ހުއްޖަތާއި ބަހަނާ ނުދައްކާ ކައުންސިލް އިންތިހާބު ބާއްވަން ރައްުޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.
އެމަނިކުފާނު މިއަދު ކުރެއްވި ޓްވީޓެއް މެދުވެރިކޮށް ގޮވައިލެއްވެވީ ކައުންސިލްތަކުގެ އިންތިހާބު ލަސް ކުރަން ސަބަބުތަކާއި ހުއްޖަތްތައް ނުހޯދުމަށެވެ. އަދި އިންތިހާބުގެ ކަންކަން މިހާރު ކަނޑައަޅާފައިވާ ތާރީހަށް ހަމަޖެއްސުމަށް ވެސް އެމަނިކުފާނު ވަނީ އީސީއަށއް ގޮވާލައްވާފަ އެވެ.
ކައުންސިލް އިންތިހާބު ބާއްވަން މިހާރު ނިންމާ އިއުލާންކޮށްފައިވާ ދުވަހަކީ އެޕްރީލް މަހުގެ 10 ވަނަ ދުވަހެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވިއިރު، އީސީން އިއްޔެ ވަނީ އެޗްޕީއޭ އިން އެކުލަވާލައިފައިވާ އިންތިހާބު ކުރިޔަށް ގެންދިއުމުގައި އަމަލު ކުރަންވީ ގޮތުގެ ގައިޑްލައިންގެ ސަބަބުން ގޮންޖެހުންތައް ހުރުމުން މިހާރު ކަނޑައަޅާފައިވާ ތާރީހުގައި އިންތިހާބު ނުބޭއްވިދާނެތީ އެކަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމާފަ އެވެ.
ގައިޑްލައިނާއި އެއްގޮތަށް އިންތިހާބު ބޭއްވުމަށް ދަތިތަކެއް ހުރިކަމަށް އީސީން ވަނީ ބުނެފަ އެވެ. އިންތިހާބު ފަސް ކުރަން ހުށައެޅުމުގެ ވިސްނުން ހުރި ނަމަވެސް މަޖިލީހުން ވަކި ގޮތެއް ނުނިންމާނަމަ އިންތިހާބުގެ މަސައްކަތްތައް މިހާރުވެސް ކުރިއަށް ގެންދާ ގޮތަށް ގެންދާނެ ކަމަށް ވެސް އެކޮމިޝަނުން ބުނެފައި ވެއެވެ.