ގައްދޫ

ފާރު ދަށުވި ކުއްޖާ ފަރުވާއަށް މާލެ ގެންނަނީ

ފާރެއް ދަށުވެ ބޮޑެތި ޒަހަމްތަކެއްވި ގދ. ގައްދޫ ކުޑަ ކުއްޖާ އިތުރު ފަރުވާއަށް މާލެ ގެންނަން ނިންމައި އެ މަސައްކަތް ފަށައިފި އެވެ.

އުމުރުން 17 އަހަރުގެ މުހައްމަދު ފިރުޝާނަށް ލިބުނު ޒަހަމްތަކަށް މިހާރު ފަރުވާ ދެމުން އަންނަނީ އެ އަތޮޅު ތިނަދޫ އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލްގަ އެވެ. ފަރުވާ ދެމުން އަންނަނީ މެޝީންގެ އެހީގަ އެވެ. ނޭވާ ލައްވަނީ ވެންޓިލޭޓަރުގެ އެހީގަ އެވެ.

ގައްދޫ ކައުންސިލްގެ މެންބަރު މުހައްމަދު ލަބީބް މިރޭ ވިދާޅުވީ ކުޑަ ކުއްޖާގެ ފައިގެ ފަލަމަސް ގަނޑާ ދިމާއިންނާއި ކަށިމަތި ބިންދައިގެން ގޮސްފައިވާ ކަމަށާއި އޭނާގެ އެއް ފައިގެ ފުންނާބު ވެސް އޮތީ ވަރަށް ބޮޑަށް ޗިސްވެފައިވާ ކަމަށެވެ.

"ކަށީގެ އޮޕަރޭޝަނެއް ވެސް ކޮށްފަ ބޭރުން ދަގަނޑު ލައްފާފަ މިހާރު އޮތީ. އެކަމަކު ޑޮކްޓަރު ލަފާދީފައި މިހާރު އޮތީ މާލެ ގެންދަން. އެހެންވެ މިހާރު މާލެ ގެންދަން ދަނީ ތައްޔާރުވަމުން،" ލަބީބް ވިދާޅުވި އެވެ.

ފިރުޝާން ފާރެއްގެ ދަށުވީ ގައްދޫ ކައިރީގައި އޮންނަ ލޮނުދުއަހުުއްޓާ ކިޔާ ރަށަކަށް ދަތުރު ގޮސް އުޅުމުގެ ތެރޭގަ އެވެ. އެ ހާދިސާގައި އެހެން ކުއްޖަކަށް ވެސް ކޮންމެވެސް ވަރެއްގެ އަނިޔާތަކެއް ލިބުނެވެ. ނަމަވެސް އޭނާގެ ހާލު ރަނގަޅެވެ.

ލޮނުދުއަހުއްޓާއަކީ ކުރިން ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަން ފަށައި މަސައްކަތް ހުއްޓާލާފައި އޮތް ރަށެކެވެ. އަދި އެ ރަށުގައި ހުރި ގިނަ އިމާރާތްތައް މިހާރު ހުރީ ވީރާނާވާން ކައިރިވެފައި ވެއެވެ.