ޝަލަބީ އިބްރާހިމް

މީރާއާއި ޝަލަބީގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދަނީ!

މަޝްހޫރު ލަވަކިޔުންތެރިން ކަމަށްްވާ މީރާ މުހައްމަދު މާޖިދާއި ޝަލަބީ އިބްރާހިމްގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދާ މައްސަލަ ފެންމަތި ކޮށްފި އެވެ.

އެ ދެ ތަރިންގެ ނަމުގައި ވެސް ފައިސާ ހޯދަމުން ދަނީ ފޭސްބުކްގައި ހަދާފައިވާ އެކި ޕޭޖްތައް މެދުވެރިކޮށެވެ. އެގޮތުން ޝަލަބީ ކުރިން ރެކޯޑް ކޮށްފައިވާ ގުރުއާން ކިޔަވާ ވީޑިއޯއަކާއި މީރާވެސް ކުރިން ރެކޯޑްކޮށްފައިވާ ލަވައެއް "ލައިވް" ގެ ގޮތުގައި ގެނެސްދީފައި ވެއެވެ.

އެ ވީޑިއޯތަކަށް ކޮމެންޓް ކުރާ މީހުންނަށް ފައިސާގެ އިނާމް ލިބޭނެ ކަމަށް ބުނެފައިވާއިރު ގިނަ ބަޔަކު ކޮމެންޓް ވެސް ކޮށްފައި ވެއެވެ. ފަހުން އެ ޕޭޖްތަކުން ދަނީ ކޮމެންޓްކުރާ މީހުންނަށް ފައިސާގެ އިނާމް ލިބުނު ކަމަށް ބުނެ ކޭޝްކާޑާއި ޒާތީ މައުލޫމާތު ހޯދަމުން ނެވެ.

މި ކަމާ ގުޅިގެން ފުލުހުންގެ ފުލުހުންނާ ގުޅި ނަމަވެސް ވާހަކަ ދައްކާފައެއް ނުވެއެވެ. ނަަމަވެސް އެއީ އޮޅުވާލުމެއް ކަމަށް ބުނެ އެކަމަށް ސަމާލުވާން ޝަލަބީ ވަނީ ޓްވީޓާގައި ބުނެފަ އެވެ.

މުބަރާތްތަކާއި އެނޫން ވެސް އެފަދަ އެކިއެކި އުކުޅުތައް ބޭނުން ކޮށް ހީލަތާއި މަކަރު ހަދައި ދޭތެރެ ދޭތެރެއިން ރާއްޖޭގައި ފައިސާ ހޯދާ މައްސަލަ ފެންމަތިވެ އެވެ. އެފަދަ މައްސަލަތަކާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސްއިން ދަނީ އާންމުން ހޭލުންތެރިކަން ކެމްޕޭންތައް ވެސް ހިންގަމުން ނެވެ.