ދުނިޔެ

އީޔޫ ތިން ގައުމެއްގެ ޑިޕްލޮމެެޓުން ރަޝިއާއިން ފޮނުވާލަނީ

ރަޝިއާއިން އީޔޫ ތިން ގައުމެއްގެ ޑިޕްލޮމޭޓުން ފޮނުވާލަން ނިންމައިފި އެވެ. އެއީ ސްވިޑްން އާއި ޖަރުމަނާއި ޕޮލޭންޑެވެ. ރަޝިއާއިން ބުނި ގޮތުން އެ މީހުން ވަނީ އިދިކޮޅު ލީޑަރު އެލެކްސީ ނަވާލްނީއަށް ސަޕޯޓްކޮށް ޖެނުއަރީ 23 ގައި ސެއިންޓް ޕީޓަސްބާގް އަދި މޮސްކޯ މަގުތަކަށް އަމުރާ ޚިލާފަށް އެއްވި މީހުންނަށް ހިތްވަރުދީ އަމަލީ ގޮތުން ބައިވެެރިވެފަ އެވެ.

ފޮރިން މިނިސްޓްރީން ބަޔާނެއް މެދުވެރިކޮށް ޑިޕްލޮމެޓުންގެ ކިބައިން އެދިފައި ވަނީ ވީ އެންމެ އަވަހަކަށް ގައުމު ދޫކުރައްވައި ވަޑައިގަތުމަށެވެ. މި އަމުރާ ގުޅުންހުރި ލިޔުންތައް ރަޝިއާގައި ހުންނަ އެ ގައުމެއްގެ ޑިޕްލޮމެޓިކް އޮފީހަށް ފޮނުވާފައިވާ ކަމަށް ވެސް ބަޔާނުގައި ބުނެ އެވެ.

ރަޝިއާއިން ބުނި ގޮތުން މަގުތަކަށް ނުކުމެ ވަޑައިގެން ދާހިލީ މަސްލަހަތަށް ފާޑުވިދާޅުވުމަކީ ބައިނަލްއަގްވާމީ ޑިޕްލޮމޭޓުންގެ ދައުރެއް ނޫނެވެ. ރަޝިއާއިން ބުނީ އުންމީދަކީ ސްވިޑްން އާއި ޕޮލޭންޑް އަދި ޖަރުމަނުން ވެސް މިކަމާ މެދު ވިސްނުމެވެ. އަދި ކުރިއަށް އޮތް ގަނުގައި ގުޅިގެން ކުރެވެން އޮތް ކަމަކަށް މަސްލަހަތު އަމާޒު ކުރުމެވެ.

ޔޫރަޕް ގައުމުތަކުން ވަނީ މިކަން ވަރަށް ބޮޑަށް ކުށްވެރިކޮށްފަ އެވެ. ޖަރުމަންގައި ހުންނަވާ ރަޝިއާގެ އެމްބެސެޑަރު ހާޒިރު ކުރައްވައި އެ ގަމުން ބުނީ އެބޭފުޅުން އަދާކުރެއްވީ ޒާލިމް ޑިއުޓީ ކަމަށެވެ. ރަޝިއާގައި ކަންހިނގާ ގޮތް ބައްލަވައި ރިޕޯޓް ކުރުމަކީ މަސައްކަތުގެ ބައެއް ކަމަށެވެ.

ސްވިޑްންއިން ބުނީ ރަޝިއާއިން ޑިޕްލޮމެޓުން ބޭރު ކޮށްލަން ދައްކަނީ ގަބޫލު ކުރެވޭ އުޒުރެއް ނޫން ކަމަށެވެ. އަދި އެސަބަބު ބަލައި ނުގަންނަ ކަމަށް ރަޝިއާއަށް އަންގާފައިވާނެ ކަމަށް ވެސް ސްވިޑްންއިން އެސޯސިއޭޓް ޕްރެސްއަށް ވަނީ ބުނެފަ އެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން ވެސް ވަނީ ރަޝިއާގެ އަމަލު ކުށްވެރި ކުރައްވާފަ އެވެ. އިނގިރޭސި ފޮރިން ސެކްރެޓަރީ ޑޮމިނިކް ރާބް ވިދާޅުވީ ޑިޕްލޮމެޓުން ބޭރު ކޮށްލުމުގައި ރަޝިއާގެ ނިޔަތް ރަނގަޅު ނޫން ކަމަށެވެ.