް ވަދެ މޫނު ދޮވެލައިގެން ލިއުޝާއަށް ގުޅިއެވެ. އަދ ލިއުޝާއަށް ގުޅައިގެން ހުރެ، ރޮއްޓާއި ރިހައަށް އިންސާފު ކުރަމުން ދިޔައެވެ. އެދެމީހުން ލޯބިން ވާހަކަދައްކަމުން ދިޔައިރު އެމީހުންނަށް ނޭނގޭ ކަމަކީ އެދެމީހުންގެ ދިރިއުޅުމަށް ނަގަން ތައްޔާރު ވަމުން ދިޔަ ތޫފާނެވެ. އެތޫފާނުން އެމީހުންގެ ޙަޔާތަށް ކޮށްފާނެ އަސަރަކާ މެދު އެމީހުންނަށް ކުޑަކޮށް ވެސް ވިސްނާ ނުލެވުނެވެ.

***

"ހައްހައްހާ.. ކިޔާ ބަލަ! ކިހިނެއް ހަދަންވީ؟" ތަސްބީނާ ނިކަން ބިރުވެރިކޮށް އަނެއްކާ ވެސް ހިނގަނޑެއް ޖަހައިލަމުން އަހައިލިއެވެ.

"އާނ! އަހަރެން ބުނީމެއްނު؟" މިފްޒާލް އެހެން ބުނުމާއި އެކު ތަސްބީނާ ދެލޯ ބޮޑުކޮށްލަމުން ބަލައިލީ ޒީނާއަށެވެ. ނޭވާ ހިފަހައްޓާލައިގެން އިން ޒީނާއަށް ހަމަ ދެންމެ ދެންމެ ކުޑަ ކަމުދެވޭ ވަރުވެފައި އިނީ ބިރުން ވިރޭ ހާލުގައެވެ.

"ހޮހޮހޯ.. އާނ. ދިރިއުޅުން ހަލާކު ކޮށްލަންވީ ދޯ؟ ހައްހައްހާ.. ތިކަން ވެދާނެ.." ތަސްބީނާގެ އަމަލުތައް ހުރީ ނާމާން ގޮތަކަށެވެ.

"އާނ! ހާސް ނުވޭ.. އެ ކުއްޖާއަށް ކިޔަނީ ލިއުޝާދޯ؟ ދެން ހައިޝަމް؟ ޒީނާ.. މިފްޒާލް.." ތަސްބީނާގެ ހަނދާނުގައި ނަންތައް ހަރުލާފައި ހުއްޓެވެ.

"އަހަރެންގެ ނަން؟" ޒީނާ ބިރުން ހުރެ، އަމިއްލަ ނަފުސާ ސުވާލުކޮށްލިއެވެ.

"ބޭނުން ވިއްޔާ ސިހުރު ހަދައިގެން މަރާ ވެސް ލެވިދާނެ.. އެކަމު ބޭނުން ވާނެ ބައެއް ތަކެތި.. ކާކު މަރާާލަންވީ؟" ތަސްބީނާގެ އަޑުވެސް އެހާ ބަރެވެ.

"ހައިޝަމް.. ހައިޝަމް މަރާލަން ބޭނުންވަނީ.." މިފްޒާލް ބިރެއް ނެތި ބުނެލިއެވެ. ޒީނާ ވީ ދެރައިން ދެލޯ މަރައި، ހިން ދިރުވައިލިއެވެ.

(ނުނިމޭ)