އައްޑޫ ސިޓީ

އައްޑޫގެ ރަށްތަކަށް އަރާ ފޭބުން މަނާކޮށްފި

އައްޑޫ ސިޓީގެ ރަށްތަކަށް އަރާ ފޭބުން މަނާކޮށްފި އެވެ.

އައްޑޫ އެޗްޕީއޭގެ މޮނިޓަރިންއަށް ލީ ހިތަދޫއިން ދެ މީހަކު ޕޮޒިޓިވް ވެގެންނެވެ. އެއީ ކަރަންޓީންގައިވެސް ހުރި ދެ މީހުންނެއް ނޫނެވެ. އައްޑޫގެ ރަށްތަކަށް އަރާ ފޭބުން މަނާކޮށް މޮނިޓަރިންއަށް ލީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިމެންދެނެވެ.

އައްޑޫ ސިޓީ ހުޅުމީދޫއިންވެސް ގިނަ ބަޔަކު ޕޮޒިޓިވްވެފައިވެއެވެ. އެ ރަށުން 28 މީހަކު މިހާތަނަށް ޕޮޒިޓިވްވެފައިވެއެވެ. ހުޅުމީދޫއިން ޕޮޒިޓިވްވެފައިވަނީ އެ ރަށު އެމްޓީސީސީ ސައިޓުގައި އުޅޭ ބައެކެވެ. އެއީ މުޅިންވެސް ބިދޭސީންނެވެ.

ކޮވިޑް ފެތުރުން ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފަައި އޮތުމަށްފަހު ކޮންމެ ދުވަހަކު ބަލިޖެހޭ މީހުންގެ ނިސްބަތް މިފަހުން ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ. ޖަނަވަރީގެ ފުރަތަމަ 20 ދުވަހު ފަންސާހުން ދަށުން ޕޮޒިޓިވްވީ އެންމެ ދުވަހަކުއެވެ. އެ ނޫން ކޮންމެ ދުވަހަކު ޕޮޒިޓިވް ނަންބަރު ފަންސާހުން މައްޗެވެ. ފަހު 8 ދުވަހު ނަންބަރު ހުރީ 100 އިން މަތީގައެވެ. ބައެއް ދުވަސް ދުވަހު 145 މީހަކަށް ބަލި ޖެހިފައިވެއެވެ.

ރާއްޖެއިން މިހާތަނަށް 16،547 މީހަކަށް ބަލި ޖެހިފައިވާއިރު 14،472 މީހަކު ވަނީ ބަލިން ފަސޭހަވެފައެވެ. އެކްޓިވް ކޭސްތަކުގެ އަދަދަކީ 2،014 އެވެ. ކޮވިޑްގައި ރާއްޖެއިން 54 މީހަކު މަރުވެއްޖެ އެވެ. އެއީ 46 ދިވެހިންނާއި 8 ބިދޭސީންނެވެ. މި މަހުގެވެސް ދެ މީހަކު މި ބަލީގައި މަރުވިއެވެ. އެންމެ ފަހު މީހާ މަރުވީ ރޭގެ ވަގުތެއްގައެވެ. މިދިޔަ ޖަނަވަރީގައި ހަތަރު މީހަކު މަރުވިއެވެ.

ރާއްޖޭގައި ކޮވިޑް ބަލި ޖެހޭ މީހުންގެ ނިސްބަތް އިތުރުވާން ފެށުމުން އެޗްޕީއޭއިން ވަނީ ފިޔަވަަޅުތައް ވަރުގަދަ ކޮށްފައެވެ. މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ރޭގަނޑު 12 އިން ފެށިގެން ފަތިހު ހަތަރަކަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާންމު ތަންތަނަަށް ނިކުމެ އުޅުން މަނާކޮށް ކާފިއު ހިންގަން ވަނީ ނިންމާފައެވެ. މީގެ އިތުރުން ޕާޓީތަކާއި ހަފްލާތައް އަދި ރަސްމިއްޔާތުތައް ބޭއްވުންވެސް ވަނީ މަނާކޮށްފައެވެ. އެއީ މާލެ، ވިލިމާލެ އަދި ހުޅުމާލޭގައެވެ. ފަތުރުވެރިން ފިޔަވައި ރާއްޖެއިން ބޭރުން އަންނަ މީހުން 10 ދުވަހުގެ މުއްދަތަށް ކަރަންޓީނުކުރުމަށްވެސް ވަނީ ނިންމާފައެވެ.