މޯލްޑިވްސް ޕޯޓްސް ލިމިޑެޓް (އެމްޕީއެލް) ގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކަށް ސީރިއަސް އަނިޔާތަކެއްވީ މައްސަލަ ތަހުގީގު ކުރަން ފަށައިފި އެވެ.
އެމްޕީއެލްގައި ހިނގި ހާދިސާގައި ޒުވާނަކަށް އަނިޔާވެފައިވަނީ ކާޕެޓް ރޯލްތަކެއް ލޯޑްކުރަން އުޅުމުގެ ތެރޭގައި ކެެރޭނުން ކެނޑި ވެއްޓުމުގެ ސަބަބުންނެވެ. މި ހާދިސާއާ ގުޅިގެން އަނިޔާވި މީހާގެ ގިނަ އޮޕަރޭޝަންތަކެއް ވަނީ ކޮށްފައެވެ. ހޮސްޕިޓަލުން ބުނީ އޭނާއަށް ފަރުވާ ދެނީ އައިސީޔޫގައި ކަމަށާ ހާލު ސީރިއަސް ކަމަށެވެ.
އަނިޔާވި މީހަކީ މިނާ އިންވެސްޓްމަންޓް ގްރޫޕުގައި މަސައްކަތް ކުރާ މީހެކެވެ.
އެމްޕީއެލްއިން ދެންމެ ނެރުނު ބަޔާނެއްގައި ބުނީ އެކްސިޑެންޓްގެ ތަހުގީގު ފަށާފައިވާއިރު މިނާ އިންވެސްޓްމަންޓް ގްރޫޕާއި ހާދިސާއާ ގުޅުންހުރި އޮޕަރޭޝަންގައި މަސައްކަތްކުރި އެމްޕީއެލްގެ މުވައްޒިފުން ސަސްޕެންޑް ކުރަން އެ ކުންފުނީގެ އެކްސިޑެންޓް އެންޑް އިންވެސްޓިގޭޝަން ކޮމެޓީން ނިންމާފައިވާ ކަމަށެވެ. މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާއިރު ޒިންމާވާން ޖެހޭ މީހުންނަށް ފިޔަވަޅު އަޅާނެ ކަމަށްވެސް ބުންޏެވެ.
އެމްޕީއެލްގައި ނުރައްކާތެރި ހާދިސާއެއް ހިނގާފައި މިވަނީ ބިއްލޫރި ޕެލެޓެއް ދަށުވެ މަޖޫރީއަކު މަރުވެފައިވަނިކޮށެވެ. މި ދިޔަ މަހުގެ ހަތްވަނަަ ދުވަހު ހިނގި ހާދިސާގައި އަނިޔާވެގެން އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެެމުން ދަނިކޮށް މަރުވީ ނ. ލަންދޫ، ފޭރުގަސްދޮށުގޭ، އަބްދުﷲ އާސިމް 27، އެވެ. އޭނާ ތާށިވީ ކޮންޓެއިނަރުގެ ބިތާއި ބިއްލޫރިތަކާ ދެމެދު އެވެ. ބިއްލޫރި ޕެލެޓް ވެއްޓުނީ އޭނާގެ މޭމައްޗަށެވެ. އޭގެ ސަބަބުން އޭނާ ވަރަށް ބޮޑަށް ޒަހަމްވެ އެތެރެހައްޓާއެކު ގިނަ އަނިޔާތަކެއް ލިބުނެވެ. އެ ގޮތުން އެތެރެހައްޓަށް ގިނަ އަދަދަކަށް ލޭ ފޭދި އަތުގެ އުޅަނބޮއްޓާއި ކުޑަހުޅާއި ފައިގެ އުކުޅުވަޅު ބިންދައިގެން ގޮސް މައިބަދަޔަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައި ވެއެވެ.
އެ ހާދިސާގައި އިތުރު ދެ މީހަކަށްވެސް އަނިޔާވިއެވެ.