ޑރ. މުހައްމަދު ޖަމީލް އަހުމަދު

"ބަލިވާތަން ފެނުމަކީ އިންތިހާބު ފަސްކުރަން ހުއްޖަތެއް ނޫން"

އަންނަ މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ލޯކަލް ކައުންސިލް އިންތިހާބު އެ ތާރީހުގައިވެސް ނުބޭއްވިދާނެ ކަމަށް ބެލެވޭތީ އިންތިހާބު ފަސްކުރަން ހުށައަޅަން އިލެކްޝަންސް ކޮމިޝަނުން ނިންމުމުން ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު އެކަމަށް ފާޑުވިދާޅުވެއްޖެ އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެކުލަވާލާފައިވާ އިންތިހާބު ކުރިޔަށް ގެންދިއުމުގައި އަމަލުކުރަންވީ ގޮތުގެ ގައިޑްލައިންގެ ސަބަބުން ގޮންޖެހުންތައް ހުރުމުން މިހާރު ކަނޑައަޅާފައިވާ ތާރީހުގައި އިންތިހާބު ނުބޭއްވިދާނެތީ އެކަން ރައްޔިތުންގެ މަޖިލީހަށް ހުށައަޅަން އީސީން މިއަދު ވަނީ ނިންމާފައެވެ. ނަމަވެސް މަޖިލީހުން އެ ނިންމުން ނުނިންމައިފިނަމަ އިންތިހާބުގެ ކަންކަން ކުރިއަށް ގެންދަން ކޮމިޝަން އޮތީ ތައްޔާރަށެވެ. ކޮމިޝަނުން ބުނަނީ ގައިޑްލައިން އޮތީ އިންތިހާބު ވަރަށް ބުރަބޮޑުވާ ގޮތަށް ކަމަށެވެ.

ކައުންސިލް އިންތިހާބަށް މީގެ ކުރިން ވަރަށް ގިނަ ތާރީހުތައް ކަނޑައަޅާފައިވެއެވެ. 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ފުރަތަމަ ބޭއްވުމަށް ނިންމި އިންތިހާބަށް އޭގެ ފަހުން ހަތަރު ފަހަރެއްގެ މަތިން ތާރީހު ކަނޑައެޅިއެވެ.

އަނެއްކާވެސް އިންތިހާބު ފަސްވެދާނެ ކަމުގެ އިޝާރާތްތަކާއެކު އެކަމާ ކަންބޮޑުވުން ފާޅުކުރައްވާ ޖަމީލް ވިދާޅުވީ ރައްޔިތުންގެ ކިބައިން އިންތިހާބީ ހައްގުތައް ނިގުޅައިގަތުމަށް ސަރުކާރާއި މަޖިލީސް މެޖޯރިޓީ އެމްޑީޕީގައި އޮވެ ހީލަތްތެރިކަމާއެކު ކަންކަން ކުރަމުންދާ ކަމަށެވެ. މިހާރު ހިންގާ ކަންކަމަށް އިންސާފު ހޯދާނެ ދުވަސް އަންނާނެ ކަމަށްވެސް އޭނާ އިންޒާރު ކުރެއްވިއެވެ.

އަދި ވިދާޅުވީ ކައުންސިލް އިންތިހާބުން ބަލިވާނެކަން އެނގުމަކީ އިންތިހާބު ފަސްކުރަން އޮތް ހުއްޖަތެއް ނޫން ކަމަށެވެ.

"ސަރުކާރާއި މަޖިލިސް އޮތަސް އިރުއިރު ކޮޅަކާ ކުރަނީ އިންތިހާބީ ހައްގު ނިގުޅައިގަތުމަށް ހީލަތްތެރި ކަންކަން. މަޖިލީހާއި އިލެކްޝަންސް ކޮމިޝަންއާ ދެމެދު ރައްޔިތުން ތާށި ކުރުމަކީ ބޮޑު ޖަރީމާއެއް. ގާނޫނުގެ ދިގު އަތް ފޯރާނެ ދުވަސް އަންނާނެ. ބަލިވާތަން ފެނުމަކީ އިންތިހާބު ފަސްކުރަން ހުއްޖަތެއް ނޫން،" ޖަމީލް ވިދާޅުވިއެވެ.

އެޗްޕީއޭއިން އާންމުކުރި ކައުންސިލް އިންތިހާބުގައި އަމަލުކުރަން ޖެހޭ އާންމު އުސޫލުގައި އިންތިހާބަށް ތައްޔާރުވުމުގައްޔާއި އިންތިހާބު ބޭއްވުމުގައި ސަމާލުކަން ދޭންވީ ކަންކަމާއި ވޯޓުލާ މަރުކަޒުތަކުގައި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާއި ވޯޓު ގުނުމުގައި އަމަލު ކުރަންވީ ގޮތާއި އިންތިހާބުގެ މަސައްކަތްތަކުގައި ހަރަކާތްތެރިވާ މީހުން އަމަލުކުރަން ޖެހޭ ގޮތްތަކާއި ވޯޓުލާ މަރުކަޒުގައި ހުންނަ ތަކެތީގެ ސާފުތާހިރުކަން ހުންނަން ޖެހޭ ގޮތް ހިމަނާފައިވެއެވެ.

އަދި ވޯޓުލާ މަރުކަޒުގައި އުފެދޭ ކުނި ނައްތާލާނެ ގޮތާއި ވޯޓުލުމަށް މަރުކަޒުތަކަށްދާ މީހުން އަމަލު ކުރަން ޖެހޭ ގޮތާއި އެކަހެރިކޮށްފައިވާ މީހުން ވޯޓުލުމުގެ ކަންތައްތައް ހަމަޖެއްސަން ޖެހޭ ގޮތާއި އެކަހެރިކޮށްފައިވާ މީހުން ވޯޓުލުމުގައި އަމަލު ކުރަން ޖެހޭ ގޮތްވެސް ބުނެދީފައިވެއެވެ.