ހަބަރު

ޔޫސުފްގެ އޮޕަރޭޝަން މިއަދު

Feb 7, 2021
3

އުމުރުން ފަސް މަހުގެ ޔޫސުފު ހާމިދު މުހައްމަދަށް ދިމާވެފައިވާ އާދަޔާ ހިލާފު ސިއްހީ މައްސަލަތަކުގެ ސަބަބުން ބޮޑު އޮޕަރޭޝަނެއް ކުރަން ޖެހިފައި ވެއެވެ. އާދަޔާ ހިލާފަށް ބޯ ބޮޑުވަމުން ދާތީ ޔޫސުފްގެ އެ އޮޕަރޭޝަން މިއަދު ކުރާނެ އެވެ.

އޮޕަރޭޝަން ކުރަން ޔޫސުފުގެ މަންމަ އާއި ބައްޕަ ވެސް މިހާރު ވަނީ އޭޑީކޭ ހޮސްޕިޓަލްގަ އެވެ. ރެއިން ފެށިގެން ހޮސްޕިޓަލްގައި އެޑްމިޓްވެ ތިބީ މިއަދު ކުރަން އޮތް އޮޕަރޭޝަނަށަށެވެ. އެ ދެމަފިރިން ބުނީ އޮޕަރޭޝަނަށް ވާންޖެހޭ ތައްޔާރީތައް ވެފައިވާ ކަމަށެވެ.

މި ހާއްސަ އޮޕަރޭޝަން ފަށާމީ މިއަދު 11:00 ޖަހާއިރު އެވެ.

ޔޫސުފްގެ ވާހަކަ އާންމުންގެ ސަމާލު ކަމަށް އައުމުން ވަރަށް ގިނަ ބަޔަކު ވަނީ އެ ކުއްޖާއަށް އެހީތެރިވެ، ހެޔޮ ދުއާ ވެސް ކޮށްފަ އެވެ.

އޮޕަރޭޝަނަށްޓަކައި ގިނަ ދުވަސްތަކެއް ވަންދެން މާލޭގައި ތިބެން ޖެހޭއިރު އެވަރުގެ ތަނަވަސް ކަމެއް ޔޫސުފްގެ އާއިލާގެ ނެތެވެ. ޔޫސުފްގެ ވާހަކަ އާންމުންގެ ސަމާލު ކަމަށް އައީ އެހާ ހިސާބުންނެވެ. އާއިލާއިން އެދުނީ މާލޭގައި ތިބޭއިރު ކޮންމެހެން ކުރަންޖެހޭ ހަރަދު ކުރެވޭނެ ތަނަވަސްކަން ނެތުމުން އެހީތެރިވެ ދިނުމަށެވެ.

"އެކި މިންވަރުން މީހުން އެހީތެރިވެދީފި. އެކަމަށްޓަކައި މާތްﷲ އަށް ހަމްދު ކުރަން. ހުރިހާ އެންމެންނަށް ޝުކުރު އަދާކުރަން. ހެޔޮ ދުއާ ކޮށްދިން ހުރިހާ އެންމެންނަށް ވެސް އަހަރެމެން ދެ މީހުންގެ ހިތުގައި އޮތީ ވަރަށް ހާއްސަ ޝުކުރެއް. އެހީތެރިކަމާއި ހެޔޮ ދުއާއަށް އަހަރެމެން މި ތިބީ ވަރަށް ބޭނުންވެފައި،" ޔޫސުފްގެ ބައްޕަ ހާމިދު މުހައްމަދު ބުންޏެވެ.